ރިޕޯޓް

ޕީޕީއެމްގެ ތާއީދު ޖޭޕީއަށް: މިއީ ކޮން ކަމެއް؟

ސަރުކާރު ހިންގާ ޕާޓީއެއް، އިދިކޮޅު މައި ޕާޓީއާއެކު ކޯލިޝަން ހެދި މަންޒަރު ދުށިން ހެއްޔެވެ؟ މިއޮތީ ފެންނާށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖޭޕީ މިވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނަން ނިންމާފަ އެވެ. އެ ޕާޓީއިން "އެހެނެއް ނޫނޭ އެއީ ދޮގެކޭ" ބުންޏަސް އެއީ ތެދެކެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ޕާޓީގެ ޓިކެޓް ދިން ބައެއް ބޭފުޅުންގެ އަތުން ޓިކެޓް އަނބުރާ ނަންގަވާފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޖަމީލް އުސްމާނާއި އަބްދުﷲ މަސީހު ވެސް ހިމެނެ އެވެ. ރައީސް ޔާމީން އަންގަވައިގެން ދަގަނތި ދާއިރާއަށް ވާދަ ކުރައްވާ މައުމޫން އަބްދުލްސަމަދާއި އެ ޕާޓީގެ އެސްޖީއަކަށް ހުންނެވި އަބްދުލް މަތީން ވެސް ވަނީ ޓިކެޓް ދޫކޮށްލަވާފަ އެވެ.

މައުމޫން އާއި މަތީން ވަނީ ޕީޕީއެމްގެ އެ ނިންމުމާ ހިތްހަމަ ނުޖެހި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ވެސް ނިންމަވާފަ އެވެ. އަނެއްކޮޅުން އެ ދެ ދާއިރާއަށް ވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވަނީ ދެން ރައީސް ޔާމީނާއެކު ސިޔާސީ ސަފުހާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވާ ދެ ބޭފުޅުންނެވެ. ދަނގެތީ ދާއިރާއަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވާދަ ކުރައްވަ އެވެ. މަތީން ވާދަ ކުރައްވާ އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވަނީ އިލްހާމް އަހުމަދެވެ.

ޖުމްހޫރީ ޕާޓީއިން އިއްޔެ ބުނި ގޮތުގައި ޕީޕީއެމްއިން ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމީ އެ ޕާޓީއާ މަޝްވަރާ ކުރުމެއް ނެތި އެވެ. އެކަމަކު އެއީ "ހެޔޮފުޅު" ކަމެވެ. އެކަމާ ޖޭޕީ އުފާ ކުރެ އެވެ. ޖޭޕީގެ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަދި ސައިންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް މިހެން ވިދާޅުވެ އެވެ.

އެކަމަކު، މަޝްވަރާ ނުކޮށް އެފަދަ ބޮޑު ނިންމުމެއް ޕީޕީއެމްއިން ނިންމައިފާނެ ކަމަކަށް ގަބޫލު ކުރާ އެއްވެސް މީހަކާ އަދިއެއް ދިމައެއް ނުވެއެވެ.

އެހެން އޮއްވާ އިވިގެން ދިޔައީ ޖޭޕީން ބައެއް ދާއިރާތައް ޕީޕީއެމްއަށް ދޭން ނިންމި ކަމުގެ އަޑެވެ. މަހިބަދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓް ވާދަ ކުރައްވާ މިހާރުގެ ވެސް މެންބަރު އަހުމަދު ތޯރިގަށް ޖުމްހޫރީ ޕާޓީއިން ތާއީދު ކުރަން ވަނީ ނިންމާފަ އެވެ. އެ ދާއިރާގެ ޓިކެޓް ދޭން ނިންމާފައިވާ އަހުމަދު ސުނިލްގެ އަތުން ޓިކެޓް ނަގަން ވެސް ނިންމީ އެވެ.

އެ ޓިކެޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޭން ނިންމަވައި އަމިއްލަފުޅަށް މީޑިއާގައި އިއުލާން ވެސް ކުރެއްވި ދާއިރާއެކެވެ. މިހާ ހިސާބުން ކަށަވަރު ވަނީ ދެ ޕާޓީގެ ދެމެދުގައި ކޮންމެ ވެސް މަޝްވަރާތަކެއް ހިނގައިފި ކަމެކެވެ. އެކަމަކު، މި މަޝްވަރާތަކަކީ "ސައްހަ" ކަމެއް ހެއްޔެވެ؟ ނައިބު ރައީސް ވެސް ނިސްބަތްވާ ޕާޓީން އިދިކޮޅު ޕާޓީއާ އަތާ އަތު ގުޅާލުމަކީ ކޮންތާކު އުސޫލެއް ހެއްޔެވެ؟ އަދި މިވާން އުޅެނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ކޯލިޝަން ހެދުމުގެ މައްސަލައަކީ މިއީ!

ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ރާއްޖެ ގެންނަން މަސައްކަތްކުރާ "ނަވާނަވައި" ގެ ފަރާތުން މިފަހަރުގެ މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އަހުމަދު މުހައްމަދު ވިދާޅުވާ ގޮތުގައި ކޯލިޝަން ހެދުމުގައި މައްސަލައަކީ އެއީ އެވެ. ނުރޫޅޭނެ ކަމަށް ބުނެ ސިޔާސީ ލީޑަރުން ކިތަންމެ ވަރަކަށް ރައްޔިތުންނަށް ހުވަފެން ދެއްކިޔަސް ކޯލިޝަންގެ އަސްލަކީ ރޫޅުމެވެ.

ކޯލިޝަނަކީ ރިޔާސީ ނިޒާމެއްގައި އޮންނަ އެއްޗެއް ވެސް ނޫނެވެ. ސަރުކާރު ބަހާނެ ގޮތާއި މަޖިލިސް ބަހާނެ ގޮތަކީ ކޯލިޝަން އެއްބަސްވުމަކީ ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ. އެކަމަކު، މި ސަރުކާރު އައީ އެގޮތްތައް ކަނޑައަޅައިގެންނެވެ. ގޯސް ފެށުނީ އެހާ ހިސާބުންނެވެ. ރާއްޖޭގައި ރައީސް އާއި ނައިބު ރައީސް ދެ ޕާޓީއަކަށް ނިސްބަތްވި ވެރިކަމެއް މި ނޫނީ އަދި ނާދެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖެއްސެވީ މިސާލެކެވެ. އޭނާ ވިދާޅުވި ގޮތުގައި ތޫފާނެއް އައުމުން ސަލާމަތްވުމަށް މުސަޅު ވެސް މިނިކާވަގު ވެސް ވަންނާނީ އެއް ހޮހޮޅައެއް ތެރެއަށެވެ. ތިބޭނީ ވެސް ކައިރިކައިރީގަ އެވެ. އެކަމަކު، ތޫފާން އަލިވާއިރަށް މިނިކާ ވަގު، މުސަޅާ ދިމާލަށް ބަލާލައިނީ މުސަޅު ކައިލުމަށެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ކޯލިޝަނަކީ އެފަދަ ކޯލިޝަނެއް ކަމަށް އުމަރު ވިދާޅުވެ އެވެ.

"މި އޮންނަނީ ދެ ފިކުރެއް އެއީ ލިބަރަލް ނޫނީ ހައްގުތަކާއި މިނިވަންކަމަށް ވަކާލާތު ކުރާ ފިކުރު، ދެން ކޮންޒަވޭޓިވް ފިކުރު ނޫނީ ދީނާއި ގައުމިއްޔަތަށް ވާކާލާތު ކުރާ ފިކުރު، ރާއްޖޭގައި އެ ފިކުރަކީ ޖުމްހޫރީ ޕާޓީ، ރައީސް މައުމޫން، އަޅުގަނޑު އަދި އަދާލަތު ޕާޓީ، ލިބަރަލް ފިކުރަކީ ރައީސް ނަޝީދުގެ ފިކުރު، އެހެންވީމަ ދެ ފިކުރެއްގެ ޕާޓީއަކަށް ކޯލިޝަނެއްގައި އޮންނަން އުނދަގޫވާނެ، ރައްޔިތުން ވޯޓު ދެނީ ދެ ފިކުރަށް،" އުމަރު ވިދާޅުވި އެވެ.

އާ ގުޅުމަކީ "ނެޗުރަލް" ކަމެއް!

ސިޔާސީ ދާއިރާގެ ބައެއް ސީނިއާ ބޭފުޅުން ވިދާޅުވި ގޮތުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން މަޖިލިސް އިންތިހާބަށް އެކުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެ ދެ ޕާޓީއަކީ އެއް ފިކުރެއް ވިއްކާ ދެ ޕާޓީއަށް ވާއިރު ތާއީދު އޮތް ރައްޔިތުން ވޯޓު ދޭނީ ވެސް އެ ލައިނުގެ މަތިންނެވެ.

"ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ލިބުނު 96،000 ވޯޓަކީ އެމަނިކުފާނަށް ލިބުނު ވޯޓެއް ނޫން، އެއީ ފިކުރަށް ލިބުނު ވޯޓެއް، ލިބަރަލް ފިކުރާ ދެކޮޅަށް ތިބި ރައްޔިތުން އެއީ، އެހެންވީއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮންޒަވޭޓިވް ފިކުރުގެ ދެ ޕާޓީއަކުން ކެންޑިޑޭޓުން ނެރުމުން ލިބަރަލް ޕާޓީއަށް އޭގެ ފައިދާ މި ލިބެނީ، އެހެންވީއިރު ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ކޯލިޝަނަކީ ވަރަށް ނެޗުރަލް ކަމެއް،" ސިޔާސީ ގޮތުން ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ފައިދާ އޮތީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ކޯލިޝަނެއް ހަދައިގެނެވެ. އެ ދެ ޕާޓީއިން ދެކޮޅު ލިބަރަލް ފިކުރުގެ ވެރިޔާ މަޖިލީހަށް ބޮޑު މެޖޯރިޓީއަކާއެކު ވަޑައިގެންނެވުމަކީ އެ ދެ ޕާޓީގެ މަސްލަހަތެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކޮންޒަވޭޓިވް ފިކުރު ކޮންމެވެސް ވަރަކަށް ހުންނަވާ ބޭފުޅެއް ކަމުން އެ ފިކުރުގެ ބޭފުޅުންނަށް އެމަނިކުފާނަށް އިތުބާރު ކުރެވުނަސް، ރައީސް ނަޝީދަށް އެ އިތުބާރު ނޯންނާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ކުރިން އޮތީ މަޖުބޫރު ކައިވެންޏެއް، މިހާރު އަނެއްކާވެސް އާ ކައިވެންޏެއް މިއޮތީ ކުރަން ޖެހިފައި،"

