ހަބަރު

12 އަހަރުތެރޭ ގޮތްތަކެއް ހޯދަންޖެހޭނެ: މިނިސްޓަރު

ކުދި ޖަޒީރާ ރަށްތައް ސަލާމަތް ކުރަން އޮތީ 12 އަހަރު ކަމަށާއި އެ މުއްދަތުގެ ތެރޭ "ފޮށިން ބޭރަށް ނިކުމެ، ގޮތްތަކެއް ހޯދަން ޖެހޭ" ކަމަށް ތިމާވެއްޓާބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވާސިޓީތަކާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓްގައި ދެ ދުވަހަށް ކުރިޔަށްގެންދާ "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމަސީ އެންޑް ޖިއޯ ޕޮލިޓިކްސް" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެ ހޫނުވުމާމެދު އަޅާނުލާ ތިބެއްޖެނަމަ ދޭއް ނުވަތަ ތިން ޑިގްރީއަށް ދުނިޔޭގެ ހޫނުމިން މައްޗަށް ޖެހޭނެ ކަމަށެވެ.

ދުނިިޔެ ހޫނުވުމާއި ގުޅޭގޮތުން ސައިންޓިސްޓުން ނެރެފައިވާ ރިޕޯޓްތަކުން ދުނިޔެ ސިއްސުވާލާފައިވާ ކަމަށާއި އެ ރިޕޯޓް ތަކުގައިވާ ގޮތުން މިހާރު ބޭރުކުރާ މިންވަރަށް ވިހަ ގޭސް ޖައްވަށް ބޭރު ކުރަމުން ދާނަމަ 2030 ވަނަ އަހަރާއި ހަމަޔަށް ދޭއް ނުވަތަ ތުން ޑިގްރީއަށް ދުނިޔެ ހޫނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވު އެވެ.

އޭނާ ވިދާޅުވީ އެހާ ވަރަށް ހޫނު މިން އުފުލިއްޖެ ނަމަ ޖަޒީރާ ގައުމުތައް ނެތި ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ މިންވަރަށް ހޫނުމިން އިތުރު ވަމުންދާ ނަމަ މުރަކައިގެ ބަގީޗާތަކުގެ 60 ޕަސެންޓް ނުވަތަ 90 ޕަސެންޓް ހަލާކުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އެއީ ގައުމީ ފެންވަރުގެ މައްސަލައެއް ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރަނީ މުރަކައިން ކަމަށާއި މުރަކަތައް ހަލާކުވެއްޖެ ނަމަ ރާއްޖެ ނެތިގެން ހިގައިދާނެ ކަމަށެވެ.

އަޅާނުލައި ހަމައެކަނި ވާހަކަތަކެއް ދައްކާކަށް ތިބެވެން ނެތް ކަމަށާއި، އިންސާނިއްޔަތައްޓަކައި އެކަަމަކީ ރާއްޖެއިން އިސްނަގައިގެން ކުރަންޖެހޭނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"12 އަހަރު ތެރޭ ފޮށިން ބޭރަށް ނުކުމެ ދިވެހިން މަސައްކަތްތަކެއް ކޮށްގެން އެކަމަށް ހައްލު ހޯދަން އިތުރު ގޮތްތަކެއް ހޯދަން ޖެހޭ" މިނިސްޓަރު ތަފުސީލެއް ދެއްވި އެވެ.