ލައިފްސްޓައިލް

ކިއު ހެދުމުގައިވެސް ރީތި އުސޫލުތައް ހުރޭ!

ހެނދުނު ހޭލައިގެން ސައިބޯނެ ބަނަހެއް ގަންނަން ބޭކަރީއަކަށް ވަނަސް މި ޖެހެނީ ކިއޫއެއްގަ އެވެ. ސައިކަލަށް ޕެޓްރޯލް އަޅަން ދިޔަސް ކިއުއެއްގަ އެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ނަމަވެސް އަރަންވީ ކީއޫއަކަށެވެ. ފޯނު ބިލު ކިއޫ އާއި އޭޓީމް ފައިސާ ނަގާ ކިއޫ އާއި ފެރީއަށް އަރާ ކިއޫ އެކި އެކި ހިދުމަތްތަށް ހޯދުމަށް ފޯމުލާން ދާ ކިއު އާއި ބުފޭއިން ކާން ޖެހޭ ކިއޫ ވެސް އޮވެ އެވެ. ކޮންމެ ތަނައްގައި ވެސް އޮންނަނީ ބޮޑު ކިއޫ އެކެވެ.

އެންމެންނަކީ ވެސް ބިޒީ މީހުންނެވެ. އަދި އެއިން ކޮންމެ މީހަކީވެސް ވަގުތު ސަލާމާތް ކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ގިނަ ފަހަރަށް އާދަތައް ހުންނަ ގޮތުން އަވަސް އަރުވާލާފައި ކިއުގައި ދެންތިބި މީހުންނަށް ބަލައި ނުލައި އިހްތިރާމް ކުރުމެއް ވެސް ނެތި ހޯދާ ގޮތަކަށް ބަނަސް ހޯދައިގެން ނުވަތަ ހިދުމަތް ހޯދައިގެން ނައްޓާލާނީ އެވެ.

ކިއުގައި މަޑުކުރުމުގައި ކަން ކުރަންވީ ގޮތްތަކެއް ވެސް ހުރެއެވެ. ތަހުޒީބީ މުޖުތަމައުގައި ކިއު ކުރުމުގައި ރިތި އާދަތަކާއި އުސޫލުތައް ގެންގުޅެ އެވެ.

ކިއުގައި މަޑު ކުރުމުގެ ރީތި އާދަތަކާއި އުސޫލްތަކަށް ބަލާއިރު ފުރަތަމަ އިސްކަން ދޭންވީ އެއްވެސް ގޮތަކަށް ކިއު ނުފަޅާށެވެ. ތިމާއަށް ވުރެ ކުރިން ކިއުގައި ޖެހިފައި އެތައް ބަޔަކު ތިބިމުން އެމީހުންގެ ވަގުތަށާއި އެމީހުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އެއްވެސް ގޮތަކަށް ކިއު ކަޓުވާފައި ހިދުމަތް ނުހޯދަންވީ އެވެ. ކިއު ފޭކޮށްގެން ހިދުމަތް ހޯދުމަކީ ވަރަށް ނާތަހުޒީބު ގޮތެކެވެ.

ކިއުގައި މަޑުކޮށްގެން ހުންނަނީ ތިމާ އެކަނި ނޫންކަން ދަންނަންވާނެ އެވެ. ކިއުގައި ހުންނައިރު އެހެން މީހުނަށް އިހްތިރާމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެންމީހުންނަށް އުނދަގޫ ވާގޮތަށް ބާރަށް ފޯނުން ވާހަކަ ދައްކާ ނުވަތަ ކިއުގެ ކުރީގައި ހުންނަ މީހާއާ އެކި އެކި ބޭކާރު ވާހަކަތައް ދެއްކުން މަދު ކުރަންވީ އެވެ.

ބައެއް މީހުން ކިއުގައި މަޑުކުރާ އިރު ކޮންމެވެސް ވާހަކައެއް ދެއްކުމުގެ ގޮތުން ފަށާ ވާހަކަ އަކީ ފަހަރެއްގައި މާ ކަމުދާ ވާހަކައަކަށް ނުވެދާނެ އެވެ.


ކިއު ޖެހެންވީ ގޮތް ރަނގަޅަށް ބަލައި އޮޅުންފިލުވާލައި ކިއުއަށް އެރުމުން ވަގުތު ގެއްލިގެނެއް ނުދާނެ އެވެ. ކިއުގެ ތަރުތީބަކީ ކޮބައިތޯ ބަލައިލުން ރަނގަޅެވެ. ބައެއް ފަހަރު ހިދުމަތްދޭ ތަންތަނުގައި އެއް ކިއޫއަށް ވުރެ ގިނަ ކިއޫ އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ކިއު ކުރިއަށްދާ ގޮތް ބަލާފައި ހޯދަން ދިޔަ ހިދުމަތެއް އެ ކިއުއިން ލިބޭތޯ ބެލުމަށްފަހު ކިއުއަށް އެރުމުން ވަގުތު ސަލާމަތްވާނެ އެވެ.

ދިރިއުޅުމުގެ ކޮންމެ ކަމެއް ކާމިޔާބު ކުރުމަށް ކެތްތެރިވާން ޖެހެއެވެ. ހިދުމަތެއް ހޯދަން ކިއުގައި މަޑުކުރާއިރު ވެސް ވީހާ ވެސް ބޮޑަށް ކެތްތެރިކަން އިސް ކުރަންވީ އެވެ. އަދި ގިނަ މީހުން ދާނެ ކަމަށް ލަފާކުރެވޭ ތަނެއްހެން ހީވާ ނަމަ ފެންފުޅިއަކާއި ފޯނު ނުވަތަ ކިޔާލާނެ ފޮތެއް ހިފައިގެން ދާންވީ އެވެ. ދުރާލާ ރާވައިގެން ކަން ކުރުމުން ކިއުތަކުގައި ޖެހެން ނުޖެހޭނެ ކަން އަބަދުވެސް ހަނދާން ކުރަންވީ އެވެ.

ތަހުޒީބީ މުޖުތަމައުއެއްގައި ކޮންމެ ކަމެއް ކުރުމަށްވެސް ވަކި އުސޫލުތަކާއި ގޮތްތަކެއް އޮންނަ އިރު މިކަންތައްތަކަށް ވެސް ވިސްނާލާ މިގޮތަށް އަމަލު ކުރާނަމަ މީހާއަކީ ވެސް ތަހުޒީބުވެފައި ތަންދޮރު ދަންނަ މީހެއްކަމާއި މެދު ދެބަސްވެވޭކަށް ނޯންނާނެ އެވެ.