ކޮލަމް

ކޮލަމް ފޮޅުވަތް: ހޯދަންވީ މުއްޖަހާފައި ޖާޑިން ފައިސާ ނެގި މީހުން

Feb 17, 2019
5

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ރިޕޯޓް އޭސީސީއިން މިދިއަ ބުރާސްފަތި ދުވަހު އާންމު ކުރުމާ އެކު، އެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައި އޮތް ރާއްޖޭގެ ބޮޑު ވިޔަފާރި ވެރިއަކު ކޯފާވެގެން އަޅުގަނޑަށް ގުޅުއްވާ ވިދާޅުވި އެވެ: "ކަލެއަށް އިނގޭ ނޫން ހެއްޔެވެ؟ މި ކުންފުނީގައި ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް އޮންނާނެ އެވެ. ކަލޭ ޑޮލަރު ކޮޅެއް ގެނެޔަސް މިތަނުން މާރުކޮށްދޭނެ އެވެ." އެމްއެމްޕީއާރްސީގެ ތެރެއިން ވަގަށް ނެގި، 1.4 ބިލިއަން ރުފިޔާ ތެރެއިން، ބޭންކްތަކުގެ ތެރޭގައި ރޯލް ކުރި ފައިސާ އެ ވިޔަފާރިވެރިޔާގެ ކުންފުންޏަށް ޖަމާވި ގޮތް އޭނާ ޖަސްޓިފައި ކޮށްދިނީ، އެއީ ޑޮލަރު ގަނެ ވިއްކުމަށް ހިންގި ހަލާލު މުއާމަލާތެއްގެ ގޮތުގަ އެވެ. އެ ރިޕޯޓާ މެދު އޭނާގެ
ބޮޑު ޝަކުވާއަކީ އެ މުއާމަލާތްތަކާ މެދު އޭސީސީގެ ތަހުގީގުގައި އޭނާއާ ސުވާލު ނުކުރުމެވެ.

ކޯފާވެގެން ހުންނަވައި އެ ވިޔަފާރިވެރިޔާގެ ހިތްޕުޅުގެ އުދާސްތައް ބޭރުކޮށްލެއްވިއިރު، އެސްއޯއެފްއިން ދައުރު ކުރި ފައިސާގައި ޖެހުނު ކަމަށް ރިޕޯޓްގައި ބުނާ އެންމެންގެ ހުއްޖަތަކީ ވެސް އެސްއޯއެފްއާ އެކު ހިންގީ، ޑޮލަރު ގަތުމުގެ މުއާމަލާތްތަކެކެވެ. އޭގައި މައްސަލައެއް ނޯންނާނެ އެވެ. ލިސްޓްގައި ނަން އޮތް ގިނަ މީހުންގެ ހުއްޖަތަކަށް އެކަންވާއިރު، އެއީ ކަމުގެ ހަގީގަތް ކަމަށް ވެސް ވެދާނެ އެވެ. އެ ލިސްޓްގައި ނަން އޮތް އެންމެންނަކީ އަދި މުޅިން ހިޔާނާތްވީ މީހުންނަށް ނުވެދާނެ އެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ބޭރުން މުދާ ގެނެސް ވިއްކާ ކުންފުނިތަކުން ބްލެކް މާކެޓްގެ ތެރެއިން ޑޮލަރު ގަތުމަކީ ވަރަށް އާންމު ކަމެކެވެ. ވިޔަފާރިވެރިޔާ ވިދާޅުވި ގޮތަށް ބޮޑެތި ވިޔަފާރިވެރިންނަށް އެއީ ވަރަށް އާދައިގެ ކަމެކެވެ. ކޮންމެ އަކަސް އެ ލިސްޓްގައި ނަން ހުރި ގިނަ މީހުންނަކީ، ބޭރުން މުދާ ގަތުމަށް އެސްއޯއެފް މެދުވެރިކޮށް ޑޮލަރު ގަތް މީހުން ކަމަށް ވެދާނެ އެވެ. އޭސީސީގެ ތަހުގީގުން އެންމެ ބޮޑު އެއް ފައިންޑިންއަކީ ވެސް، އެމްއެމްޕީއާރްސީ އިން ވަގަށް ނެގި ފައިސާތައް ދައުރުކުރި، އެސްއޯއެފް ކުންފުނިން އެ ކަޅު ފައިސާތައް ސާފުކުރީ ޑޮލަރު މާރުކުރާ 15 ވަރަކަށް މީހުންގެ ނެޓްވޯކެއްގެ ތެރެއިން ކަމެވެ.

