ހަބަރު

އޭސީސީ ރައީސްގެ މަނީލޯންޑްރިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީއާބެހޭ މަނީ ލޯންޑަރީންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ލުތުފީ އާއި އެހެން ފަރާތްތަކެއް ގުޅިގެން ހިންގި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެކަމާބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ލުތުފީއާ ބެހޭ މައްސަލައެއް ބަލަން ފެށި އިރު ފުލުހުން ކުރިން ބުނެފައި ވަނީ އެމްއެމްޕީއާރްސީ ރިޕޯޓާ ގުޅޭ މައްސަލަތަކެއް ވެސް މިހާރު ބަލަމުންް އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި މިހާރު ވަނީ ބައެއް ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އަދި ލުތުފީ ހާޒިރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ބަލާ މި މައްސަލައާ ގުޅޭ ގޮތުން ލުތުފީގެ ބަހެއް ހޯދަން އަވަސް އިން ގުޅި ނަމަވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ފުލުހުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ މަނީ ލޯންޑަރީންގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. އެއީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު މަަނީ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. އެ މައްސަލާގައި ދައުވާ ކުރުމަށް ވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.