ކޮލަމް

ބޮޑު ހިޔާނާތް: ކަނު މުއައްސަސާތަކާއެކު މުޅި ނިޒާމް ފެއިލް!

ދައުލަތެއް ހިންގުމުގެ ތިން ބާރުގެ ތެރެއިން ސީދާ ގާނޫނު އަސާސީންނާއި އޭގެ ދަށުން އަންނަ ގާނޫނުތަކުން ބާރު ލިބިގެން އުފެދޭ މުއައްސަސާތަކަކީ ދައުލަތުގެ ނިޒާމަށް ފާރަވެރިވެ އެތެރެއިންނާއި ބޭރުން ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައި ތިބި ބައެކެވެ.

އެ މުއައްސަސާތަކުގެ ޒިންމާ އެހާމެ މުހިންމުވާއިރު، އެކަމަށް އެންމެ މުއައްސަސާއެއް އިހުމާލުވިޔަސް މުޅި ދައުލަތް ހިންގުމުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ އެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ ރިޕޯޓް، ދެ އަހަރު ފަހުން އޭސީސީން އާންމު ކުރިއިރު، މުޅި ދައުލަތުގެ ނިޒާމް ފެއިލްވެފައިވާކަން މުޅީން ސާފެވެ.

އެ ރިޕޯޓް އާންމުވުމާއެކު، އެންމެން އަވަސްވެގަތީ، އެކަމުގައި ޝާމިލުވަނީ ކޮން ބައެއްތޯ ބަލާށެވެ. އެއް ބަޔަކު މަޖަލަކަށް "މަގޭ ނަން އެބަ އޮތްހޭ" އެހި ނަމަވެސް، ނިތްކުރިމަތިން އޮށްދާ ހިއްލައިގެންތިބެ އެ ރިޕޯޓް ހޭވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި އެތަކެއް ބޭފުޅުންނާއި، މަޖިލިސް މެމްބަރުން ތިއްބަވާނެ ކަށަވަރެވެ.

ހަގީގަތަށް ބުނާނަމަ އެ ރިޕޯޓުގައި ކުރިން ނޭނގޭ މާ ގިނަ އާ ވާހަކަތަކެއް ނެތެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުނި މެދުވެރިކޮށް ދައުލަތުގެ ފައިސާތައް ސީދާ ވަތން ޖީބުތަކެއް އަދިވެސް އެނގޭކަށް ނެތެވެ.

އެ 700 އަށް ވުރެ ގިނަ ސޮފްހާގެ ރިޕޯޓް ކިޔައިގެން ތިލަވި ކަމަކީ، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގް ފަދަ ކަންކަން ހުއްޓުވުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ނިޒާމުތައް ފެއިލްވެފައިވާ މިންވަރެވެ. ދައުލަތުގެ ފައިސާއިން 1.3 ބިލިއަން ރުފިޔާ ދޮވެ، ސާފު ކުރަން ބޭނުންކުރި ކުންފުނީގެ ގާބިލުކަމާއި ނުބައްދަލު އަދަދުތަކުން މުއާމަލާތްތައް ކުރަމުން ގެންދިޔަ އިރު، އެންމެ ކުޑަމިނުން އެކަމަށް ސުވާލެއް އުފައްދާލާނެ މީހަކު ނެތްކަމެވެ.

ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ތިން ބޭންކުގައި އެކައުންޓުތައް ހުޅުވައިގެން މިލިއަނުން ޑޮލަރާއި ފައިސާ ނަހަމަ ގޮތުގައި ނަގަމުން ދިޔައިރު ވަރިހަމަ ކޮށްލައިގެން ތިބި ކަމެވެ.

ދައުލަތުގެ ކުންފުންޏަކަށް ދީފައިވާ ފައިސާ، އެންޑޯސް ނުކުރެވޭ ޗެކުތަކަކުން އަމިއްލަ ކުންފުންޏަކަށް ޖަމާ ކުރަމުންދިޔަ އިރު، ރާއްޖޭގެ ބޭންކިން ނިޒާމް އެކަމަށް ފާރަވެރި ނުވެވި ނުސީދާ ގޮތުން ނަމަވެސް، ބައިވެރިވިވުމެވެ. ބޭންކުތަކުގެ ބެލެނިވެރި ފަރާތް، އެމްއެމްއޭއަށް އެ މައްސަލަ ހުށަހެޅި ފަހަރުވެސް، އެކަން ތަހުގީގުކޮށް، އެކަން މައްސަލައަކަށް ނުވި ނުވުމެވެ. ރާއްޖޭގައި ތިއްބެވި މާލީ ދާއިރާގެ މަތީފެންވަރުގެ ބޭފުޅުންނާއި ގަވަރުނަރު ވެސް އެކަމުގެ ފުނަށް ފީނަން ނުކުޅެދުނީމަ އެވެ.

އާންމު އުސޫލުތަކުގެ ބޭރުން، ޗެކުތަކުގެ ނުފުށުގައި ސޮއި ޖަހަ ޖަހައިގެން، ބޭރު ކުރިއިރު، ޝައްކުގެ ބުމައެއް ހިއްލާލާނެ އިސް ވެރިއަކު، އެމްއެމްޕީއާރްސީގެ ތެރއިން ނުވި އެވެ. ރަޖިސްޓްރީ ވެސް ނުކުރާ ކުންފުނިތަކަކަށް ފަޅުތަކާއި ރަށްތައް ދޫކުރަމުންދިޔަ އިރު، އެކަން އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް ނައި ނައުމެވެ.