އެހެން ވީމާ، އެސްއޯއެފްގެ އެކައުންޓުން އެކި ފަރާތްތަކަށް ހާއްސަކޮށް ކުންފުނިތަކަށް ފޮނުވާފައި ހުރި ޑޮލަރަކީ މިކަހަލަ ޒާތުގެ މުއާމަލާތްތަކަށްވުން ވަރަށް ކައިރި އެވެ. އޭސީސީގެ ރިޕޯޓުން ބޮޑު ހިޔާނާތުގެ ހަގީގީ މަންޒަރު ސާފު ނުވަނީ މި ސަބަބާ ހެދި އެވެ.

ބޭންކް އެކައުންޓްތަކަށް ޖަމާކުރި ހިޔާނާތުގެ ފައިސާގެ ބޮޑު ބައި ވަނީ ނަގުދު ފައިސާގެ ގޮތުގައި އެ އެކައުންޓްތަކުން ނަގައިފަ އެވެ. އޭސީސީއަށް ނުހޯދުނީ އެ ފައިސާ ބޭންކް އެކައުންޓްތަކުން ބޭރުކޮށް އެއަށް ފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ފައިސާ ޖަމާކުރި ޖާޑިތަކެވެ. އަދީބުގެ ފައިސާގެ ޖާޑިތަކުން މުއްޖަހާފައި އެ ފައިސާތައް ނަގައިގެން ގެންދިޔަ މީހުން އޭސީސީއަކަށް ހިފޭ ގޮތެއް ނުވި އެވެ.

ދަބަސްދަބަހާއި ކޮތަޅު ކޮތަޅުގައި އެ ފައިސާތައް އުފުލި ތަންތަނާއި ހަވާލުވި މީހުންނަކީ ކޮބައިންކަން އޭސީސީއިން މިހާތަނަށް ހިންގި އެންމެ ބޮޑު ތަހުގީގުން އެނގޭނެ ކަމަށް އެންމެން ތިބީ ގަބޫލުކޮށްގެން އެވެ. އެކަމަކު މާޔޫސްވި ކަމަކަށްވީ، އެ ރިޕޯޓްގައި ހިޔާނާތުގެ އެންމެ ފުނަށް އޭސީސީއަށް ނުދެވުނީމަ އެވެ.

ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ވިއްކައިގެން އެމްްއެމްޕީއާރްސީއަށް ލިބެން ޖެހޭ 77.5 މިލިއަން ޑޮލަރު ތެރެއިން އެމްއެމްޕީއާރްސީއަށް ލިބިފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. ޔަގީންވާ ކަމަކީ، ދެން ބާކީ ހުރި 1.4 ބިލިއަން ރުފިޔާ ވަނީ ބައެއްގެ ޖީބުތަކަށް ވަދެފަ އެވެ.

