ދުނިޔެ

މިސްރުގައި އައިއެސްގެ ވަރުގަދަ ހަމަލާތަކެއް، ގިނަ އަދަދެއްގެ ސިފައިން މަރާލައިފި

Jul 2, 2015

މިސްރުގައި ހަނގުރާމަވެރިންގެ ބާރު ގަދަކޮށްފައިވާ ސައިނާއީ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަަމަލާތަކެއް ދީ، ގިނަ އަދަދެއްގެ ސިފައިން މަރާލައިފި އެވެ.

ސައިނާއީގެ ޝެއިހް ޒުވެއިދުގެ ނަން ދީފައިވާ ސަރަހައްދުގައި ހުރި އަސްކަރީ ޗެކްޕޮއިންޓްތަކަކަށް އަމާޒުކޮށް އިއްޔެ ހެނދުނުން ފެށިގެން ދޭން ފެށި ހަމަލާތަކުގައި 17 ސިފައިންނާއި "100 އަށް ވުރެ ޓެރަރިސްޓުން" މަރުވެފައިވާ ކަމަށް މިސްރުގެ އަސްކަރިއްޔާ އިން ބުންޏެވެ. އެކަމަކު، ސަލާމަތީ އޮފިޝަލުންނާއި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މަރުވި ސިފައިންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރަ އެވެ.

މި ހަމަލާ ދިން އައިއެސްގެ ސައިނާއީ ގޮފިން ނެެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޖުމްލަ 15 ޗެކްޕޮއިންޓަކަށް އެއް ވަގުތެއްގައި ހަމަލާތައް ދީފައިވެ އެވެ. އޭގެ ތެރޭގައި ޖާނުން ފިދާވެގެން ދިން ތިން ހަމަލާ ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އައިއެސްގެ ހަނގުރާމަވެރިންނާއި ސިފައިންނާ ދެމެދު އަދިވެސް ކުރިމަތިލުންތައް ދަނީ ކުރިއަށެވެ. އަދި އެ ސަރަހައްދުގައި ހުރި ފުލުހުންގެ ޗެކްޕޮއިންޓްތަކެއް ވެސް ހަނގުރާމަވެރިން ހިފާފައި ވާއިރު، އިތުރު ސިފައިން އެ ސަރަހައްދަށް ޖަމާވުން ހުއްޓުވުމަށް އެ ތަނަށް ވަދެވެން އޮންނަ ހަމައެކަނި މަގުގައި ގޮވާތަކެތި ހަރުކުރަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސާމިރު ވިދާޅުވި ގޮތުގައި އަސްކަރީ މަތިންދާ ބޯޓުތަކުން ދަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ. އަދި މި ހަމަލާތަކުގައި މަރުވި ސިފައިންނާއި ހަނގުރާމަވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

މިއީ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން އަސްކަރިއްޔާ އިން ނުކުމެ މިދިޔަ އަހަރު ވައްޓާލި ފަހުން ސައިނާއީ ސަރަހައްދުގައި ހަނގުރާމަވެރިންގެ ބާރު ގަދަ ކުރި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މިދިޔަ އަހަރު ފަހުކޮޅު ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު އެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވާއިރު، ހަނގުރާމަވެރިން ވަނީ މިހާތަނަށް 600 ސިފައިން މަރާލާފަ އެވެ.

އައިއެސް އިން މިސްރުގައި ވަރުގަދަ ހަމަލާތަކެއް ދީފައި މި ވަނީ އެ ގައުމުގެ ޕްރޮސެކިއުޓަ ޖެނެރަލް ހިޝާމް ބަރަކާތް ކާރު ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލިތާ ދެ ދުވަސް ފަހުންނެވެ. އެ ހަމަލާގެ ޒިންމާ ވެސް އައިއެސްގެ މިސްރު ގޮފިން ވަނީ ނަގާފަ އެވެ.

ބަރަކާތް އަވަހާރަވެފައި ވަނީ ވެރިރަށް ގާހިރާގެ ހިލިއޮޕޯލިސް އަވަށުގައި ދިން ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަކަށް ހޮސްޕިޓަލުގައި ފަަރުވާ ދެމުން ދަނިކޮށެވެ. މި ހަމަލާ ދީފައި ވަނީ ބަރަކާތް ދަތުރުކުރައްވަމުން ގެންދެވި ކާރުގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ އަޑީގައި ކާރު ބޮމެއް ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްގެންނެވެ. އޭރު އޭނާ ގެންދެވީ އޮފީހަށް ވަޑައިގަންނަވަން ކާރުގައި ދަތުރުކުރައްވަމުންނެވެ.

ބަރަކާތް ވަނީ މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވި ފަހުން އެތައް ހާސް ހަރުކަށި ހިޔާލުގެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުއްވާފަ އެެވެ. އެއިގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ވަނީ މަރުގެ އަދަބާއި އުމުރު ދުވަހުގެ ޖަލު ހުކުމް ފަދަ ބޮޑެތި ހުކުމްތައް އައިސްފަ އެވެ. އޭގެ ތެރޭގައި މުރްސީ ވެސް ހިމެނިވަޑައިގަންނަވާއިރު، ދެން ތިބީ ވެސް މުރްސީ ނިސްބަތްވެވަޑައިގެންނަވާ، މިހާރު މަނާކޮށްފައިވާ މުސްލިމްބްރަދަހުޑްއާ ދެކޮޅަށް މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނެވެ.

އެކަމުގެ ސަބަބުން ހަރުކަށި ހިޔާލުގެ ހަނގުރާމަވެރިން އެތައް ފަހަރަކު ބަރަކާތަށް މަރުގެ އިންޒާރު ދީފައި ވެސްވެ އެވެ. އެކަމަކު، ބަރަކާތް އަވަހާރަކޮށްލުމުގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ ކަމަށް ބްރަދަހުޑް އިން އިއްޔެ ވަނީ ބުނެފަ އެވެ.

ބަރަކާތުގެ ޖަނާޒާ އަށް ފަހު ވާހަކަފުޅު ދައްކަވަމުން، ރައީސް ސީސީ ވަނީ މަރުގެ ހުކުމް އަވަހަށް ތަންފީޒުކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ސީސީ ވިދާޅުވީ ގާނޫނުތަކުގެ ސަބަބުން އިންސާފުގެ ދިގު އަތުގައި ކަސްދޮޅު އެޅިފައިވާ ކަަމަށެވެ. އެހެންވެ، ގާނޫނުތައް ހަރުކަށި ކުރަން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށާއި އޭގެ ތެރޭގައި މަރުގެ ހުކުމްތައް ތަންފީޒުކުރުން އަވަސްކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް، ގާނޫނުތަކަށް ހުށަހަޅުއްވާނެ ބަދަލުތަކުގެ ތަފްސީލެއް ސީސީ ނުދެއްވަ އެވެ.