ވިޔަފާރި

އޭޑީއެފްގެ ގޮތުގައި ލިބުނު އާމްދަނީ އަށް ޕަސެންޓް މައްޗަށް

ޖެނުއަރީ މަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރު ޖެނުއަރީގައި ދައުލަތަށް ލިބިފައިވަނީ 55 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ ވަނީ 59 މިލިއަން ރުފިޔާއަށް އިތުރުވެ 8.2 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އޭޑީއެފްގެ ގޮތުގައި ޑޮލަރުން ބަލައިގެންފައިވަނީ 3.5 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު އެ އަދަދު ވަނީ 3.8 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ހިންގާ ބިޔަ މަޝްރޫއު ތަކަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރަން ނަގަން ފެށި ފީ އެކެވެ.

އޭޑީއެފް ނަގަން ފެށީ 2017 ވަނަ އަހަރުގެ މައި މަހު އެވެ. މި ފީ އިން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ނަމަވެސް ކުރިން ބޭރަށް ފުރާ ބޭރު މީހުންނާއި ދިވެހިންގެ އަތުން 25 ޑޮލަރު ނަގަން އޮތް ނަމަވެސް ދިވެހިންގެ އަތުން ނަގާ ފީ 12 ޑޮލަރަށް ކުޑަ ކުރުމުން އެ އަދަދު ވަނީ 329.9 މިލިއަން ރުފިޔާ ކުޑަވެފަ އެވެ.