ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ރިސާލަތުގެ މަރުކަޒަކަށް މައްކާ އިޚްތިޔާރު ކުރެއްވުން

އެޑިޓަރުގެ ނޯޓް: ގއ. މާމެންދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރާއްޖެ ދުށް ވަރަށް ބޮޑު އިލްމުވެރިއެކެވެ. ދިވެހިންގެ ފަހުރެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އިލްމީ ދަނޑުގައި އަގު އަދާ ނުކުރެވެނެ ގިނަ މަސައްކަތްތަކާއި ހިދުމަތް ކުރައްވާފައިވާ އަދި ސިޔާސީ މައިދާނުގައި އުސް ހިސާބަކަށް ދަތުރު ކުރެއްވެވި ޝަހީމް މިހާރު ހުންނެވީ މުސްލިމު ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގަ އެވެ. އެ މަނިކުފާނު އެ ވަޒީފާގެ މަސައްކަތުގައި ޖިއްދާގައި ހުންނަވާއިރު ހުސްވަގުތު ހޯއްދަވައިގެން މިހާރުވެސް ލިޔުއްވައި ރިސާޗް ކުރައްވަ އެވެ. ތިރީގައި އެވަނީ "ޖިއްދާއިން މާލެއަށް" އެ ނަމުގައި އެ މަނިކުފާނު ސިލްސިލާކޮށް އަވަސްގައި ލިޔުއްވާނެ މަޒޫމުނުތަކެއްގެ ފުރަތަމަ ލިޔުމެވެ. --


ދުނިޔޭގެ ނިޒާމް ގެއްލި ދުނިޔެ އޮތީ އިޞްލާޙަށް ބޭނުންވެފަ އެވެ. ޖަހާލަތުގެ އަނދިރިކަން ފެތުރި އިންސާނުން ދިޔައީ އިންސާނުންނަށް އަޅުކަން ކުރަމުނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާވެރިކަން ފެތުރިފައި އޮތީ އިންސާނުން ޙައިރާން ކުރުވާ ފަދަ ދަރަޖައަކަށެވެ. ސަމާވީ ދީންތައް އިންދިރާސްވެ ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް އެދި ގޮވަގޮވައެވެ.

ކަން މިއޮތް ހިނދު ވެސް، ކުރީގެ ޤަރުނުތަކުގައި އެކި އުންމަތްތަކަށް މާތް ﷲ ފޮނުއްވި ނަބިއްޔުންނާއި ރަސޫލު ބޭކަލުން ފަހު ޒަމާނުގައި ނަބިއްޔަކު ވަޑައިގަންނަވާނޭކަމުގެ ޚަބަރު ދެއްވާފައިވުމުން އެ މަތިވެރި އުފާވެރި ޚަބަރަށް އިންތިޒާރު ކުރަމުން ދިޔަ މަދު ބަޔަކު ވެސް ދުނިޔޭގައި އުޅެމުން ދިޔަ އެވެ. އެމީހުންގެ ތެރެއިން އެއްބަޔަކު އުޅެމުން ދިޔައީ ޔަޘްރިބު (މަދީނާ) ގައެވެ. އޭގެ ތެރޭގައި ގިނައީ ބަނީ އިސްރާއީލްގެ ދަރިކޮޅުގެ މީހުންނެވެ. ހަމަ އެހެންމެ މައްކާގައި ވެސް ވަރަޤަތު ބުނު ނައުފަލް ފަދަ އިބްރާހީމްގެފާނުގެ ދީންމަތީގައި އުޅުނު މަދުބަޔަކު އުޅެމުން ދިޔައެވެ.

