ދުނިޔެ

ގުރުއާން އަންދާލި ކަމަށް ބުނެ އަންހެނަކު މަރާލި މީހުންނަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

Jul 3, 2015

ގުރުއާން އަންދާލި ކަމަށް ބުނެ އަފްގާނިސްތާނުގައި މަރާލި އަންހެން މީހާގެ ހަތަރު ގާތިލުންނަށް އިއްވާފައިވާ މަރުގެ ހުކުމްތައް އެ ގައުމުގެ ކޯޓަކުން އިއްޔެ ބާތިލްކޮށްފި އެވެ.

މިދިޔަ މާޗު މަހުގެ 19 ގައި ހިނގި އެ ހާދިސާގައި، ފިރިހެނުންގެ ގްރޫޕަކުން ވަނީ އުމުރުން 27 އަހަރުގެ ފަރުޚުންދާ ނަމަކަށް ކިޔާ 27 އަހަރުގެ ޒުވާން އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކޮށް، އޭނާ ގައިގައި ރޯކޮށްލުމަށް ފަހު ކޯރަކަށް އެއްލާލާފަ އެވެ. އެ މީހުން މި އަނިޔާވެރި އަމަލު ހިންގީ ފަރުޚުންދާ ގުރުއާން އަންދާލި ކަމަށް ތުހުމަތުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނީ ޖުމްލަ 49 މީހެއްގެ މައްޗަށެވެ. އޭގެ ތެރެއިން، ފަރުޚުންދާ މަރާލި ހަތަރު ފިރިހެނުން މަރަން މި މަހުގެ ކުރީކޮޅު ކާބުލްގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭނާ މަރާލުމުގައި ބައިވެރި އިތުރު އަށް މީހެއްގެ މައްޗަށް 16 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، 18 މީހަކު ވަނީ ދައުވާ އިން ސަލާމަތްވެފަ އެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އިހުމާލުވި ކަމަށް ބުނެ ދައުވާކުރި 19 ފުލުހުންގެ ތެރެއިން 11 ފުލުހަކު އެއް އަހަރުދުވަހަށް ޖަލަށް ލާން ވެސް މިދިޔަ މަހު ހުކުމްކޮށްފައިވެ އެވެ. އަނެއް އަށް މީހުން ވަނީ ދައުވާ އިން ސަލާމަތްވެފަ އެވެ.

ފަރުޚުންދާ މަރާލި ހަތަރު މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމްތައް ބާތިލްކުރަން ކާބުލްގެ އިސްތިއުނާފް ކޯޓުން އިއްޔެ ނިންމީ ސިއިރިއްޔާތުގައި ބޭއްވީ ޝަރީއަތުގެ މަޖިލީހަކަށް ފަހު އެވެ. އެ މަޖިލީހަށް ފަހު، އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ މަސީރު މުރީދު ބީބީސީ އަށް ވިދާޅުވީ އޭގެ ތެރެއިން ތިން މީހެއްގެ މަރުގެ ހުކުމް 20 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުއްޖަކަށް ވާތީ އެކަކު ޖަލަށް ލާން ނިންމީ 10 އަހަރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ފަރުޚުންދާ މަރާލުމުގެ ފަހަތުގައި ވަނީ، އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި، މިސްކިތެއްގެ އިމާމެކެވެ. އެއީ، ތަވީދު ލިޔެދިނުމުގެ ވިޔަފާރިކުރާ އެ އިމާމު، ތަވީދުގައި ގުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔާ ކަމަށް ފަރުޚުންދާ ބުނާތީ ކަމަށް އާއިލާ އާއި އެ ހިސާބުގަނޑުގެ މީހުން ބުނެފައިވެ އެވެ.

މަރުގެ ހުކުމުން ސަލާމަތްވި އެކަކީ އެ އިމާމެވެ. މީގެ އިތުރުން، އެ މިސްކިތް ބަލަހައްޓާ މީހާ ވެސް ސަލާމަތްވި އެވެ.

ފަރުޚުންދާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަމަށް އެންމެ ފުރަތަމަ އަޑު އަރާފައި ވިޔަސް، އޭނާގެ އާއިލާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ގޮތުން، އޭނާގެ ބައްޕަ ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ގުރުއާން ކިޔަވައިދޭ ޓީޗަރެއްގެ ވަޒީފާ އަދާކުރާ ފަރުޚުންދާ ޚަތިމެއް އަންދާލާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

މި ހާދިސާ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، ފަރުޚުންދާ ގުރުއާން އަންދާލި ކަމުގެ އެއްވެސް ހެއްކެއް ނެތްކަން އަފްޣާނިސްތާނު ސަރުކާރުން ހިންގި ތަހުގީގަކުން ވަނީ ހާމަވެފަ އެވެ.