ވިޔަފާރި

ކާނި ހޮޓެލްސްއިން ޓޫރިޒަމް އިޝްތިހާރު ކުރަން ބަލްގޭރިއާއަށް

ބަލްގޭރިޔާގައި ބޭއްވި ޓޫރިޒަމް ފެއާއެއްގައި ކާނި ހޮޓެލްސްއިން ބައިވެރިވެ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމްގެ ވިޔަފާރި އިޝްތިހާރު ކޮށްފި އެވެ.

ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ ބަލްގޭރިއާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ބައިވެރިވެ ރަށު ޓޫރިޒަމް އިޝްތިހާރު ކޮށްފައިވާ ކަމަށެވެ. އަދި މި ފެއާގެ ސަބަބުން ބަލްގޭރިޔާ ހިމެނޭ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަލްގޭރިއާ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ ކުރިއަށްދާނީ އެ ގައުމުގެ ވެރިރަށް ސޯފިއާގައި މިމަހުގެ 14 އިން 16 އަށެވެ.

ކާނިއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޓޫރިޒަމް ހިންގާ އެއް ކުންފުންޏެވެ. އެ ކުންފުނިން މި ވިޔަފާރި ކުރަނީ މާފުށީގަ އެވެ.

އެ ކުންފުނިން އަންނަނީ ބަލްގޭރިއާގައި އޮފީހެއް ހުޅުވައި އެ ސަރަހައްދުގައި އިޝްތިހާރު ކުރަމުންނެވެ. އެ ކުންފުނިން މިހާރު ދަނީ 106 ކޮޓަރީގެ ގެސްޓްހައުސްއެއް ހަދަމުންނެވެ. އަދި މި ތަން ނިމުމުން ގެސްޓްހައުސް ކޮޓަރީގެ އަދަދު 212 އަށް އިތުރު ވާނެ އެވެ.