ސެނެހިޔާ ކައިރީ ރިންގްރޯޑްގެ ކަފިހިހުރެއްގެ މަތިން މަގު ހުރަސް ކުރަނިކޮށް މިދިޔަ އަންގާރަ ދުވަހު ކާރަކުންޖެހި އެކްސިޑެންޓްވި އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭއިން ބުނެފި އެވެ.
މެނޭޖިންގް ޑިރެކްޓަރު އަހްމަދު އަފްއާލް މިއަދު ވިދާޅުވީ، އެމީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށާއި އަދިވެސް އޭނާގެ ހާލު ދެރަ ކަމަށެވެ.
އެ މީހާއަށް އަނިޔާވި އެކްސިޑެންޓް ހިނގާފައިވަނީ އިތުރު އަންހެނަކާއެކު ކަފިހިހުރަސް މަތިން ހުރަސް ކުރަނިކޮށް މަޑުނުކޮށް ދުއްވި ކާރަކުން ޖެހިގެނެވެ. އެ ހާދިސާގައި އެ މީހާ ވެއްޓި ސްޕީޑް ބްރޭކަރުގައިޖެހި ބޯޖެހި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވެއެވެ.
ފުލުހުން ވަނީ އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހުންނާއި އެކަމާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތްތަކުން ޓްރެފިކް ޕޮލިހަށް އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.