ކޮލަމް

ގަޓު ވެރިންނާއި، ސަރުކާރުތައް ކުޑަކަކޫ ޖަހާ ހިސާބު!

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑު ތަކުލީފެއް އުފުއްލަންޖެހޭ ކަމަކީ ކުލީގެ މައްސަލަ އެވެ. ދިރިއުޅުމަށްޓަކައި ހޯދާ ފައިސާއިން ދެކޮޅު ނުޖެހި އަބަދުވެސް ޖީބު ހުސްވެދާނެ ކަމުގެ ބިރަށް އެތަކެއް އުފަލެއް ގުރުބާން ކުރަންޖެހޭ ކަމަކީ ވެސް އެއީ އެވެ. އިރު ފަދައިން ސާފުކޮށް ފެންނާން އޮތް އެ ބޮޑު ތަކުލީފަށް ފަރުވާއެއް އެެއްވެސް ވެރިއަކަށް އަދި ސަރުކާރަކަށް ވެސް ނުދެވި އޮތް މައްސަލައަކީ ވެސް އެއީ އެވެ.

ގްރޭޓާ މާލޭ އޭރިއާއޭ މިކިޔާ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބައެއްގެ އެއްކަމެެއް ދިމާވާނެ އެވެ. އެ އެންމެންގެ ވެސް ދިރިއުޅުން އޮތީ "ސަވައިވަލް" މޯޑްގަ އެވެ. ކުރާ ހުރިހާ މަސައްކަތުން ލިބޭ އާމްދަނީ އަތައް އެރުމާއެކު ހުސްވެ އެވެ.

ދަރިފުޅު ހިތްހަމަ ޖައްސާލައި އުފާކޮށްލައިދޭން ބޭނުންވާ ކުޅޭ އެއްޗެއް ގަނެ ނުދެވި އެމީހާގެ އަތްމަތި ހުސްވުމުން ހިތުގައި ޖެހޭނެ އެވެ. އަނބިމީހާއާއެކު "ކޮލަޓީ ޓައިމް" ސްޕެންޑް ކޮށްލަން ރެސްޓޯރަންޓަކަށް ދެވޭނެވަރު ނުވެ އަތްމަތި ހުސްވުމުން އެވީ ގޯހެވެ.

ބައެއް ފަހަރު ހިތައް އަރައެވެ. މިކަމުން ސަލާމަތްވާނެ ބާއެވެ. ދޭމީހާ ދިނަސް ކާ މީހާ ކާން ވާނީ ބަލައިގެނޭ ބުނެ އުޅޭ އަޑު އަހަމެވެ. އެހެން ނަމަވެސް ދޭމީހާއަށް ނުދެވޭ ވަރަށް ކާމީހާ މިހާރު ކާން ބޭނުން ވެއެވެ. ކަންނެތްކަން އިންތިހާއަށް ގޮސް ނުހައްގު މުއްސަނދި ކަމަކާއި ދިމާލަށް މިސްރާބު ޖަހާއިރު، މި އަރައިގަނެވެނީ އެތަކެއް ބައެއްގެ ހައްގައް ކަމެއް ވިސްނާލާކަށް ވެސް ބޭނުމެއް ނުވެއެވެ.

ކުލި ނަގަންވާނެ އެވެ. ތިމާމެންގެ ގެދޮރުގައި އެހެން ބަޔަކަށް ދިރިއުޅެން ހުއްދަދޭ ކަމަށްވާ ނަމަ އެކަަމަށް އެކަށީގެންވާ އަގެއް ނެގުން ހައްގެވެ. އެހެން ނަމަވެސް އެ އަދަދަކީ ތިމާގެ ދެއަތް އުރާލައިގެން ހުރެ ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާލެވޭ ވަރު، ނުވަތަ "ރިޗް ލައިފް ސްޓައިލް" އެއް އުޅުމަށް ބޭނުންވާ ވަރުގެ ކަމަށް ހެދުން އެއީ ގޯހެކެވެ.

ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކާޑުގެ ބާވަތްތަކަށް ކުޑަ ބަދަލެއް ގެނައެވެ. ކިލޯއަކުން ވަކި ވަރެއް ބޮޑު ކުރުމާއެކު، ބައެއް ގެދޮޮރުގެ ކުލި 2000 ހާއި 3000 ހާހާއި ދެމެދުގެ އަދަދަކަށް އުފުލުނެވެ. މިއީ ހެއްވާ ކަމަކަށް ނުވާނަމަ ދެން ހެއްވާ އިތުރު ކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ކުއްޔާއި އެކަމާއި އޮތް ގުޅުމެއް ނުވިސްނުނެވެ. މިހާރު އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އެކިއެކި ދާއިރާތަކުން ޓެކްސް ނަގާ ވާހަކަ އެވެ. މިސާލަކަށް ގޭގެ ކުލިން ޓެކްސްއެއް ނަގަން ފަށައިފި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުތަށް އެކަން ބެލުމުގައި ނުކުޅެދޭނެ އެވެ.

އަތޮޅުތަކުގެ ހިއްގައިމު ދިރިއުޅުން ގުރުބާން ކުރުމަށްފަހު މީހުން މާލެއަށް ހިޖު ރަކުރަނީ، ރަނގަޅު ތައުލީމާއި ސިއްޙަތާއި ވަޒީފާގެ ބޭނުމުގަ އެވެ. އެހެން ނިޔަތެއް ނޯވެ އެވެ.

