ގައުމީ ފުޓްބޯޅް ޓީމް

ސާފް ސުޒުކީކަޕު ޓީމުގެ ދެ އެސިސްޓެންޓުން އަލުން ގެނެސްފި

ސާފް ޗެމްޕިއަންޝިޕްގައި، ގައުމީ ޓީމާއެކު މަސައްކަތް ކުރި، އެސިސްޓެންޓް ކޯޗް، ގެލާ ޝެކިލާޒީ އާއި ފިޓްނަސް ޓްރެއިނާ ވަލްޑަމީރު ކްރުނިޗް 'ލާޑޯ' އަލުން ގައުމީ ޓީމަށް ގެނެސްފި އެވެ.

މިދިޔަ އަހަރު، އެ ކޯޗުންނާއެކު ވެވުނު އެއްބަސްވީ، ސާފް ޗެމްޕިއަންޝިޕް ނިމެންދެނެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ގައުމީ ޓީމު ގަތަރުގައި ކުރިއަށް ގެންދިޔަ ޓްރެިއިނިން ކޭމްޕުގައި ޝެކިލާޒީ އާއި ލާޑޯ ވަނީ މަސައްކަތް ކޮށްފަ އެވެ.

ފައިނަލުގައި، އިންޑިއާ ބަލި ކުރުމަށް ގޭމް ޕްލޭން އެކުލަވާލީ، ޝެކިލާޒީ އެވެ. ގައުމީ ޓީމުގެ ކޯޗް، ޕީޓާ ޝެގަޓް ސާފް ޗެމްޕިއަންޝިޕަށް ފަހު ބުނެފައި ވަނީ، އިންޑިއާގެ ކުޅުން އެނަލިސް ކުރުމަށްޓަކައި އެތައް ގަޑިއިރެއް ޝެކިލާޒީ ހޭދަކޮށްފައިވާ ކަމަށެވެ. ޖޯޖިއާ އުފަން ޝެކިލާޒީއަކީ ބެލެޖިއަމްގެ ރަށްވެހިކަންވެސް އޮންނަ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ބެލްޖިއަމްގެ އެންމެ މަތީ ލީގްގައި ކުޅެފަ އެވެ. އޭނާ އާ އެކު ގައުމީ ޓީމުގެ ގައުމީ ޓީމުގެ ދާއީމީ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' މަސައްކަތް ކުރާނެ އެވެ.

ލާޑޯ އާއި ޝެކިލާޒީ ވަނީ، ޝެގަޓް އަފްގާނިސްތާންގެ ޓީމުގައި މަސައްކަތް ކުރިއިރުވެސް އޭނާއާ އެކު މަސައްކަތް ކޮށްފަ އެވެ. އިއްޔަ ކުޅުނު ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލު ދެ މެޗު ބަލަން އެ ދެމީހުންވެސް ވަނީ ދަނޑަށް ގޮސްފަ އެވެ.

ނިމިދިޔަ އޭޝިއަން ކަޕުގައި، ލާޑޯ ވަނީ، ލުބުނާންގެ ގައުމީ ޓީމުގައިވެސް ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މޮންޓަނީގުރޯއަށް ނިސްބަތްވާ ލާޑޯ ވަނީ ޔޫރަޕްގެ އެލީޓް ބައެއް ކުޅުންތެރިންގެ ޕާސަނަލް ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ނަމަވެސް، ސަރުކާރުން ޓީމުގެ ހިމެނުނު މެންބަރުންނަށް ދިން ބޯނަސް ފައިސާ ލާޑޯ އާއި ޝެކިލާޒީއަށް ލިބިފައެއް ނުވެ އެވެ. ސްޕޯޓްސް ކައުންސިލުން މިދިޔަ ޑިސެމްބަރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެ ކައުންސިލްގެ ރައީސް، އިބްރާހިމް އިސްމާއީލް ވިދާޅުވީ، ފައިސާ ދިން އިރު ރާއްޖޭގައި ނެތް ނަމަވެސް، އެ ފަރާތްތަކަށް ލިބެންޖެހޭ އެއްޗެއް ލިބޭނެ ކަމަށެވެ.

ގައުމީ ޓީމު މިހާރު ތައްޔާރު ވަމުންދަނީ އޭޝިއަން ޝެމްޕިއަންޝިޕްގެ 23 އަހަރުން ދަށުގެ ކޮލިފައިންއަށެވެ. އަންނަ މަހު 22 ން 26 އަށް ސައުދީ އަރަބިއްޔާގައި ކުރިއަށްދާ، ރާއްޖެ ހިމެނޭ ގުރޫޕް 'ޑީ' ގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ލުބުނާންގެ އިތުރުން އަރަބި އެމިރޭޓްސް އެވެ.