ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ގައުމީ އެއްބައިވަންތަކަން، ސަލާމަތްވުމުގެ އަސާސް

ކޮވިޑްގެ ޙާލަތުގެ ތެރެއަށް ޤައުމު ގެނބިގެން ހިގައިދާނެކަމުގައި ބިރު ހީވެފައިވާ މިނާޒުކު ދަނޑިވަޅުގައި ކޮވިޑުން ޤައުމު ސަލާމަތްކުރުމަށްޓަކައި ޞިއްޙީ މާހިރުންނާއި އެކި މުއައްސަސާތަކާއި ކަމާގުޅޭ ފަރާތްތަކުން މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރާ ޙާލުގައި، ދެތިން ބަހެއް ދަންނަވާލަން އަޅުގަނޑު ދޫކޮށްލައްވާށެވެ.

ކުޑަވެސް ޝައްކެއްނެތެވެ. މި ބޮޑު ކާރިސާގެ ޙާލަތު ކުރިއަށް ދާއިރު ޤައުމުން ކޮންމެވެސް ކަމެއް އެބަ އުނިވެއެވެ. ތަޢުބީރު ކުރަން ދަތި ހުސްކަމެއް އެބަ އިޙުސާސްވެއެވެ. އަޅުގަނޑުގެ ޚިޔާލަށް އަންނަ ގޮތުގައި އެ ހުސްކަމަކީ "ޤައުމީ އެއްބައިވަންތަކަމެވެ". ޤައުމުގެ މަތީ މަޞްލަޙަތަށް ވުރެބޮޑަށް ޙާޞިލްކުރަންޖެހޭ އެހެން އެއްވެސް މަޤުޞަދެއް ނޯންނާނެކަމާމެދު އަޅުގަނޑުމެންގެ ތެރެއިން ދެމީހަކު ދެބަހެއްނުމެވާނެއެވެ.

ނިކަން ވިސްނައި ފިކުރު ކޮށްލާށެވެ! އަޅުގަނޑުމެން މިކަން ފަސޭހަ ގޮތަކަށް ނަގައިގެން ތިބެންވީ ހެއްޔެވެ؟ މުޅި ޤައުމު ފުނޑުފުނޑުވާން ދޫކޮށްލަންވީ ހެއްޔެވެ؟ ރައްޔިތުން ބިކަވެ އިޤުތިޞާދު އިނދަޖެހި ޤައުމުގައި ޤާއިމު ކުރެވިފައިވާ އިންވެސްޓްމަންޓް ތައް ހަލާކުވާން ދޫކޮށްލަންވީ ހެއްޔެވެ؟ މުޅި ޞިއްޙީ ނިޒާމު ފެއިލްވާން ދޫކޮށްލަންވީ ހެއްޔެވެ؟ ސްކޫލްތައް ބަނދުވެ ކުޑަކުދިން ބިރުވެރި ޙާލަތަކަށް ވެއްޓި މާޔޫސްވާން ދޫކޮށްލަންވީ ހެއްޔެވެ؟ ބަލި މީހުންނާ މުސްކުޅިން މަރުވާން ދޫކޮށްލަންވީ ހެއްޔެވެ؟ މި ކާރިސާއިން ސަލާމަތްވުމަށް ޤައުމު އެއްބައިވަންތަކުރުވަން އިސްނަގަން ނުޖެހޭ ހެއްޔެވެ؟ ޤައުމަށް ވުރެ ވަކިން އަގު ބޮޑު ޖަވާހިރެއް އޮންނާނެ ހެއްޔެވެ؟ އަލުން ލޮކްޑައުނަކަށް ގޮސް ބޯޑަރތައް ބައްދުވެއްޖެ ނަމަ ޤައުމު އިނދަޖެހި ހަލާކުވީއެވެ. އެކަމުގެ އަސަރު ޤައުމުގެ ސިޔާދަތަށް ވެސް ކުރާނެއެވެ.