މިދެންނެވި ފަދަ ޙާލަތެއްގައި ދުނިޔެ ވަނިކޮށް ތައުޙީދުގެ ރިސާލަތު އިޢުލާން ކުރެވިގެން ދިޔައީ މައްކާގެ ތެރެއިންވެ. ފަހު ޒަމާނުގެ ނަބިއްޔާގެ މަތިވެރި ޝަރަފް ލިބިވަޑައިގެން ރަޙުމަތުއްލިލްޢާލަމީން މަތިވެރި މަޤާމް މާތް ﷲ ދެއްވީ އިބުރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ޤުރައިޝް ވަންހައިގެ މާތް ސާބިހާ މުޙައްމަދު ބުނު ޢަބްދުﷲ އަށެވެ. އެ ކަލޭގެފާނުގެ އުފަންވެވަޑައިގެންނެވީ މައްކާގެ އެންމެ އަބުރުވެރި އެންމެ ޝަރަފްވެރި އެންމެ ޢިއްޒަތްތެރި ޢާއިލާގެ ތެރެއިންވެ. އެކަލޭގެފާނުގެ ކާފާފުޅު އަބްދުލްމުއްޠަލިބަކީ ޤުރައިޝް ވަންހައިގެ ޒަޢީމެވެ. އެކަލާނގެފާނުގެ ބައްޕާފުޅު ޢަބްދުﷲ އަކީ ޢަބްދުލްމުއްޠަލިބްފާނުގެ އެންމެ ލޯބިފުޅުވާ ދަރިކަލުންނެވެ.

ފަހު ޒަމާނުގެ ނަބަވީ ރިސާލަތުގެ މައި މަރުކަޒަކަށް މައްކާ ވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ވަރަށް ގިނަ ވާހަކަ ދެއްކިދާނެ އެވެ. އެހެންނަމަވިޔަސް އޭގެ ޖަވާބުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބައެއް ދީނީ އިޖުތިމާޢީ ޘަޤާފީ ސިޔާސީ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.

ފުރަތަމަ ސަބަބަކީ: މާތްﷲގެ ނަބިއްޔާ އިބުރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢާއިލާއާއެކު މައްކާގައި ވަޒަންވެރިވުމަކީ މިކަމުގެ ފެށުމެވެ. އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މައްމާފުޅު ހާޖަރުގެފާނާއެކު އިބްރާހިމްގެފާނު މައްކާގެ ހަނަފަސް ބިމަށް ހިޖުރަ ކުރެއްވުމަކީ މަތިވެރި ތަދުބީރެއްގެ ފެށުމެވެ. އެ ހަނަފަސް ބިމަށް އެ ދެމައިކަލުން ދޫކުރައްވައި އެކަލޭގެފާނު ދުޢާ ކުރެއްވީ، އެ ދެމައިކަލުން ދޫކުރައްވައި އެ ވަޑައިގަންނަވަނީ ހަނަފަސް ބިމަކަށް ކަމަށާއި ﷲ ގެ ރަޙުމަތާއި ފަޟުލުވަންތަކަން އެ ދެމައިކަލުންނަށް ދެއްވައި ތަނަވަސް ރޯދި ބަރަކާތާއި ބާއްޖަވެރިކަމާއި އަމާންކަން ދެއްވުމަށް ދުޢާ ކުރައްވައި އެ ދެމައިކަލުން އެ ރަށަށް ދޫކުރައްވައި ވަޑައިގެންނެވިއެވެ.

ދެން ޒަމްޒަމް ފެން ފާޅުވުމާއި އެއާ ގުޅިގެން ޞަފާ އާއި މަރުވާ ފަރުބަދައިގެ އައްސޭރިފަށުގައި ހިނގައި ދިޔަ ކަންކަމުގެ ވާހަކަ ސިޔަރަތު ފޮތްތަކުގައި ތަފްސީލުކޮށް ބަޔާންވެފައި އެބަހުއްޓެވެ. އަދި ހާޖަރުގެފާނާއި ދަރިކަލުން އިސްމާޢީލްގެފާނު މައްކާގެ ތެރެއަށް ދޫކުރެއްވުމަށް ފަހު އިސްލާމީ ދަޢުވަތުގެ މަސައްކަތުގައި ގިނަ އަހަރުތަކެއް އުޅުއްވުމަށް ފަހު އަނެއްކާވެސް އިބްރާހީމްގެފާނު މައްކާއަށް އެނބުރި ވަޑައިގެން ގެފުޅުގެ ބިންގަލުގެ މަތީގައި ﷲ ގެ އަމުރުފުޅަށް ގެފުޅު ބިނާ ކުރައްވައި އާރާސްތު ކުރެއްވިއެވެ.

