ދުނިޔެ

ކަޝްމީރު ހަމަލާއަށްފަހު އިންޑިއާގެ ވަރުގަދަ އިންޒާރެއް ޕާކިސްތާނަށް

Feb 16, 2019

ނިއު ދިއްލީ (ފެބްރުއަރީ 16) - އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު އެކަމު ހަރުކަށި ރައްދު ދޭނެކަމަށް ބުނެ، އިންޑިއާ ސަރުކާރުން ވަރުގަދަ އިންޒާރެއް ދީފި އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގިދޭކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

"މި ޖަރީމާގެ ފުރިހަމަ ރައްދު އަހަރެމެން ދޭނަން،" އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވިދާޅުވި އެވެ.

"އެކަމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ދޭނަން، އަހަރެމެން ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލެވިދާނެކަމަށް ވިސްނުމަކީ ކުށް ހިޔެއް،" މޯދީ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒުކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

އެ ހަމާލާގައި ބައިވެރިވި ކަމުގެ ތުހުމަތު އިންޑިއާ އިން ކުރާއިރު، ޕާކިސްތާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއްވާކަމުގެ "ސާފު ހެކި" ލިބިފައިވާކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.