ބަލިމަޑުކަމުގެ ވަބާ ފެށުނީއްސުރެ ވެސް ސިޔާސީ ހަމަނުޖެހުން ޤައުމުގައި އޮތްކަމުގެ އިޙުސާސްކުރެވެއެވެ. އަޅުގަޑުގެ ނަޒަރުގައި ކާރިސާތަކުގެ ވަގުތުގައި ޤައުމު އެއްބައިވަންތަކުރުމުގައި އިސްނަގަން ޖެހޭނީ އެއިރެއްގައި ޤައުމުގައި އޮންނަ ސަރުކާރަކުންނެވެ. ކާރިސާގެ މިންވަރާ ގުޅޭ ވަރުގެ އެއްބައިވަންތަކަމެއް ގެނައުމަށް ޢަމަލީ ގޮތުން މަސައްކަތްކުރާކަމުގެ އިހުސާސްވާންޖެހެއެވެ. އެރޫޙު ފެންނަންޖެހެއެވެ. އެކަމަށް ޢަމަލީ ގޮތުން މަސައްކަތްކުރެވެމުންދާ ތަންވެސް ފެންނަންޖެހެއެވެ. މާޒީގެ ޞަފްޙާއަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ! 2004 ގައި ސުނާމީ އަރައި ބޮޑު ހިތާމައެއްގެ ތެރެއަށް ޤައުމު ވެއްޓިގެން ދިޔަ ނާޒުކު ޙާލަތަކީ ސިޔާސީ ހަމަނުޖެހުން ރާއްޖޭގައި އޮތް ޙާލަތެކެވެ. ވަރަށް ގިނަ ސިޔާސީ ވެރިން ތިއްބެވީ ޖަލުގައެވެ. އެވަގުތު ޤައުމީ މަޞްލަޙަތަށް ބައްލަވައި ރާއްޖެ އެއްބައިވަންތަކުރުވަން އެއިރުގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅުއްވިއެވެ. އޭގެތެރޭގައި ޖަލުތަކުގައި ބަންދުވެފައި ތިބި އެންމެހާ ސިޔާސީ ލީޑަރުންނާއި އެކި ފަރާތްތަށް ވަގުތުން ވަގުތަށް ގެއަށް ބަދަކު ކުރައްވައި، އަނެއްބަޔަކު ދޫކޮށްލެއްވިއެވެ. ނަތީޖާއަކަށްވީ މުޅި ޤައުމުގައި އޮތް ސިޔާސީ ހަމަނުޖެހުމުގެ މައްޗަށް ޤައުމީ ކަރުނަ އޮހޮރި ސިޔާސީ ފިކުރަށް ބެލުމެއްނެތި އެކަކު އަނެކަކުގެ އަތުގައި ހިފައި ޤައުމު ހިތާމައިގެ ވަޅުގަނޑުން ސަލާމަތްކުރުމަށް މަސައްކަތް ފެށުމެވެ. ސިޔާސީ ދެބަސްވުމުގެ އަޑު ކެނޑިގެން ދިޔައެވެ. ދިވެހިންގެ އެއްބައިވަންތަކަން ތާރީޚުގައި މިސާލު ޖެހޭ ފަދައިން ރަން އަކުރުން ފެވިގެން ދިއުމެވެ.

މިއަދު އެރޫޙެއް އަދި ނުފެނެއެވެ. ޖެހިގެން ހުރި އަވަށްޓެރި މީހާ ވަޒީފާއިން ވަކިވެފައިވާ ކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވަޒީފާއިން ވަކިވެފައިވާ މީހާގެ ދަރީން ތިބީ ކައިގެންތޯ ނުކައިތޯ އެނގެނީ ކިތައްމީހުންނަށް ހެއްޔެވެ؟ ޤައުމަށްޓަކައި މަޢާފްކުރުމާއި ޤައުމީ އެއްބައިވަންތަކަމަށްޓަކައި ކަރުނަ އޮހޮރިގެންދާތަނެއް އަދި ނުފެނެއެވެ. މިއަދު ބޭނުންވަނީ ޢަމަލީ ފިޔަވަޅު ތަކެކެވެ.

