މާލެ ކައިރީގައި މޫދަށް އެރިލާ އާއިލާ އާއި ރައްޓެހިންނާއެކު ދަތުރުޖައްސާލަން ދާނެ ތަނެއް ނޯވެ އެވެ. އެއާއެކު ކައިރި ރަށްރަށުގައި ރަށު ޓޫރިޒަމް ފުޅާވެ އެ ރަށްރަށް ހަފުތާ ބަންދުގައި ޖައްސާލައި އުފާ ހޯދާ މީހުން އަންނަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހަށް ގިނަ ވަމުންނެވެ. ރަށު ޓޫރިޒަމްގައި ހިމެނޭ ގެސްޓްހައުސްތަކަށް ހަފުތާބަންދުގައި ޖައްސާލާ ކޮލިޓީ ވަގުތުކޮޅެއް އާއިލާ އަދި ރައްޓެހިންނާއިއެއްކޮށް ހޭދަކޮށްލުމުގެ އިތުރުން ޖަޒީރާ ދިރިއުޅުން އޭގެ އަސްލުގޮތުގައި ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ގިނަ މީހުން މިހާރު ހިޔާރުކުރަނީ ވެސް މިގޮތެވެ.
ކުރާ ކޮންމެ ކަމެއްވެސް އަބަދުހެން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ގޮތަށް މި ގެސްޓްހައުސްތަކަށް ގޮސް ނަގާ ފޮޓޯގަނޑުވެސް މި ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރާމުންނެވެ. އިންސްޓަގްރާމް ފީޑްތަކުގައި ޖަޒީރާ ދިރިއުޅުން ދައްކުވާދޭ ފޮޓޯ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ. އަދި ވަކި ވަކި ރަށްތަކުގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ތަފާތު ހޭޝްޓެގުތައް ވެސް އުފެދިފައިވެ އެވެ. ބައެއް ރަށްރަށުގައި އެރަށްތަކަށް ހާއްސަ ފޮޓޯ ސްޕޮޓްތަކެއް ހުރުމާއެކު މި ތަންތަނަށް ޖައްސާލާ ފޮޓޯ ނެގުން މިއީ ހަފުތާބަންދު ގުރޫޕަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ތޮއްޑޫގައި އޮންނަ ވާވު މަގު!
ޖަޒީރާ ދިރިއުޅުމެއް އެންމެ ބޮޑަށް ތަމްސީލު ކުރާނެ އެއްޗަކީ ރުއްތަކެވެ. ތޮއްޑޫއަށް ދާ މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ މި ފޮޓޯ ސްޕޮޓަކީ ދެފަރާތުގެ ރުއްތަށް އިންދާފައި އޮންނަ ކުޑަ ކުޑަ މަގެކެވެ. މި މަގަށްކިޔަނީ ވާވު މަގެވެ. މަޝްހޫރު ކަރާ ދަނޑުތައް ހިމެނޭ ސަރަހައްދުގައި އޮންނަ މި މަގަކީ ތޮއްޑޫއަށް ދާ ޓުއަރިސްޓުންގެ އިތުރުން ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ފޮޓޯ ސްޕޮޓެކެވެ.
ގުޅީގެ މޫދުގައި އޮންނަ އުނދޯލި!
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް އުނދޯލި ހެއްލުމަކީ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ގުޅީގައި
"އައި ލަވް ގުޅި" މިހެން ލިޔެލާފައި އޮންނަ އުނދޯލީގައި ކުޑަ ސާފް ބޯޑު ފިލާގަނޑެއްގައި ދިވެހި ދިދަ ވެސް ހިމަނާފައި ހުރެއެވެ. މި އުނދޯލި އޮންނަނީ ގުޅީގެ ގެސްޓްހައުސް ކައިރި ހުންނަ މޫދުގަ އެވެ. މިއީ އިންސްޓަގްރާމްގައި ވަރަށް މަގުބޫލު ފޮޓޯ ސްޕޮޓެކެވެ. މި ރަށަށް ދެވިއްޖެ ނަމަ ކޮންމެހެންވެސް މި ތާނގައި ފޮޓޯއެއް ނަގެމަކީ ކުރަންޖެހޭ ކަމެކެވެ. މިއީ ދުނިޔޭގައި ވެސް މިހާރު މަޝްހޫރު އުނދޯއްޔެކެވެ.
މޫދު ހީލްސް އެވްރިތިންގް!
ނަލަނަލަ ހިންމަފުށި މިއީ ހިންމަފުށްޓަށް ހާއްސަ ހޭޝްޓެގެކެވެ. މި ޓެގުގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި މަގުބޫލުވެފައިވަނީ ރަށުގައި ހުންނަ ގެސްޓްހައުސެއްގެ ފާރުގައި ލިޔެފައިވާ ބަހެވެ. ޗޮކުލެޓުން އުފާވެރިކަން ގެނެސްދީ އަދި ހުރިހާކަމެއް ހައްލުވާނެއޭ ބުނާ އަޑު އަހަރުމެންނަށް އަބަދުވެސް އަޑުއިވެއެވެ. އެހެން ނަމަވެސް މި ފަހަރު މި އޮތީ މޫދު ހީލްސް އެވްރިތިންގް އެވެ. ހިންމަފުށީގެ މޫދު ސާފް ހައުސް ގެސްޓްހައުސްގެ ބޭރު ފާރުގައި ޖަހާފައި އޮންނަ މި ޖުމްލަ އާއެކު އެ ތަން ވަނީ ރަށުގައި ރާއްޖޭގައި ވެސް މަގުބޫލުކަން އިތުރުވެފަ އެވެ.
އިޓްސް ބެޓާ އިން ބާ މި ހޭޝްޓެގް!
ހުރިހާ ކަމެއްވެސް އެންމެ ރަނގަޅުވާނީ ބ. އަތޮޅުގައި ކަމަށް ބުނާ މި ހޭޝްޓެގް އިންސްޓަގްރާމްގައި އެކަނި 12 ހާހަށް ވުރެ ގިނަ ޕޯސްޓްކޮށްގައި އެބަހުއްޓެވެ. ހަމަގައިމު ވެސް އެ އަތޮޅުގެ ރީތި ކަމާއި ހިތްގައިމު ކަމާއި އެއްވަރަށް މި ހޭޝްޓެގް ވެސް ހަމަ ކަމުދަނީ އެވެ. ޖަޒީރާ ސާދާ ދިރިއުޅުމުގެ ހިތްގައިމު ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ގޮތުގައި ވެސް އަޅައިގަންނަ ގޮތެއް ހުރެފައި ވަރަށް ވަރަށް ސަޅިއެވެ.