ރަށްތަކާއި ފަޅުތަކުގެ ލީސް ހޯލްޑިންގް ރައިޓްސް އެކަމަށް ކަނޑައެޅިފައި ފީތައް ނުދައްކައި، އެހެން ފަރާތްތަކަށް ބަދަލު ކުރިއިރު، ޓޫރިޒަމް މިނިސްޓްރީ ތެރޭގައި ނުރައްކަލުގެ ރަނގަބީލު ނޭޅި ކަމެވެ. ކުރު ދޮށީގައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދެމުން ދިޔައިރު، އެކަމުން ލިބުނު ފައިސާ ދައުލަތަށް ނުވަންނަކަން މިހާރު އެނގޭއިރު، އެ ފައިސާ ހޯދަންޖެހޭ މީރާ ނިދާފައިތިބީމަ އެވެ.

އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރެވޭ އޭސީސީއަށް ވެސް މި ޖަރީމާގެ ދޮންކަޅުމިން ވެސް އެނގޭ ކަމަކަށް އޭރު ނުވި އެވެ. ޑޮލަރު ވިއްކުމު ލައިންސަންސެއް ނެތް ކުންފުންޏަކުން މިލިއަނުން "ޑޮލަރު ގަތް" ސަރުކާރާއި އެންމެ ނަން މަޝްހޫރު އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިވެރިންގެ ތެރޭގައި މިއީ ކިހިނެތްވާ ކަމެއްތޯ އަހަލާނެ ހަމަ އެންމެ ދުލެއް ނެތް ކަމެވެ.

މި ނިޒާމުގެ ތަންކޮޅެއް ދުރަށް ޖެހިލާއިރު، ތަހުގީގީ އިދާރާތަކަށް ވެސް ރޯމާ ދުވާލު ކުރި ވައްކަމުގެ ހިލަމެއް ނުވި އެވެ. ރާއްޖެއިން ބޭރާ ގުޅުންހުރި ކަޅު ފައިސާއަށް ބަލަހައްޓައިގެން ތިއްބާ، ބަޔަކުވެގެން މިވަނީ ގައުމުގެ އެތެރެއިން ރައްޔިތުންގެ ފައިސާތަކެއް ކައި ހުސްކޮށްލައިފަ އެވެ.

އެ ރިޕޯޓުގައި ހިމަނާފައިވާ ބަޔާންތައް ކިޔާލުމުން، ފެނުނީ ޒިންމާ ނަގާނެ މީހަކު ނެތި، އެކަކު އަނެކަކު ބޮލަށް ފޫޅުކަނޑާފައިވާ ތަނެވެ. ނަމަވެސް، މި ހިޔާނާތުގައި ބައިވެރިވި ފަރާތްތަކަށް ސީދާ ދައުލަތުގެ ވަތްގަނޑަށް އަތްބޭނުނީ މުޅި ނިޒާމުގެ އިހުމާލުންނެވެ. ދައުލަތުގެ މާލީ ނިޒާމުގައި ވަކި އުސޫލުތަކަކާއި ގަވައިދުތަކެއް ކަނޑައެޅިފައި އޮންނަނީ އެންމެ އާދައިގެ މީހާއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާއަށް ހަމައަށް، އެންމެ މީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ނުކުރެވޭ ގޮތަށެވެ. ނަމަވެސް "ބްރޯ، ޔެސް ބްރޯ" އޭ ކިޔައިގެން މުޅި ނިޒާމް ފުނޑާލަން ފުރުސަތުދީ، ރައްޔިތުންގެ ފައިސާއިން ދައުލަތެއް ގަނެ ނިންމާލިއިރު، އެންމެން ތިބީ އިސްޖަހައިގެނެވެ.

މި ހިޔާނާތުގައި އިސްކޮށް ބައިވެރިވި މީހުން މިހާރަކު ނެތެވެ. މި ވަގުތަށް ނަމަވެސް، އެއްބަޔަކު ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި ތިބި އިރު، އަނެއް ބަޔަކު ތިބީ އިންސާފަށް ފިލައިގެން ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް، ރާއްޖޭގައި އަދިވެސް އޮތީ މިކަން ހުއްޓުވަން ނުކުޅެދުނު ނިޒާމެވެ. މި ހިޔާނާތް ނުފެނުނު "ކަނު" މުއައްސަސާތަކުގެ މުގުލުގައި ތިބީ ހަމަ އެއް ބަޔެކެވެ. ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބަކީ މިއީ އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ނުހޯދޭނެކަން މިހާރު ޔަގީނާގާތަށް ބުނަން އެނގޭއިރު، މުޅި ގައުމު ޖަވާބު ބޭނުންވާ އެންމެ ބޮޑު ސުވާލަކީ ދެވަނަ އެމްއެމްޕީއާރްސީ ހިޔާނާތެއް ތަކުރާރުވާނެ ހެއްޔެވެ؟ދައުލަތުގެ އެންމެ މުއައްސާއަކުން ނުވަތަ އިސް ވެރިއަކު އަޑު ހަރުކޮށް އެންމެ ސުވާލެއް ކޮށްލި ނަމަވެސް، ހުއްޓުވޭނެ ބޮޑު ވައްކަމަކަށް އަލުން ފުރުސަތު ލިބިދާނެ ހެއްޔެވެ؟