އާދެ! ޤައުމަކަށް ޤައުމީ ފެންވަރުގެ ބޮޑު ކާރިސާއެއް މެދުވެރިވީ އެ ޤައުމެއްގައި އެއްވެސް ވަރެއްގެ ސިޔާސީ ހަމަނުޖެހުމެއް އޮތް ވަގުތެއްގައި ނަމަ އަޅުގަނޑުގެ ނަޒަރުގައި އެންމެ ފުރަތަމަ ކަމަކަށްވާންޖެހޭނީ ވަގުތުން ވަގުތަށް އެޤައުމަކަށް ސިޔާސީ ހަމަޖެހުން (ޕޮލިޓިކަލް ސްޓެބިލިޓީ) ގެނެސް ކާރިސާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި އެންމެންގެ ސަފުތައް ރުކުރުވާލުމެވެ. އެއީ ޤުރުބާނީ ވާންޖެހޭނޭ ކަމެކެވެ. ހިތުގައި އުފެދިފައި ހުންނަ ސިޔާސީ އުންމީދުތަކާއި ބަދަލު ހިފުމުގެ ރޫޙުގައި އަތް އަޅާފައި ސިކުނޑިން ޢަމަލު ކުރަންޖެހޭ ވަގުތެކެވެ.

ބަލިމަޑުކަމުގެ ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކުރެވެމުންދާ މަސައްކަތްތަށް ވަރުގަދަކުރުމަށްޓަކައި މިވަގުތު ޤައުމު ސަލާމަތްކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ޤައުމަށް ސިޔާސީ ހަމަޖެހުން ގެނެސް ސަރުކާރާއި އިދިކޮޅު ފަރާތްތައް ޤައުމީ އެއް ވިސްނުމަކަށް ގެނައުމެވެ. އެކަން ކުރުމުގެ ބާރު އޮތީ ޤައުމުގެ ޒަޢާމަތަށެވެ. އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ ހަމަޖެހުމަށް ހުޅުވިގެންދާނެ އެންމެ ފުޅާ ދޮރަކީ އިދިކޮޅު ލީޑަރ ކުރީގެ ރައީސުލްޖުމުހޫރިއްޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރައްވައި އެމަނިކުފާނަށް އިންޞާފުގެ މަގު ކޮށްޓަވައި ދެއްވައި މިނިވަން ކުރެއްވުމެވެ. މިގޮތަށް ސަރުކާރުން ޢަމަލު ކުރައްވައިފި ނަމަ ޤައުމަށް ސިޔާސީ ހަމަޖެހުން އައިސް ޤައުމީ އެއްބައިވަންތަ ކަމަށް ވަރަށް ފުޅާ ދޮރެއް ހުޅުވިގެން ހިގައިދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ. ނަތީޖާއަކަށްވެގެންދާނީ މި ބޮޑު ކާރިސާއިން ޤައު ސަލާމަތްކުރުމުގެ މަސައްކަތް ވަރުގަދަވެ ޤައުމީ ސަފު ބަދަހިވެގެން ދިއުމެވެ. ރައީސް އިބްރާހީމް މުޙައްމު ޞާލިޙާއި އިދިކޮޅު ޕާޓީގެ ލީޑަރުންގެ މެދުގައި ޤައުމު ސަލާމަތްކުރުމަށްޓަކައި އަންޑަސްޓޭންޑިންއެއް ޤާއިމުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިއުމަކީ ވެސް ދުރުކަމެއްނޫނެވެ. އެއީ މިފަދަ ޙާލަތުގައި ޤައުމަށް ވަރަށް މުހިންމު ކަމަކަށްވާނެއެވެ.

ޙާލަތާ ގުޅިގެން ސަރުކާރު ވެސް އެއް ޓީމެއްގެ ގޮތުގައި ފެންނަންޖެހެއެވެ. ސަރުކާރުގެ އެތެރެއިން ވެސް ސަރުކާރަށް ވާގިވެރިވުން އިތުރުވާންޖެހޭނެއެވެ. ކޯލިޝަން ޕާޓްނަރުން ވެސް ސަރުކާރާއެކު ދެމިތިބިކަން ޢަމަލީ ގޮތުން ކަށަވަރުކޮށް ދައްކަންޖެހޭނެއެވެ. ޓީމް ވޯކަކީ ނަތީޖާ ނެރުމެވެ. ކާރިސާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ މަތީ ފެންވަރުގައި ޓީމްވޯކަކީ ވަރަށް މުހިންމު ކަމެކެވެ. ޓީމްވޯކޭ މި ދަންނަވަނީ ކޮންމެ ރެއަކު ބައްދަލުވުމެއް ބާވައި އޭގައިބައިވެރިވެ ސައިފޮދު ހިއްޕަވާ ވާހަކައެއްނޫނެވެ. ޢަމަލީ ގޮތުން ނަތީޖާ ނެރުމުގައި ބައިވެރިވުމެވެ. މިހެން މިދެންނެވީ ސަރުކާރުގެ އެތެރޭގެ ބަދަހިކަން އިޙުސާސް ނުވާތީއެވެ.