އާ ގުޅުމަށް ރުހުން އޮންނާނެބާ؟

"ނެޗުރަލް" ގުޅުމެއް ނަމަވެސް މި ގުޅުމަށް ރައްޔިތުން އާނއެކޭ ބުނެފާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އުމަރު ނަސީރު ވިދާޅުވާ ގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފިކުރުތައް މަސްހުނިވުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް އޮޅުން ބޮޅުންވެފަ އެވެ. ސިޔާސީ ބޭފުޅުން އެކި ތަންތަނަށް އަރާ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާތީ، ރައްޔިތުން ތިބީ ފޫހިވެފަ އެވެ. ކެންޑިޑޭޓުންނާމެދު މާބޮޑު އުއްމީދުތަކެއް ރައްޔިތުންގެ ނެތެވެ.

ރައްޔިތުންގެ އިތުރަށް ޕީޕީއެމްގެ ބައެއް ބޭފުޅުންގެ ރުހުމެއް ވެސް އާ ގުޅުމަށް އޮތް ކަމަކަށް ނުބެލެވެ އެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވަން މަސައްކަތް ކުރެއްވި އެމްޕީއެލްގެ ކުރީގެ އެމްޑީ އަބްދުލް ރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަޕޯޓް ހުރި ދާއިރާތަކުގެ ގޮނޑިތައް ޖޭޕީއަށް ދީގެން އެ ޕާޓީއިންވާ ގުރުބާނީގެ އަގު ޖޭޕީން އިހްލާސްތެރިކަމާއެކު ދަންނާނެ ކަމާމެދު ސުވާލު އުފެދެ އެވެ. މާޒީގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އިހްލާސްތެރިކަމެއް ފެންނަން ނެތް ކަމާއި ފަހު ވަގުތު ކަށި ޖަހާ ކަމަށް އޭނާ ވިދާޅުވެ އެވެ.

ހަލީމްގެ އިތުރުން އުނގޫފާރު ދާއިރާއަށް މިހާރު އަމިއްލަ ގޮތުން ވާދަ ކުރައްވައި ޕީޕީއެމްގެ އެސްޖީކަން ކުރެއްވި އަބްދުލް މަތީން ވެސް ވިދާޅުވީ ޖޭޕީން އެ ދާއިރާއަށް ނެރޭ ކެންޑިޑޭޓު އިލްހާމް އަހުމަދަކީ ރައްޔިތުން ބަލައިގަންނަ ބޭފުޅެއް ނޫނެވެ. އެ ދާއިރާގެ ރައްޔިތުންނެއް އޭނާ ބޭނުމެއް ނުވެ އެވެ. މަތީން އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމެވީ ވެސް އެހެންވެ އެވެ.

ކޯލިޝަން ގުޑައި ރޫޅުމުގެ މަގުމަތީ އޮތްއިރު ދެން އުފެދޭ އާ ކޯލިޝަނަކާމެދުވެސް އެއްވެސް އުއްމީދެއް ނޯންނާނެ އެވެ. މާޒީ ދައްކާފައި އޮތް މަންޒަރަކީ ވެސް އެއީ އެވެ. އަދި މީގެ ތިން މަސް ދުވަސް ކުރިން ސިޔާސީ ގޮތުން ހޫނު ހަމަލާތައްދީ، އެކަކު އަނެއްކަކަށް ވަގަށް ގޮވި ބަޔަކު ކުއްލިއަކަށް އެކުވެ، ރައްޔިތުންގެ ވޯޓު ހޯދަން އަތު ގުޅާލައިގެން ދިޔުމުން ރައްޔިތުންގެ އުދާސްވާނެ އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ފުރަތަމަ ޑިފެންސް މިނިސްޓަރު ނާޒިމް، ޕީޕީއެމްގެ ނޫނީ ރައީސް ޔާމީންގެ ތާއީދު ހިފައިގެން ކުރައްވާނީ ކޮން ކަމެއް ހެއްޔެވެ؟ ރައްޔިތުން ގާތު ބުނާނީ ރައީސް ޔާމީންގެ ތާއީދު ވެސް އެބަ އޮތް ކަމަށް ހެއްޔެވެ؟ މިއީ ކޮން ކަމެއް ހެއްޔެވެ؟