ގެފުޅު ބިނާ ކުރައްވައި މީސްތަކުން ޙައްޖަށް އައުމަށް ގޮވާލެއްވި އެވެ. އަދި މީސްތަކުންނަށް ﷲގެ ފޮތާއި ޙިކުމަތް އުގަންނަވައި ދެއްވުމަށް މައްކާގެ އަހުލުވެރިންގެ ތެރެއިން ރަސޫލަކު ފޮނުއްވުމަށް އިބްރާހީމްގެފު ދުޢާ ކުރެއްވި އެވެ. އެ ދުޢާ މާތް ﷲ އިޖާބަކުރައްވައި އެކަލޭގެފާނުގެ ދަރިކޮޅުން މުޙައްމަދުގެފާނު ވަޑައިގެންނެވުމަށް އިރާދަކުރެއްވީ އެވެ. މުޙައްމަދު ނަބީކަލޭގެފާނަކީ އެ ދުޢާގެ އަސަރެވެ. އެއީ އިބްރާހީމްގެފާނުގެ ވާރިސެވެ. ތައުޙީދުގެ ރިސާލަތު އިޢުލާން ކުރައްވައި ﷲ ގެ އެއްކައުވަންތަކަން ބިންމަތީގައި އަލުން ދިރުއްވައި ދީން ފެތުރުވެވުމަށް ފޮނުއްވުނު އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލަކީ މުޙައްމަދުގެފާނެވެ.

މި ޙަޤީޤަތްތަކަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 127 – 129 ގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ: " އަދި إبراهيم ގެފާނާއި إسماعيل ގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާ ކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު دعاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަން ކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެ އެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ."

ދެވަނަ ސަބަބަކީ، މައްކާއަކީ އިބްރާހީމްގެފާނުގެ ރިސާލަތުގެ އަސަރު އޮތް ތަނަކަށްވެފައި، ގެފުޅު ބިނާކުރެވިފައިވާ މާތް ކުރެއްވި ބިމަށް އެ ބިންވާތީ އާއި އެތަނުގެ އަހުލުވެރިންނަކީ ޝަރީކު ކުރާ ބަޔަކަށް ވިޔަސް، ﷲ ވޮޑިގެންވާ ކަމަށް ޤަބޫލު ކުރާ ބަޔަކަށް ވުމުން އެމީހުން ހެޔޮ މަގަށް ގެނައުމަށް ފަސޭހަވެދާނެތީ އެވެ. އެހެނީ މިސާލަކަށް ފާރިސް ކަރައަށް ބަލާއިރު އެމީހުންނަކީ އަލިފާނަށް އަޅުކަންކޮށް އުޅުނު ބައެކެވެ. އެމީހުންނަކީ އެއްގޮތަކަށް ވެސް ﷲ ވޮޑިގެންވާ ކަމަށް އީމާންވާ ބައެއް ނޫނެވެ. އަދި ރޯމަނުންނަކީ ވަޘަނީ ބައެކެވެ. ބުދަށް އަޅުކަންކޮށް އުޅުނު ބައެކެވެ. ދެން ދުނިޔޭގައި އުޅެމުން ދިޔައީ މުލްޙިދުންނާއި އިރަށް އަޅުކަންކުރާ މީހުންނެވެ. މިއާ ޚިލާފަށް މައްކާގެ އަހުލުވެރިންނަކީ ކުރީން ތައުޙީދުގެ މަތީގައި ތިބި ބަޔެކެވެ. ކުރިން އިބްރާހީމްގެފާނުގެ މިއްލަތުގައި ތިބި ބައެކެވެ. ގެފުޅަށް މާތްކޮށް ހިތަމުން އައިބައެކެވެ.

