ހަބަރު

ސައުދީއަށް ކުރެއްވި ދަތުރު މިނިސްޓަރު ނިންމާލައްވައިފި

Feb 15, 2019

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން، ސައޫދީ އަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓަރު ހިޒް އެކްސެލެންސީ ޑރ. އިބްރާޙިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް އާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސައޫދީއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިންނަށް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ވިސާ ހޯދުމުގައި، އަދި ވަކިން ޚާއްސަކޮށް ޙައްޖާއި ޢުމްރާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި އެވެ.. އަދި މީގެ އިތުރުން މާލޭގައި ޢިމާރާތްކުރެވެމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާއި ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ހިޒް އެކްސެލެންސީ ޑރ. މާޖިދް ބިން ޢަބްދުﷲ އަލް ޤަޞަބީ އާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަޝިޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނާއި ސަޢޫދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަރޒް ގެ އެޑްވައިޒަ އަދި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއަރމަން، ހިޒް އެކްސަލަންސީ އަޙްމަދް ބިން އަޤީލް އަލް ޚަތީބްއާ މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މަޢުލޫމާތު ޗެއަރމަން އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޙިއްސާ ކުރެއްވިއެވެ. އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މަސްވެރިކަމާއި ހައުސިންއާއި ގުޅޭ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވާ، އެމަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިތުރު މަޝްވަރާތައް ކުރެއްވުމަށް އެފަންޑުގެ އިސް ބޭފުޅުންގެ ޓީމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހިޒް އެކްސެލެންސީ ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މިވަގުތުު ހިނގަމުންދާ ބައެއް މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއާއި މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރު ޝާހިދު ޝުކުރުއަދާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ފުރާވަޑައިގެންނެވުމުގެ ކުރިން މައްކާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ޙައްޖާއި ޢުމްރާގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސަޢޫދީ ސަރުކާރުން އިސްލާމީ އުއްމަތަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތައް ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިންނާއި ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާ ކުރެއްވިއެވެ. އަދި ރާއްޖެއިން ޙައްޖާއި ޢުމްރާއަށް ދަތުރުކުރައްވާ ބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.