ހަބަރު

ދުނިޔޭގެ ކުރީގެ ފުޓްބޯޅަ ތަރިންގެ ޓީމެއް ރާއްޖެ ގެންނަނީ

ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ގޮތަށް "ޑްރީމް ޓީމް" އެއް އަންނަ އޮކްޓޯބަރު މަހު ރާއްޖެ ގެންނަން ނިންމައިފި އެވެ.

ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ތަރިންގެ ޓީމެއް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

"މިއަހަރުގެ އޮކްޓޯބަރު މަހަށް އަޅުގަނޑުމެންނަށް މިހާރު މިވަނީ ޔަގީންކަމެއް ލިބިފަ ދުނިޔޭގެ އެކި ގައުމުތަކުގެ އެގައުމުތަކުގެ ސިޓީސްތައް ޕްރޮމޯޓް ކުރުމަށްޓަކައި މިހާރު ކުރަމުންދާ ކަމެއް އެއީ ދުނިޔޭގެ ޑްރީމް ޓީމްސްތައް އެގައުމުތަކުގެ ސިޓީސްތަކުގައި ބައިވެރިވުން، މިސާލަކަށް ލަންޑަންގެ އޯޓޫ އެރީނާއަކީ އެންމެ މަޝްހޫރު އެއްތަން އިނގިރޭސި ވިލާތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ އިވެންޓެއްގެ ތެރޭގައި ދިވެހީން ދަންނަ ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެއް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ފެހި ސިގްނަލްވެސް މިހާރު ލިބިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އޭގެ ތެރޭގައި ރާއްޖެއަށް މަޝްހޫރު ގައުމުތައް ކަމަށްވާ އަދި ފަތުރުވެރިން އަންނަ ގައުމުތައް ކަމަށްވާ އިޓަލީ އިނގިރޭސިވިލާތް، އަދި ސްޕެއިން، އަޅުގަނޑު މަސައްކަތް މި ކުރަނީ ސައުތު އެމެރިކާއިންވެސް ފަތުރުވެރިން ރާއްޖެއަށް އެބައާދޭ، އެހެންކަމުން ސައުތު އެމެރިކާގެ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް މިކަހަލަ ޓީމެއް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެޓީމާއެކު ރާއްޖޭގެ ކުރީގެ ކުޅުންތެރިންގެ ޓީމެއް އެކުލަވާލައި ކުޅުމުގެ ފުރުސަތު ފަހި ކުރެވިގެންދާނެ ކަމަށެވެ.