އާދެ! ބަލީގައި މަރުވާ މީހުންނަށް ވުރެ ވަޒީފާއިން ވަކިވެ ޙާލުގައި ޖެހޭ މީހުންގެ ޢަދަދު ގިނައެވެ. އަދި އެއިގެ ސަބަބުން ޙާލުގައި ޖެހޭ ޢާއިލާތައް ގިނަވެއެވެ. ވަޒީފާއިން ވަކިވާ ކޮންމެ މީހެއްގެ ފަހަތުގައި އެނާ ބަލަހައްޓާ އެތައް ބަޔަކު ތިބެއެވެ. އިނދަޖެހިގެންދާ ކޮންމެ ކުންފުންޏެއްގެ ފަހަތުގައި އެތައް ސަތޭކަ ޢާއިލާއެއްވެއެވެ. ޤައުމުގެ ޤިޔާދަތުން ޤައުމުގެ ހަފަރާތަށް ބަލައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. ކާރިސާ ބިނާވެގެންވަނީ އެންމެ ދާއިރާއަކަށްނޫނެވެ. މުޅި ޤައުމުގެ ކިޔާނަށެވެ. ކާރިސާގެ ވަގުތުގައި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ސަލާމަތާއި ޤައުމުގެ އިޤުތިޞާދާއި އިސްތިޤުރާރާއި ސިލްމާއި ސަލާމަތު ނަގަހައްޓައި ދެމެހެއްޓުމެވެ.

ޤައުމުގެ އިޤުތިޞާދު މެނޭޖްކުރާނޭ އެކްޝަން ޕްލޭން އެކުލަވާލާނެ ޓާސްކް ފޯހެއް ޢައްޔަންކުރަންޖެހެއެވެ. ސިޔާސީ ފިކުރަށް ބެލުމެއްނެތި އިޤުތިޞާދީ ޚަބީރުންގެ އެހީ ހޯދަންޖެހެއެވެ. މިއުޅެނީ ޞިއްޙީ ކާރިސާއެއްގެ ހިޔަނީގައި ޤައުމު ވީރާނާވެގެން ހިގައިދާނެ ފަދަ ބޮޑު އިޤުތިޞާދީ ކާރިސާއެއް ވެސް މެދުވެރިވެގެންނެވެ. ޤައުމަށް މާލީ އެހީ ހޯދަން މަސައްކަތްކުރަން ވެސް ވަކި ޓީމެއް މިހާލަތުގައި އޮންނަންޖެހޭނެއެވެ. އެއީ ހަމަ އެކަނި ވަކި ވަޒީރެއްގެ މަސްއޫލިއްޔަތަށް އެކަނި ދޫކޮށްލަންޖެހޭކަމަކަށްވުރެ ބޮޑު ޒިންމާއެކެވެ. އެހީތެރިކަން ހޯދުމަށް ހުރިހާ ޤައުމުތަކަކާ ގުޅުން ބަދަހި ކުރަންޖެހެއެވެ.

ކާރިސާއާ ގުޅިފައި ހުންނަ ދީނީ ކަންކަމުގައި ވެސް ބައިނަލްއަޤުވާމީ އިސްލާމީ ފިޤުހު އެކަޑަމީ ތަކުގެ ނިންމުންތަކަށް ރިޢާޔަތް ކުރަން ޖެހޭނެ އެވެ. ދިމާވެގެން މިއުޅޭ ބަލިމަޑުކަމުގެ ވަބާއަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުކަމުގައިވާ ދީނާއި ފުރާނައާއި ނަސްލާއި ބުއްދިއާ މުދާލާއި މި އެންމެހާ އަޞްލުތަކެއް އެވަބާގެ ސަބަބުން ނުރައްކަލަށް ހުށައެޅިގެން ހިގައިދާނެ ފަދަ ވަބާއެކެވެ. އެހެންކަމުން ވަބާގެ ޙާލަތުގައި ދީނީ އަޅުކަން ޤާއިމު ކުރުމުގައި ފިޤުހީ ޤަވާޢިދުތަކާއި އުޞޫލީ މަބުދައުތަކާއި ޝަރުޢީ މަޤާޞިދުތައް ރަނގަޅަށް ދަންނަ ފިޤުހީ މަޖްލިސްތަކާއި ރިސާޗް އެކަޑަމީތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ. މިފަހަރު ޙައްޖުގެ އަޅުކަމުގެ ތެރެއިން ފެނިގެން ދިޔަކަންކަން ނަމޫނާއަކަށް ފުދެއެވެ. ވީމާ އިސްލާމްދީނުގައިވާ ލުއި ފަސޭހަ ގޮތްތަކާއި ޢުޒުރު މެދުވެރިވުމުން ޢަމަލު ކުރަންޖެހޭ މަބުދައުތަކުގައި ހިފަންޖެހޭނެއެވެ.