އެ ފައިސާގެ ބޮޑު ބައެއް މަޖިލިސް މެންބަރުންނަށާއި ގާޒީންނާއި ސިފައިންނާއި ފުލުހުން އަދި އެހެން ވެސް މުއައްސަސާތަކުގެ ވެރިން ގަނެލުމަށް ބަހާލައި، މުޅި ދައުލަތް ވަނީ ފަސާދަކޮށްލައިފަ އެވެ. އެކަމަކު، އޭސީސީގެ ރިޕޯޓްގައި އެސްއޯފްއިން ބަހަމުން އައި ހިޔާނާތުގެ ފައިސާ ވަދެފައި އޮތީ، ދެތިން ހަތަރު މަޖިލިސް މެންބަރެއްގެ އެކައުންޓަށެވެ. ސިފައިންނާއި ފުލުހުން، ގާޒީން އަދި މިނިވަން މުއައްސަސާތަކުން އެ ފައިސާ ލިބުނު އެއްވެސް ބޭފުޅެއްގެ ވާހަކައެއް އެ ރިޕޯޓަކު ނެތެވެ. އަނެއްހެން ބުނަންޏާ ރިޕޯޓްގައި އޮތީ ދައްކާ ބާވެފައި ހުރި ވާހަކަތަކެވެ.

އެކަމަކު އެ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތުތައް އާންމުން ރައްދުކުރާ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވަނީ، އަދީބުގެ ފައިސާ ޖާޑިން މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހާފައި ހުންނާނެ އޭއެވެ. އަދި އެ ފައިސާ ބެހުނު ގޮތުގެ އެތައް ވާހަކައެއް އެތައް ފަހަރަކު އެމަނިކުފާނުގެ ދައްކަވާ އިއުތިރާފެއްވެސް ވަޑައިގެންފައިވެ އެވެ. އެކަމަކު އެންމެން މިހާރު ހައިރާންވެފައި ތިބީ އޭސީސީގެ ރިޕޯޓްގައި އެއިން އެއްވެސް ފަރާތެއްގެ ނަމެއް ނެތުމުންނެވެ.

އެ ރިޕޯޓްގައި ނަން ނެތް އެންމެންނަކީ އަދި ސާފު ބަޔަކަށް ވެސް ނުވާނެ އެވެ. އަދި އެ ރިޕޯޓްގައި ނަން އޮތް އެންމެންނަކީ ހިޔާނާތްތެރިންނަކަށް ވެސް ނުވާނެ އެވެ. އެ ރިޕޯޓް އެކުލަވާލުމުގައި އޭސީސީގެ މުޅި ފޯކަސްހެން އޮތީ، ރަށްތަކާއި ފަޅުތައް ވިއްކި އުސޫލުތަކުގެ ތެރެއިންތޯ އާއި އެތަންތަން ވިއްކުމުން ލިބުނު ފައިސާއަށް ދެންވީ ގޮތެއް ހޯދުމަށެވެ. އަދި އެ ޑީލްތަކުން ދައުލަތަށް ހަގީގަތުގައި ގެއްލުންވި ވަރެއް ވެސް އެ ތަހުގީގުގެ ތެރެއިން އެސެސްކޮށްފައެއް ވެސް ނެތެވެ.

އަދީބު ކޯޓް ރޫމްތަކުގައި ވިދާޅުވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ކަހާލުމަށް ފަހު، އެ ފައިސާތައް ނަގައިގެން ދަބަސް ދަބަހާއި ކޮތަޅު ކޮތަޅަށް އަޅައި އެތައް ބަޔަކަށް އެ ފައިސާ ރައްދުކުރި އެވެ. އެހެން ވީމާ، އޭސީސީއިން ކިތަންމެ ވަރަކަށް ބޭންކް ސްޓޭޓްމަންޓްތައް ހޭވިޔަސް އެ ފައިސާ ދިޔަގޮތް ފެންނާނެ ހެއްކެއް ގަރީނާއެއް ނޯންނާނެ އެވެ.

އޭސީސީގެ ރިޕޯޓްގައި އެހެރަ ގިނަ ކަންކަމާ ގުޅިގެން އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ، އަބްދުﷲ ޒިޔަތާއި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއީލްގެ މައްޗަށް ވަނީ ޝަރީއަތް ހިންގައިފަ އެވެ.