އެމީހުންނަކީ ﷲ ވޮޑިގެންވާ ކަމަށް ޤަބޫލުކުރާ ބައެކެވެ. ނަމަވެސް އެމީހުންގެ ތެރެއަށް ފަހުން ބުދުދީނުގެ އަސަރު ވަދެ އެކަމުގެ ޝިކާރަކަށް ވީއެވެ. އަދި އާޚިރަތް ދުވަހަށް އިންކާރު ކުރުން ފަދަ ކަންކަން އެމީހުންގެ ތެރެށް ފެތުރިފައި އޮތެވެ.
މުޙައްމަދުފާނުގެ ރިސާލަތު ބިނާވެގެން ދިޔަ އެންމެ ބޮޑު ދެ އަސާސަކީ އަޅުކަމުގައި ﷲ އެއްކައުވަންތަ ކުރުމާއި އާޚިރަތް ދުވަހަށް އީމާންވުމެވެ. މި ދެކަމަށް އިތުރު އެކަލޭގެފާނު ދިޔައީ ގޮވާލައްވަމުނެވެ. މައްކާގެ އަހުލުވެރިން ފުރަތަމަކޮޅުގައި އެކަމަށް އިންކާރު ކުރިޔަސް، ފަހުން ބަޔަކަށް ފަހު ބަޔަކު އެކަލޭގެފާނުގެ ދަޢުވަތު ދިޔައީ ޤަބޫލު ކުރަމުނެވެ. އޭގެ ތެރޭގައި މައްކާގެ އަޝްރާފުން ހިމެނެއެވެ.

ތިންވަނަ ސަބަބަކީ މައްކާއަކީ ޢަރަބި ކަރައިގެ އިޖުތިމާޢީ މަރުކަޒަށް ވުމެވެ. އިސްލާމްދީން ބާވާލެއްވުމުގެ ކުރިން ވެސް ޢަރަބިން ޙައްޖުކޮށް އުޅުނެވެ. ޠަވާފުކޮށް ވެސް އުޅުނެވެ. ނަމަވެސް އެމީހުން އެކަންކަން ކުރަމުން އައީ ރަނގަޅު ގޮތަކަށް ނޫނެވެ. ގެފުޅު ވަށައި ޠަވާފު ކުރަމުން ދިޔައީ އޮރިޔާން ޙާލުގައެވެ. އަދި ގެފުޅުތެރޭގައި އެތައް ސަތޭކަ ބުދު ހުއްޓެވެ. މައްކާގެ އަހުލުވެރިންގެ އިތުރުން ވަށައިގެންވާ އެހެނިހެން ޤަބީލާތަކުގެ މީހުން ދީނީ އަޅުކަން އަދާކުރުމަށް މައްކާއަށް އާދެއެވެ. މިހެންކަމުން މިފަދަ މާޙައުލެއްގައި ގިނަ ޢަދަދެއްގެ މީހުންނާ ހަމަ އަށް އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެ އެވެ. މި މާޙައުލުގައި ކީރިތި ރަސޫލާ ވަޑައިގެންނެވީ އިސްލާމްދީނަށް ގޮވާލައްވަމުނެވެ. ޙައްޖައް އަންނަ މީހުންނަށް ދަޢުވަތު ފޯރު ކޮށްދެއްވިއެވެ. މިގޮތުން މައްކާ ފިޔަވައި އަރަބި ކަރައިގެ އެކި ކަންކޮޅުތަކަށް އިސްލާމްދީން ވާސިލްވެގެން ދިޔައީ ކޮންމެ އަހަރަކު މައްކާއަށް ޙައްޖަށް އަންނަ މިހުންގެ ސަބަބުނެވެ. އެމީހުންގެ ތެރެއިން ބަޔަކު ކީރިތި ރަސޫލާގެ ދަޢުވަތަށް އިޖާބަދިނުމުގެ ސަބަބުނެވެ.

