ހަބަރު

"އުނިކުރި މީހުނަށް ޕީޕީިއެމް ސަރުކާރެއްގައި ފްލެޓް ދޭނެ"

މިދިޔަ ހަފުތާގައި އިއުލާން ކުރި ފްލެޓް ލިސްޓުން ނަން އުނި ކޮށްފައިވާ މީހުނަށް ޕީޕީއެމް ސަރުކާރެއްގައި ފްލެޓް ޔަގީން ކޮށްދޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ތެރެއިން H8, H5, H4 އަދި H10 ކެޓަގަރީ އަށް ކުރިމަތިލާފައިވާ ފޯމުތައް ދިރާސާ ކުރުމަށް ފަހު ޝަރުތު ފުރިހަމަވާ މީހުންގެ ލިސްޓާއި ޝަރުތު ފުރިހަމަ ނުވާ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރީ މިދިޔަ ހަފުތާގަ އެވެ. ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓާއި އަލުން އިވެލުއޭޓްކުރުމުން ލިބުނު ޕޮއިންޓް އެނގޭނެ ހެން އާ ލިސްޓެއް އިއުލާން ކުރި އިރު ދެ ލިސްޓުގައި ބޮޑެތި ފަރަގު ހުއްޓެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ލިބޭނެ ކަން ޔަގީންކަން ދީފައި ވަނިކޮށް މި ސަރުކާރުން ނަން އުނިކުރި މީހުނަށް ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ހޯދައި ދޭނެ އެވެ.

"މި ސަރުކާރުން މަގުމަތި ކުރާ ހުރިހާ ރައްޔިތުން، ޕީޕީއެމްގެ ސަރުކާރަކުން އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ އެ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ޔަގީންކޮށް ދިނުމަށް"

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓުގެ ހަައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ކުރީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށެވެ.

އޭނާ ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު ހާލަތު ބެލީ ދެ ތިން ސުވާލަކުން ކަމަށެވެ. އަދި، ގިނަ ރައްޔިތުން އާމްދަނީ އެއްކޮށްގެން ބޮޑު އަގުގައި ކުއްޔަށް ގޭގޭގަ އުޅޭއިރު ހާލަތު ބަލާފައި ގޮތް ނުނިންމޭނެ ކަމަށެވެ.

އަދި ވިދާޅުވީ، އޭނާ މިނިސްޓަރު ކަމުގައި ހުންނަވައިގެން ހައުސިން މިނިސްޓްރީން ކުރީގެ ލިސްޓު ނެރުނީ ހާލަތުގެ ބަޔާން ކޮށް ރައްޔިތުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލައި ދިގު މަރުހަލާ އެއްގެ ތެރެއިން ކަަމަށެވެ.

މިދިޔަ ހަފުތާގައި 111 މީހުން އުނިކޮށް ހަތަރު ކެޓަގަރީ އަކުން ލިސްޓު ނެރުނު އިރު އެ ލިސްޓާ ގުޅިގެން ވެސް އާއްމުންގެ ޝަކުވާތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން، ހާލަތުގެ ބައިން ޕޮއިންޓު މަދުން ލިބުމާއި މަރުވެފައި ތިބި މީހުންނަށްވެސް ފްލެޓް ލިބިފައި ހުރި ކަމުގެ މައްސަލަތައް ދިމާވެ އެވެ.