އެ ހިޔާނާތުގެ ފައިސާ ބެހުމުގައި އުޅުއްވި އަދީބުގެ އެކުވެރިން ވެސް ބުނާ ގޮތުގައި އެ ފައިސާ ބެހީ ނަގުދު ފައިސާއިން ދަބަސް ދަބަހުގަ އެވެ. އޭސީސީއަށް ތަހުގީގުގައި ސުވާލު ނުކުރެވި އޮތީ، އެ ފައިސާތައް އެކައުންޓްތަކުން ނަގައި ފައިސާ ޖާޑިއަށް އެޅުމުގައި އުޅުނު މީހުންނާ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އުޅެނީ ފިލައިގެން އަދިވެސް ރާއްޖެއިން ބޭރުގަ އެވެ.

އެ ތަފްސީލްތައް އަކުރުން އަކުރަށް އިނގޭނެ ބޭފުޅަކަށް ވެސް ހުންނެވީ އަދީބެވެ. އެހެން ނަމަވެސް، އޭގެ ތަފްސީލްތަކަކަށް އަދީބުވެސް ވަޑައިނުގަންނަވަ އެވެ. އަދީބު ވިދާޅުވަނީ ފައިސާ ނަގައިގެން ދަބަސް ދަބަހުގައި ގެންދަނީ ރައީސް ޔާމީންގެ ގެކޮޅަށް ކަމަށާއި އެ ފައިސާ ބައްސަވަނީ އެމަނިކުފާނު ކަމަށެވެ. އެކަމަކު، ރައީސް ޔާމީން ވެސް އެކަމާ ހަވާލެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވަނީ ފައިސާ ބެއްސެވީ އަދީބު ކަމަށާއި މައްސަލަ ނިމޭނީ އަދީބާ ހަމައިން ކަމަށެވެ.

މި ހުރިހާ ކަމަކުން އެނގޭ ކަމަކީ، އެމްއެމްޕީއާރުސީގެ ރިޕޯޓްގައި ނަން އޮތް މީހުންނަށް އަދަބު ދީގެން މިކަން އޮއްބާލެވޭކަށް ނެތެވެ. އޭސީސީގެ ރިޕޯޓްގައި އޮތީ ބޭންކްތައް މެދުވެރިކޮށް އެ ފައިސާ ލިބުނު ފަރާތްތަކުގެ ވާހަކަ އެކަންޏެވެ. ހަގީގަތުގައި އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނީ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ލިބުނު މީހުން އެކަންޏެއް ނޫނެވެ. ހަގީގަތުގައި އެ ފައިސާއިން މުއްސަނދިވެފައިވާ މީހުންގެ ލިސްޓް ވަރަށް ވެސް ދިގެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ އެންމެ ފުނަަށް ދެވުނީ ކަމަށް ވާނީ، ގޯނި ގޯނީގައި އުފުލި ފައިސާ ލިބުނީ ކޮން ބަޔަކަށްކަން ހޯދިގެން އެވެ. އެމީހުންގެ މައްޗަށް އިންސާފު ގާއިމްކޮށް އެ މައްސަލަތައް ބެލިގެން އެވެ. ރިޕޯޓްގައި ނަން ނެތުމަކީ ސާފު ހުދު ފޮތިކޮޅަކަށް އަދި ވުމެއް ނޫނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަނދިރި ފަރާތް އަލިކުރެވޭނީ އަދީބުގެ ފައިސާ ޖާޑީން މުއްޖަހާފައި ފައިސާ ނެގި މީހުން ފަޅާއަރުވާލައި އެ މީހުންގެ މައްޗަށް އިންސާފު ގާއިމް ކުރެވިގެން އެވެ. ބޮޑު ހިޔާނާތުގެ ވާހަކަ އަދީބާ ހަަމައިން އަދި ނިންމާލެވޭކަށް ނެތެވެ.