ހަތަރުވަނަ ސަބަބަކީ: ޘަޤާފީ އަދި ފިކުރީ އެއްވުންތައް އޮންނަނީ މައްކާގައި ކަމަށް ވުމެވެ. ޢުކާޒު ބާޒާރުގައި ޅެންކިޔުމާއި ޅެން ހެދުމާއި މި ބާވަތުގެ ޘަޤާފީ ކަންކަމަކީ މައްކާގެ ތެރޭގައި ވަރަށް ބޮޑަށް އޮތެވެ. އަދި މައްކާއިން ބޭރުން ވެސް ގިނަ ޢަދަދެއްގެ މީހުން މި ބާވަތުގެ ކަންކަމުގައި ބައިވެރިވުމަށް މައްކާއަށް އަންނަމުން ދިޔަ އެވެ. މި ފަދަ ވެއްޓެއްގައި ﷲ ގެ ރިސާލަތު ލެއްވުމުން ގިނަ ބަޔަކަށް އޭގެ އަޑު އިވޭނޭކަން ކަށަވަރެވެ.

ފަސްވަނަ ސަބަބީ: މައްކާއަކީ ސަރަޙައްދުގެ އިޤުތިޞާދީ މަރުކަޒަށްވުމެވެ. ޚާއްޞަކޮށް ޤުރައިޝް ވަންހައިގެ މީހުންނަކީ ވިޔާފާރީގައި ވަރަށް ކުރީ ސަފުގައި އުޅުނު ބަޔެކެވެ. ވިޔަފާރިވެރިންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އެމީހުންގެ ވިޔަފާރި ޤާފިލާތައް މައްކާގެ ބޯޑަރު ހުރަސްކޮށް ޝާމްކަރައަށާއި ޔަމަން ކަރައަށް ދަތުރުކޮށް އުޅުނެވެ. މި ޒަމާނުގެ ގޮތުން ބަލާނަމަ ބައިނަލްއަޤުވާމީ ވިޔަފާރީގައި މައްކާގެ އަހުލުވެރިން ޙަރަކާތްތެރިވެ އުޅުނެވެ. މީގެ އިތުރުން މަސްވެރިކަން ފަދަ އިޤުތިޞޯދީ މަސައްކަތްތަކުގައި ޢަރަބީން ޙަރަކާތްތެރިވިކަން ފެންނަން އެބައޮތެވެ. އެމީހުންނަކީ ހަމަ އެކަނި ބަކަރި ގެންގުޅުނު ބައެއް ނޫނެވެ. ޤުރައިޝުންގެ ވިޔަވާރި ޤާފިލާތަކުގެ ބައިނަލްއަޤުވާމީ ދަތުރުތުތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އަދި "ޤުރައިޝް" ގެ ނަމުން ޚާއްޞަ ސޫރަތެއް ﷲ ބާވާލައްވައި ވިޔަފާރީގެ ދަތުރުތަކުގެ ވާހަކަ އެ ސޫރަތުގައި ބަޔާން ކުރައްވާފައި ވެއެވެ.

އެމީހުންނަކީ އެޒަމާނުގައި އޮތް ވިޔަފާރީގެ ތެރޭގައި ތަފާތު ދާއިރާތަކުން ޙަރަކާތްތެރިވެ އުޅުނު ބައެކެވެ. މިކަމުގައި މައްކާގެ އަހުލުވެރިން ކުރިއަރާފައިވާވަރުން، އަރަބި ކަރައިގައި ވަށައިގެންވާ އެހެނިހެން ޤަބީލާތަކުގެ އަހުލުވެރިން ވިޔަފާރީގެ އެކި އެކި މުޢާމަލާތްތައް ކުރުމަށް މައްކާއަށް ގިނަގިނައިން އައިސްއުޅުނެވެ. މައްކާގެތެރެއިން ރަސޫލާކު ވަޑައިގެންފި ނަމަ މި އެންމެނަށް ދީން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ އެވެ. ކީރިތި ރަސޫލާގެ ރިސާލަތު ފޯރު ކޮށް ދެއްވުމުގައި އަމާޒުކުރެއްވި އެއްދާއިރާއަކީ މިއީއެވެ. މިގޮތުން ޢުޘްމާން ބުނު އައްފާނު ފަދަ ބައެއް ވިޔަފާރިވެރިން އިސްލާމްވި އެވެ. އެބޭކަލުންގެ ސަބަބުން އިސްލާމްދީނަށް ނަޞްރު ލިބުނެވެ. އިސްލާމްދީން ޤަބޫލު ކުރި އަޅުން މިނިވަންކުރުމާއި ﷲގެ މަގުގައި ކުރެވުނު ޖިހާދަށް ބޮޑު ހޭދައެއް މި ބޭކަލުން ކުރެއްވިއެވެ.

