ދުނިޔެ

އާއިލާއެއް ބޭލުމަށް ފަހު އެއާ އިންޑިއާގެ ބޯޓަކުން މިނިސްޓަރަކަށް ޖާގަ ދިން މައްސަލައެއް ހޫނުވެއްޖެ

Jul 3, 2015

އިންޑިއާގެ މިނިސްޓަރަކު އެރުވުމަށް، ކުޑަކުއްޖަކު ވެސް ހިމެނޭ އާއިލާއެއް އެއާ އިންޑިއާގެ ބޯޓަކުން ބާލައި ޖާގަ ހެދި މައްސަލައެއް ހޫނުވެއްޖެ އެވެ.

އިކޮނޮމިކް ޓައިމްސް ނޫހުން ބުނި ގޮތުގައި މިދިޔަ މަހުގެ 24 ގައި އިންޑިއާގެ ލެހް އަވަށުން ވެރިރަށް ދިއްލީ އަށް ފުރަން އޮތް ބޯޓުގައި ތިބި އެއާ ފޯސް އޮފިސަރެއްގެ އިތުރުން އޭނާގެ އަންހެނުންނާއި ދަރިފުޅު ބޯޓުން ފޭބުމަށް އެއާ އިންޑިއާ އިން އެންގި އެވެ. "ފަހު ވަގުތު ޖާގަ ދޭންޖެހޭ ފަސިންޖަރުން" ތިބި ކަމަށް ބުނެ އެ އާއިލާ ބޯޓުން ބޭލުވުމަށް ފަހު، އެރުވީ އިންޑިއާގެ ހޯމް މިނިސްޓްރީގެ ޖޫނިއަ މިނިސްޓަރު ކިރަން ރިޖީޖު އާއި އޭނާގެ އެހީތެރިއެއްގެ އިތުރުން ކަޝްމީރުގެ ޗީފް މިނިސްޓަރުގެ ނައިބު ނިމާލް ސިންހް ކަމަށް އެ ނޫހުން ބުންޏެވެ.

އެ މީހުން އެރުވުމަށް، ނައްޓާލަން ތައްުޔާރުވެފައި އޮތް ބޯޓު ގަޑިއެއްހާއިރަށް ލަސްކުރަން ވެސް ޖެހުނެވެ.

އެކަމަކު، ކިރަން ވިދާޅުވީ އޭނާ އަށް ޖާގަ ދިނީ ބަޔަކު ބޯޓުން ބޭލުމަށް ފަހުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިކަމާ ގުޅިގެން އެތައް ހާސް ބަޔަކު ދަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް އާއްމު ފޯރަމްތަކުގައި ކިރަން އަށް ފާޑުކިޔަމުންނެވެ.