ދުނިޔެ

އައިއެސް އިން ޕަލްމައިރާގެ އާސާރީ ބުދުތަކެއް ތަޅައި ސުންނާފަތިކޮށްފި

Jul 3, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފާފައިވާ ސީރިއާގެ ގަދީމީ އަވަށް، ޕަލްމައިރާ އިން ބަޔަކު ވަގަށް ނަގާފައިވާ ކަމަށް ބުނާ އާސާރީ އެއްޗެހިތަކެއް އެ ޖަމާއަތުގެ ހަނގުރާމަވެރިން ސުންނާފަތިކުރާ ފޮޓޯތަކެއް އައިއެސް އިން އިއްޔެ އާއްމުކޮށްފި އެވެ.

އެ ފޮޓޯތަކުން ފެންނަނީ ކުޅިބަލަން އެއްވެ ތިބި ބައެއްގެ ކުރިމަތީގައި، އައިއެސްގެ ހަނގުރާމަވެރިން ބޮޑު މަރުތޭލުން ޖަހައި ހަ ބުދެއް މުގުރާލައި ސުންނާފަތިކޮށްލާ ތަނެވެ.

އައިއެސް އިން ބުނީ އެ ބުދުތައް އަތުލައިގަތީ ވަގަށް ނަގާފައިވާ އެއްޗެހި ކަޅު ބާޒާރުގައި ވިއްކާ މީހެއްގެ އަތުން ކަމަށެވެ. އެ މީހާ ކަމަށް ބުނާ މީހެއްގެ ގައިގައި އަދަބެއްގެ ގޮތުން ހައްދު ޖަހާތަން އެއް ފޮޓޯ އިން ފެނެ އެވެ.

ޕަލްމައިރާގެ ގަދީމީ ބިނާތަކުން އެ ބުދުތައް ލޫޓުވުމުގެ ޒިންމާ އައިއެސް އިން އެހެން މީހެއްގެ ބޮލުގައި އެޅުވިޔަސް، ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ)ގެ ޑިރެކްޓަރު ޖެނެރަލް އައިރީނާ ބޮކޯވާ ވިދާޅުވީ އެކަން ކުރަނީ އައިއެސް އިން ކަމަށެވެ. އެ ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދުމަށް އެފަދަ އާސާރީ އެއްޗެހި ކަޅު ބާޒާރުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެސް އިން ޕްލަމައިރާ ހިފީ މިދިޔަ މަހު އެވެ.

ޔުނެސްކޯ އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، އައިއެސް އިން ވަނީ މިދިޔަ ހަފުތާގައި ޕަލްމައިރާގައި ހުރި ގަދީމީ ބިނާތަކުގެ ކައިރީގައި މައިން ވަޅުލައި ގޮވާތަކެތި ހަރުކޮށްފަ އެވެ. އެއީ ޕަލްމައިރާ އަލުން ހިފުމަށް ސަރުކާރު ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަން ފެނުމުންނެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.