މި އޮތް ޙާލަތަކީ ޤައުމެއްގެ ޙަޔާތުގައި އަންނާނެ އެންމެ ނާޒު ދަނޑިވަޅެވެ. މުސްތަޤުބަލުގައި ސިޔާސީ ކަންކަން ވެސް ކުރެވޭނޭ ޤައުމު ދެމި އޮވެގެންނެވެ. ރައްޔިތުން ތިބެގެންނެވެ. ރައްޔިތުންގެ އަނގަޔާއި އަތާ ދިމާވެގެންނެވެ. އިޤުތިޞާދު ބިނާވެގެންނެވެ. ޢުމްރާނީ ޙަޟާރަތު ހުއްޓުމެއްނެތި ކުރިއަށް ގޮސްގެންނެވެ. ކާރިސާތަކުގެ ވަގުތުގައި ޤައުމު އެއްބައިވަންތަކޮށް ކުރިއަށް ގެންދެވޭނީ ކޮންމެ ބަޔަކު ވެސް ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހި ކުރީ ސަފަށް ޤައުމު ގެނެސްގެންނެވެ. ދުންޏެއް ވެސް ދުރަށް ފޮނުވަން ބޭނުން ނަމަ ދުނި ދަނޑީގައި އަޅުވާފައި ވަރަށް ބާރަށް ފަހަތަށް ދަމާލަން ޖެހެއެވެ. ބައެއް ފަހަރު ބައެއް ކަންކަމުން ފަހަތަށް ޖެހި ތަނާޒުލްވުމަކީ ބޮޑަށް ކުރިއަށް ދެވިދާނެ ކަމެކެވެ. އެއީ ކާމިޔާބުގެ މަގެކެވެ.

ކޮރޯނާ ވައިރަސްގެ ވަބާގެ ޝިކާރައަކަށްވެ ޤައުމު ހަލާކުވެގެންދާން ދޫކޮށްނުލާށެވެ. ޤައުމު އިސްކުރާށެވެ. ޤައުމީ އަޑު ގަދަ ކުރާށެވެ. ޤައުމު އެއްބައިވަންތަ ކުރުވާށެވެ. ޞިއްޙީ ލަފާތަކުގައި ހިފާށެވެ. ގައި ދުރުކަން ބަހައްޓާށެވެ. ސާފުތާހިރުވާށެވެ. އެކުވެރިވާށެވެ. މިވަގުތަކީ ޤައުމު ސަލާމަތްކުރަންވީ ވަގުތެވެ. މި ދެއްކި ވާހަކަތަކާމެދު ވިސްނާލައްވާށެވެ. އަޅުގަނޑު މިވާހަކަ މިދައްކަނީ ވައިރަސްގެ ވަބާގެ ކަންތަކުގައި ޤައުމު ވެއްޓެމުންދާ ނުރައްކާތެރި ވަޅުގަނޑާމެދު ކަންބޮޑުވެފައިވާ ޙާލުގައެވެ. ޞިއްޙީ މާހިރުންނާއި ސަލާމަތީ ބާރުތަކާއި ސިޔާސީވެރިންނާއި ރައްޔިތުން ޤައުމު ސަލާމަތްކުރުމަށްޓަކައި އެއްސަފަކަށް އަންނަންޖެހޭ ވަގުތު މިވަނީ ކުޑަތަން ވެފައެވެ. މިއަދުގެ ލީޑަރުންގެ ވާހަކަ މާދަމާގެ ޖީލުތަކުން އެއުރެންގެ ދަރީންނަށް ކިޔައިދޭނެއެވެ.