ހަބަރު

ހެންވޭރު އުތުރު ދާއިރާއަށް ޝައިނީ ވާދަ ކުރައްވަނީ

ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި ކެމްޕެއިން ފައްޓަވައިފި އެވެ. އޭނާ އެ ދާއިރާއަށް ވާދަކުރަން ރައީސް އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ޓިކެޓް ޝައިނީއަށް ދީފަ އެވެ.

މަޖިލީހަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މީގެކުރިން ވެސް ޝައިނީ ފާޅު ކުރައްވާފައިވާއިރު ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާކަން ހާމަ ކުރައްވައި ރަސްމީކޮށް އެ މަސައްކަތް ފެއްޓެވީ މިއަދު އެވެ.

މިއަދު ޝައިނީ ވަނީ ހެންވޭރު އުތުރަށް ނިސްބަތްވާ އޭނާގެ އާއިލާގެ ބައެއް މީހުންނާ ބައްދަލު ކުރައްވައި، ފޮޓޯއަކާއެކު ޓްވީޓެއް ކުރައްވާފަ އެވެ. ޝައިނީ މަޖިލީހަށް ވާދަ ކުރައްވާކަން ހާމަ ކުރެއްވިޔަސް އޭނާ ވާދަ ކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓްގައި ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ޝައިނީ މިހާރު ހުންނެވީ ޕީޕީއެމްގަ އެވެ. ނަމަވެސް އެ ޕާޓީގެ ލީޑަޝިޕާ އޭނާއާ ވަނީ މައްސަލަ ޖެހިފަ އެވެ. އަދި މިހާރު ޕީޕީއެމްގެ މުޅި ލީޑަޝިޕް ގެންދަނީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ޝައިނީ އަވަސްއަށް މިއަދު ވިދާޅުވީ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމި ބޮޑު ސަބަބަކީ އެ ދާއިރާއަކީ އޭނާ އުޅެ ބޮޑުވި ދާއިރާއަށް ކަމަށްވާތީ ކަމަށެވެ. އެ ދާއިރާގެ ލޮނުގެ ގެއަކީ އޭނާ ދިރިއުޅެ ރަޖިސްޓްރީ ވެސް އޮތް ގެ ކަމަށެވެ.

"ހެންވޭރު ދަނޑުގަ ފުޓްބޯޅަ ކުޅެ އުޅުނު މީހެއް އަޅުގަނޑަކީ، ލޮނުގޭގައި ރަޖިސްޓްރީ އޮންނަނީ، ކަނޑިގެއަކީ ވެސް އާއިލާ، އެހެންވެ އާއިލާ މީހުންނާ ވެސް ބައްދަލުކޮށްލައި ނިންމީ ދާއިރާއަށް ކުރިމަތިލާން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ، ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާއިރު އެ ދާއިރާއަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވެސް ކުރިމަތިލައްވަ އެވެ. އޭނާ ވެސް ކުރިމަތިލައްވާ ޕާޓީއެއް ހާމައެއް ނުކުރެ އެވެ. އޭނާ މިހާރު ހުރީ ޖުމްހޫރީ ޕާޓީގަ އެވެ. އެމްޑީޕީއިން ވެސް އެ ދާއިރާއަށް ދެ މީހަކު ވާދަ ކުރެ އެވެ.