ހަބަރު

ޕޮއިންޓު މިންގަނޑުތަކާ ހިލާފަށް އެއްވެސް ފްލެޓެއް ނުދެން: މުއިއްޒު

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވެހިކަމުގެ މަޝްރޫއު، "ހިޔާ" އިން ކަނޑައެޅި މިންގަނޑުތަކާ ހިލާފަށް ޕޮއިންޓު ލިބުނު އެއްވެސް ފަރާތަކަށް ފްލެޓު ދިނުމަށް ނިންމާފައި ނުވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީ އިން ހިޔާ ފްލެޓުތައް ދިނުމުގައި ބޮޑެތި ގޯސްތައް ހަދާފައިވާ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ފްލެޓް އެވޯޑްކުރި ގޮތުގެ ކަންކަން ބަލައި ކޮމިޓީއިން އެ މައްސަލަތައް އިތުރަށް ބަލަން ޖެހޭ ކަމަށް ބުނެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން މުއިއްޒު މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމިޓީ އިން އެކަމާ ގުޅޭ ގޮތުން އިއްޔެ މީޑިއާގައި ދައްކާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ހައުސިން މިނިސްޓްރީއާ ހަވާލު ކުރި، ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް އެ މިނިސްޓްރީ އިން ކުރިޔަށް ގެންގޮސްފައި ވާނީ މީޑިއާއާ ގާތުން ދެ ފުށް ފެންނަ އުސޫލަކުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހުރިހާ އުސޫލުތަކާއި ޝަރުތުތަކާއި ޕޮއިންޓު ލިބޭ ގޮތުގެ ތަފްސީލު ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ކެޓަގަރީއެއްގައި އުސޫލުތަކާއި ޕޮއިންޓު ލިބޭ ގޮތް ތަފާތުވުމުން އެއް ކެޓަގަރީ އަނެއް ކެޓަގަރީ އަޅާ ކިޔާ އިންސާފާއި ބޭއިންސާފު ތަރާދުން ކުރުމަކީ ހަމެޖެހޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ ކެޓަގަރީގައި ބަލާފައިވާނީ ތައުލީމަށާއި ވަޒީފާގެ މުއްދަތަށް ކަމަށާއި އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ އިން ބަލާފައިވާނީ އެ ފަރާތެއް އެކަނިވެރިކަމާއެކު ހޭދަކޮށްފައިވާ މުއްދަތު ކަމަށް މުއިއްޒު ވިދާޅުވި އެވެ. ދަފްތަރުގެ ކެޓަގަރީގައި މާލޭގައި އުޅުނު މުއްދަތަށް ޕޮއިންޓު ދީފައިވާ އިރު ސިވިލް ސާވިސް މުވައްޒަފުންނަށް ވީހާވެސް ގިނަ ފްލެޓް ލިބޭ ގޮތަށް ޕޮއިންޓު ދިނުމުގެ އުސޫލުތައް ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބައެއް ކެޓަގަރީތަކުގައި ކައިވެރިކޮށްގެން ހުންނަން ޖެހޭ ކަމަށް ޝަރުތުކޮށްފައިވީ ނަމަވެސް އަނބިފިރިމީހާ ނިޔާވެފައިވާ ނަމަ ނުވަތަ ވަރިވެ ދަރިން ބަލަމުންދާ ނަމަ ޝަރުތު ފުރިހަަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބައެއް ކެޓަގަރީގައި ކައިވެނިކޮށްގެން ހުރުން ވެސް ލާޒިމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެބަފައިންނަށް ނުވަތަ އެއް އާއިލާގެ އެކަކަށްވުރެ ގިނަ މީހުންނަށް ލިބިފައި ނުވާކަން އަޅުގަނޑު ބޭއްވި ޕްރެސްކޮންފަރަސްގައި ވެސް ވާނީ ވިދާޅުވެފައި، އެއީ އެންމެ ނިކަމެތިކޮށް އުޅޭ ފަރާތްތައް ހޮވުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ދައްކުވާދޭ ކަމެއްކަން ވެސް އޭރު ފާހަގަ ކުރިން،" މުއިއްޒު ވިދާޅުވި އެވެ. "ގެޒެޓުގައި ޝާއިއުކޮށްފައިވާ ދާއިމީ ލިސްޓުތަކުގައި، އިއުލާނުކޮށް ނުވަތަ ޝާއިއުކޮށްފައިވާ އުސޫލުތަކާއި ނުވަތަ ޝަރުތުތަކާއި ނުވަތަ ޕޮއިންޓު ލިބޭ މިންގަނޑުތަކާ ހިލާފަށް ހިމަނާފައިވާ އެއްވެސް ފަރާތެއް ނުވާނެ،"

މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއަށް ރައްޔިތުން ހުށަހަޅާފައިވާ ފޯމްތައް ރައީސް ޔާމީންގެ ސަރުކާރުން ނިމުނު އިރު ހުންނާނީ ސުމާރު ނަމްބަރު ތަރުތީބުން ފޮށިގަނޑުތަކަށް އަޅާ ބަންދުކޮށްފައި ކަމަށެވެ. އެ ފޯމްތައް ހުރީ އޮފީސްތެރޭ އުކާލާފައި ކަމަށް ކޮމިޓީ އިން ބުނާ ކަމަށް ވާނަމަ އެއީ ކަންބޮޑުވާންޖެހޭ ސީރިޔަސް މައްސަލައެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ކޮމިޓީ އިން ބަލާ މައްސަލާގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފެއްދުމުގެ ޖާގަ
އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.