މިކަންކަން މި ހިސާބާށް ދިއުމުގައި ސަރުކާރު ތަކުގެ ޒިންމާ ވަރަށް ބޮޑެވެ. ރާއްޖޭގެ ސަރުކާރުތަކާއި ވެރިންގެ އެންމެ ބޮޑު އެއް ފޭލުވުމަކީ އާންމު ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭން ނުކުޅެދިފައި ވުމެވެ.

ބަޔަކު ރުޅި އަތުވެދާނެ ކަމަށް އެކަމާ ވިސްނާކަށް ބޭނުމެއް ނުވެއެެވެ. ތަކުލީފު އުފުލަމުން ދަނީ ތިމާއަށް އާރާއި ބާރު ހޯދައިދިން ވޯޓް ލީ އާންމު މީހާކަން ހަދާނެއް ނުހުރެއެވެ. ބޮޑުންގެ ގޮތުގައި ތިބޭ ގިނަ މީހުނަކީ ގެދޮރު ކުއްޔަށް ދީގެން ފައިސާ ހޯދާ މީހުންނެވެ.

ބައެއް ފަރާތްތަކުން މަޖިލީހަށް ކުރިމަތިލުމުގެ ނިޔަތުގައި އާންމު ކުރަމުންދާ މާލީ ބަޔާންތަކުގައި ގެދޮރު ކުއްޔަށްދީގެން މަހެއްގެ މައްޗައް ލައްކައިން، ބައި މިލިއަނުން ފައިސާ ލިބޭކަން ދަނީ ހާމަ ކުރަމުންނެވެ. 10 ފޫޓް 10 ފޫޓް ގޮޅީއެއް ހިމެނޭ 4 ފާރު 12000 ރުފިޔާއަށް، 2 ކޮޓަރީގެ އެޕާޓްމަންޓް 18000 ހާއި 22000 ދެމެދު، 3 ކޮޓަރީގެ އެޕާޓްމަންޓް 28000 ހާހާއި 30000 ހާހާއި ދެމެދުގެ އަގުތަކެއްގަ އެވެ. މިއީ ބަޔަކު ހިލޭ ފައިސާ ބަހައިގެން ނުވަތަ ޗާޕް ކޮށްގެން ހަމަ ކުރާ އަދަދުތަކެއް ނޫނެވެ.

ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުން މިހާރު އެންމެ ބޭނުންވާނެ އެއް ހިދުމަތެވެ. މިއީ އަސާސީ ހިދުމަތެކެވެ. އެހިދުމަތައް އޮތް ޑިމާންޑް އެންމެ ބޮޑަށް އެނގޭނީވެސް ސަރުކާރަށެވެ.

ރައްޔިތުންގާތަށް ވޯޓަށް އެދި އެ އަންނަ ސިޔާސީ މީހާ ކުރެން މިވަގުތު އަހާލަން އެެންމެ މުހިންމު ސުވާލަކީ ބޮޑު ކުލީގެ މުސީބާތުން ސަލާމަތްކޮށްދޭން އޭނާ ކުރާނީ ކޮންކަމެއްތޯ އެވެ. މަޖިލީހަށް ބިލެއް ހުށަހަޅާނަމޭ ބުނެފާނެއެވެ. އެއާއެކު ދެން ކުރަންޖެހޭނެ ސުވާލަކީ އެބިލް މަޖިލީހުން ބޭރުނުވެ ތަޅުމާއި ހަމަޔަށް ފޯރުވަން ކިހާ މަސައްކަތެއް ކުރާނެތޯ އެވެ؟ އެކަން ކޮށްދޭނެކަމަށް ބުނެފިނަމަ ދެން އެމީހަކަށް ސިޔާސީ އިތުރު ވާހަކަ ދައްކަން ފުުރުސަތުދޭށެވެ. ކުލީގެ އަޅުވެތިކަމުގައި ހަޔާތެއް ވޭތުކޮށްފައިވާމީހުންވެސް މަދެއް ނޫނެވެ. އަދި މިހާރުވެސް އެތަކެއް ތަކުލީފެއް އެކަމުގެ ސަބަބުން އުފުލަންޖެހޭ މީހުން މަދެއް ނޫނެވެ. ދިރިއުޅުުމުގެ ޙަރަދުތައް އެހާބޮޑެވެ.

ސަރުކާރަށް އެކަން ކޮންޓްރޯލް ކުރާން ނުކެރިގެންއުޅޭ ސަބަބެއްވެސް ހާމަކޮށްދޭނެ އެބަޖެހެއެވެ. ތިމަންނާމެންގެ ސަރުކާރުގައި ތިބީ ގަޓު ވެރިންނޭ ބުނާ މީހުންވެސް އެ ގަޓުވެރިން ކުރެން މި ސުވާލުގެ ޖަވާބު ހޯދާލުން މުހިންމެވެ. ގައުމެއްގެ ވެރިންނަށް ރައްޔިތުންނަށް ދިމާވެފައިމިވާ ބޮޑު ތަކުލީފުން މިންޖު ކޮށްދެވެންނެތީ ކީއްވެގެންތޯއާއި، "ލޭންޑްލޯޑުން" ގެ ކުރިމަތީގައި ސަރުކާރުތައް ކުޑަކަކޫ ޖަހާ ސަބަބެއް ވެސް އޮންނަން ވާނެތާ އެވެ. ރައްޔިތުންނަށްވުރެ އެ ލޭންޑްލޯޑުން މުހިންމުވާންޖެހޭ ސަބަބެއްވެސް އޮންނާން ވާނެ އެވެ. މިއީ ސަރުކާރަށް ހައްލުކޮށްދެވޭނެ މައްސަލައެކެވެ. މިކަން ނުވެ އޮތް ސަބަބު ވިސްނާލުން ރަނގަޅެވެ.