ގޭތެރެ އަބަދުވެސް ރީތިކޮށް ތާޒާކޮށް ހުރުމުން ހިތްހަމަޖެހުން ގެނެސްދެ އެވެ. ބިޒީ ދުވަހަކަށް ފަހު ވަރުބަލިވެގެން ގެއަށް ގޮސް ވަންނަ އިރު ގޭތެރޭ ތަރުތީބު ގެއްލިފައި އަދި ނުބައި ވަހެއް ހިފާފައި ހުންނަ ނަމަ މީހާގެ މޫޑު ގެއްލި މާޔޫސް ވުމަކީ އެކަށީގެންވާ ކަމެވެ. ގިނަ ފަހަރަށް ދެން އަވަސް ވެގަނެވެނީ ކޮންމެވެސް އެއާ ފްރެޝްނާ ފުޅިއެއް ގޭތެރެއަށް ޖަހައި ހުސްކޮށްލައި އަވަހަށް ވަސް ކަނޑުވާލެވޭތޯ އެވެ.
އެރޯމާތެރަޕީ ޑިފިއުސާ
އެސެންޝަލް އޮއިލްއަކީ ގަސްގަހުގެ ގުދުރަތީ އެސެންސް ނުވަތަ ސެންޓް ނުގެއްލޭ ގޮތަށް ޑިސްޓިލް ކޮށްގެން އެއްވެސް ކަހަލަ ކެމިކަލް މާއްދާއެއް އޭގައި ނުހިމެނޭ ގޮތަށް، ގުދުރަތީ ވަހާއި ފައިދާތައް ހިމެނޭ ގޮތަށް ހުންނަ ގުދުރަތީ ތެލެކެވެ. މި ފަދަ ތެޔޮތަކުގައި އެންޓިބެކްޓީރިއަލް، އެންޓިވައިރަލް އަދި އެންޓި ފަންގަލް މާއްދާތަކެއް އެކުލެވިފައި ހުރުމުގެ ސަބަބުން ވައި ތާޒާވުމުގެ އިތުރުން ވައި ސާފުވެސް ކޮށްދެ އެވެ.
އެއާ ފްރެޝްނާއެއްގެ ގޮތުގައި އެސެންޝަލް އޮއިލް ބޭނުން ކުރާނަމަ ހޫނު ފެން ތެއްޔެއް ކެއްކުމަށްފަހު އެ ފެނުގެ ތެރެއަށް ލެމަން އެސެންޝަލްއޮއިލް ފުޅިއަކުން ފަސް ވަރަކަށް ތިކި ޖަހާލާށެވެ. އޭރުން ގޭތެރޭގައި މީރު ވަސް ފަތުރާ ވައި ތާޒާ ކޮށްލަދޭނެ އެވެ. އަދި ކުޑަ އުއްބައްތި އެއް ރޯކޮށްލާ އެރޯމާތެރަޕީ ޑިފިއުސާއެއް ވެސް ގޭގައި ބޭނުން ކުރެވިދާނެ އެވެ.
ކޮފީ އަދާކޮށްދޭ ރޯލް
ކޮފީއަކީ ހިއްސުތައް ހޭލައްވާލައިދޭ އަދި އެކި އެކި ވަސްތައް ކަނޑުވާލައިދޭ އެއްޗެކެވެ. ބައެއް ފަހަރަށް ބަދިގޭ ކުނިވަށިގަނޑުގައި ކޮތަޅު އެޅުވުމުގެ ކުރިން އެއާ ފްރެޝްނާ ޖަހައެވެ. މީގެ ބަދަލުގައި ކޮތަޅުގެ ފުލަށް ކޮފީކޮޅެއް އެޅުމުން ޑަސްޓްބިންގައި ކުނިވަސް ހިފުމުން ދުރުކޮށްދެ އެވެ.
ލުނބޯތޮޓާއި ފޮނިތޮށި ކަރަންފޫކޮޅެއް ކައްކާލަންވީ!
މިއީ ޒަމާނުއްސުރެ މީހުން ގޭގައި މީރުވަސް ދުއްވަން ކުރާ ކަމެކެވެ. އޮރެންޖު ނުވަތަ ލުނބޯ ތޮއްޓާއިއެކު ކަރަންފޫ އަދި ފޮނިތޮށިއަޅާ ކައްކާލަނީ އެވެ. މިގޮތަށް ކައްކާލުމުން ގޭތެރޭގައި މީރު ސިޓްރަސް ވަހެއް ހިފާފަ ހުރެއެވެ. މިގޮތަށް ކައްކާލުމުން މި ގުދުރަތީ އެއްޗިހިން އޭގެ އެސެންޝަލް އޮއިލް ބޭރުވެ، ވައި ތާޒާވެ އެވެ.
ބޯތައްޓަކަށް ވިނިގާ އަޅާފައި ބެހެއްޓުން
މަސް ތެލުލާއިރު ނުވަތަ އެހެންވެސް އެއްޗެއް ކައްކާއިރު ބޯތައްޓަކަށް ވިނިގާ ކޮޅެއް އަޅާފައި ބެހެއްޓުމުން ކައްކާވަސް ގޭތެރެއިން ފިލުވުމަށް އެހީތެރިވެދެ އެވެ. އަދި މި ގޮތަށް މަސް ވަސް މުޅި ގޭގައި ހިފައިފިނަމަ ވިނިގާ ތަށީގެ ތެރެއަށް ޕާންކޮޅެއް ލުމަށްފަހު ގޭތެރޭ އެކި ތަންތާ އެއްރޭ ވަންދެން ބެހެއްޓިދާނެ އެވެ.
މީގެ އިތުރުން ސާފު ވައި ގޭތެރެއަށް ވެއްދުމަށް ދޮރުތަށް ހުޅުވުމުން އެކި އެކި ވަސްތަށް ގޭތެރެއިން ފިލުވާލުމަށް އެހީތެރިވެދެ އެވެ. މިފަދަ ގުދުރަތީ އެއާ ފްރެޝްނާތަކެއް ބޭނުން ކޮށްގެން ބޭކާރު ކެމިކަލްތައް ބޭނުން ނުކޮށް އަހަރުމެންގެ ގެތަށް ތާޒާ ކުރެވިދާނެ އެވެ. އަދި ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ، ތިމާވެއްޓާއި ރައްޓިހި ނޫން އެއްޗެއް ގަތުމަށް އަތުން ދާ ހަރަދުވެސް ސަލާމަތްކުރެވެނޭ އެވެ.