ހަބަރު

މެންބަރުންގެ އިތުބާރުނެއްކަމުގެ ވޯޓް ނެގޭ ގޮތް ހަދަން ތާއީދު: ޝައިނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ ދާއިރާއެއްގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި ހިލާފުވާނަމަ، އެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭ ގޮތް ހަދަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޝައިނީ ވެސް ވަނީ ވާދަ ކުރައްވަން ނިންމާފަ އެވެ. އޭނާ ވާދަ ކުރައްވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ. ޕީޕީއެމްގެ ޓިކެޓް ދޫކޮށްލެއްވުމަށްފަހު އަމިއްލަފުޅަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވަން ނިންމާފައިވާ ޝައިނީ ވަނީ އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ހޮވާ ފަރާތުން، ކެމްޕެއިން ދުވަސްވަރު ދައްކާ ވާހަކަތަކާއި ހިލާފުވެއްޖެނަމަ ނުވަތަ ރައްޔިތުންގެ ނޭދޭ ގޮތަށް އަމަލުކޮށްފި ނަމަ، އިތުބާރު ނެތްކަމުގެ ވޯޓް ނެގޭގޮތް ހެދުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ.

ރައީސް އަދި ނައިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ވެސް މަޖިލީހުގެ މެންބަރުންގެ ވަކި އަދަދެއްގެ ސޮއާއެކު މަޖިލީހަށް ހުށަހަޅައިގެން ނެގޭ ގޮތަށް ހަދާފައިވާ ވޯޓެކެވެ. މަޖިލިސް މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓް ނެގޭ ގޮތް ގާނޫނުގައި އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުން އަންނަނީ ކެމްޕެއިންތައް ފަށައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވަމުންނެވެ. މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.