މި ދެންނެވި ސަބަބުތަކުގެ އިތުރުން ފާރީސީންނާއި ރޯމަނުންގެ ވެރިކަން ފަދަ ވެރިކަމެއް ޢަރަބިންގެ ތެރޭގައި ޤާއިމުވެފައި ނެތެއްކަމަކު، ޢަރަބި ކަރައިގައި ޒަޢާމަތު އޮތީ ޤުރައިޝުންގެ އަތްމަތީގައި ކަމުން، ޤުރައިޝުން ގެ ނިންމުންތައް ޢަރަބި ކަރައާއި ވަށައިގެންވާ ޤަބީލާތަކުގެ މީހުން އައީ ޤަބޫލު ކުރަމުންނެވެ. ބައެއް ޤަބީލާތަކުގެ ދީނަކީ ޤުރައިޝުންގެ ދީނެވެ. އަދި ޤަބީލާތަކުގެ މެދުގައި ޖެހޭ ތަފާތު މައްސަލަތައް ޙައްލުކުރުމަށް މައްކާއަށް އައިސް އުޅުނެވެ. މިދެންނެވި ސަބަބުތަކަށްޓަކައި މައްކާއްއާއި ޤުރައިޝުންގެ ޤަދަރު ޢަރަބިންގެ ހިތްތަކުގައި ވަރަށް ބޮޑަށް އޮތީ އުފެދިފައެވެ. އަދި އެހެންކަމުން ޤުރައިޝުންގެ ތެރެއިން ނަބިއްޔަކު ވަޑައިގަތުމުން އެހެން ޤަބީލާތަކުގެ އަހުލުވެރިންގެ ހިތްތަކުގައި އެކަން ބަލައިގަތުމަށް ފަސޭހަވެގެންދާނެކަން ވެސް ޔަޤީނެވެ.

އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކީ މައްކާގައި އިސްލާމީ ރިސާލަތު ފެށުމަށް މެދުވެރިވެގެންދިޔަ ސަބަބުތަކުގެ ތެރެއިން މުހިންމު ސަބަބުތަކެއްކަމުގައި މުއައްރިޚުން ބަޔާންކުރައްވާފައި ވެއެވެ. އިސްލާމީ ރިސާލަތު ފެށުމަށް އެންމެ މުނާސިބު ރަށުގައި ފެށިގެން ދިއުމުން ޤަދަރުވެރި އެތައްބަޔަކު އިސްލާމްދީނަށް ވަނެވެ. ހުނަރުވެރި އެތައް ބަޔަކު ވަނެވެ. އިސްލާމްދީނަށް ފަހު ވެސް މައްކާވެގެން ދިޔައީ ދީނީ އިޖުތިމާޢީ މަރުކަޒަށެވެ. އިސްލާމީ ޘަޤާފީ އަދި އަޅުކަމުގެ މަރުކަޒުގެ ގޮތުގައި މައްކާ ދެމިއޮތެވެ. އިރާދަކުރެއްވިއްޔާ ޤިޔާމަތާ ހަމައަށް ވެސް އެކަން އޮންނާނީ އެގޮތަށެވެ. ދެން ސުވާލަކީ މައްކާ ފަތަޙަކުރުމަށް ފަހުގައި ވެސް މައްކާގައި އިސްލާމީ ދައުލަތް ޤާއިމު ނުކުރައްވައި މަދީނާ އިސްލާމީ ދައުލަތުގެ ވެރިރަށް ގޮތުގައި ދެމި އޮތީ ކީއްވެގެން ހެއްޔެވެ. ކުރިއަށް ހުރި މަޒުމޫނު ތަކުގައި އެވާހަކަ ބަޔާން ކުރާ ހުށީމެވެ.