ބިޒީ ދުވަހަކަށް ފަހު ގެއަށް ވަންނަ އިރު ގޭތެރެ އޮންނަ ގޮތުން އިތުރު ބޮލުގަ ރިހުމެއް ލިބޭ ހެއްޔެވެ؟ ތަރުތީބު ގެއްލިފައިވާ ގެއަކަށް ވަދެވުމުން ދުވަހުގެ ވަރުބަލިކަން އިތުރުވެ އެވެ. މީހާ ސްޓްރެސް ވެއެވެ. އެއްޗެހި މާ ގިނަ ވުމަކީ ތަރުތީބު ގެއްލުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބެވެ.
ގޭތެރެ ތަރުތީބު ކުރަން ޖަޕާންގެ އަންހެނެއް ކަމުގައިވާ މެރީ ކޮންޑޯގެ ޝޯއެއް "ޓައިޑީންގ އަޕް ވިތް މެރީކޮންޑޯ" މިއަހަރު ކުރީކޮޅު ނެޓްފިލިކްސް އިން ދައްކަން ފެށުމުން އޭނާގެ ގެ ފަލްސަފާ މިދުވަސްކޮޅު ވައިގައި ހިފައިފިއެވެ. އޭނާގެ ފަލްސަފާ އަކީ އެއްވެސް އެއްޗަކުން އުފާވެރި އިހުސާސެއް ނުގެންނަ ނަމަ އެ އެއްޗެއް ދޫކޮށްލަންވީ އެވެ. އެއީ ބޫޓާއި އަންނައުނު، ދަބަސް، ފޮތް ނުވަތަ ހިފާ ގެންގުޅޭ ސާމާނު ކަމުގައިވިއަސް މެއެވެ. މިގޮތަށް ހުރިހާ ކެޓަގެރީއަކުން އެއްޗެހި މަދުކުރަންވީ އެވެ. ސާފު ތާހިރު ދިރިއުޅުމަކަށް ދާން ބޭުންނަމަ ފުރަތަމަ މަދުކުރަންވީއެވެ. އެއަށް ފަހު ތަރުތީބު ކުރަންވީއެވެ. ތިރީގައި މިވަނީ ތަރުތީބު ކުރަން ބޭނުންކުރެވި ދާނެ ފަސޭހަ އުކުޅުތަކެކެވެ.
އެއްޗެހި މަދުކުރުމުން ސާފު ކުރަން ފަސޭހަވޭ
އެއްޗެހި މަދު ކުރުމުން ފޮޅާ ސާފު ކުރަން ލުއިވެއެވެ. ވަގުތު ސަލާމަތްވުމުގެ އިތުރުން ކުރަން އޮންނަ މަސައްކަތް ކުޑަވެއެވެ. ބައެއް ފަހަރަށް ގޭތެރެ ޒީނަތްތެރި ކުރުމަށްވުރެ ވެސް މާ ގިނަ ތަކެތި ހުންނަނަމަ އެ ތަކެތި މަދު ކުރުމުން ފޮޅާ ސާފު ކުރުމަށް ފަސޭހަ ވެއެވެ.
އެހެން މީހުންގެ އެހީތެރިކަން ހޯދުން
ތަރުތީބު ކުރުމާއި ސާފު ކުރުމަކީ އެކަކު އެކަނި ކުރާ ކަމެއްގެ ބަދަލުގައި ގޭ އެއްމެން އެއްބާރުލުން ދީ ކުރާ ކަމެއް ކަމުގައި ހެދުމަކީ ބުއްދިވެރި ގޮތެކެވެ. އެއްމެން އެއްކޮށް ސާފު ކުރުމުގައި އުޅޭނަމަ ތަރުތީބު ކުރަން ހޭދަވާ ވަގުތު ސަލާމަތްވެ ފަސޭހަ ވެއެވެ. އަދި ގޭގައި އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރުގަދަ ކޮށްދޭނެ އެވެ. ގޭތެރެ ސާފުކޮށްތަރުތީބުކޮށް ބޭއްވުމަށް އެއްމެންގެ ކޮމިޓްމަންޓް ބޭނުންވާ ކަމެއް ކަމުގައިވުމުން ސާފު ކުރުމަށް އެއްމެންގެ އެއްބާރުލުން މުހިއްމު ވެއެވެ.
ކޮންމެވެސް އެއް ކެޓަގެރީއަކަށް ފެށުން
މެރީ ކޮންޑޯގެ ފަލްސަފާގައިވާ ގޮތުން ކޮޓަރި އެއްކޮށް އެއްފަހަރާ ސާފު ކުރުމުގެ ބަދަލުގައި ސާފުކޮށް ތަރުތީބު ކުރުމަށް އުޅެންވީ ފަރަކު ކެޓަގަރީއަކުންނެވެ. މިގޮތުން އަންނައުނު، ފޮތް، އެކި ކަހަަލަ ކަރުދާސް، އެހެން ސާމަނު އަދި ހަނދާނަށް ގެންގުޅޭ އެއްޗެހި ގޮތުގައި ކެޓަގަރީތަކަށް ބަހާލެވިދާނެ އެވެ.
\ކޮނޑުގައި އެޅުވުމުގެ ބަދަލުގައި ފަށްޖެހުން
ކޮނޑުގައި ހެދުން އެޅުމުގެ ބަދަލުގައި އަންނައުނު ފަށްޖެހުމަކީ އަލަމާރީން ޖާގަ ލިބޭޏެ ކަމެކެވެ. ދިހަ ނުވަތަ ބާރަ ހެދުން އެޅުވޭ ޖާގައިގައި އެތަށް އެއްޗެއް ފަށްޖަހާފައި ރީތިކޮށް ރައްކާކުރެވޭނެ އެވެ. އަލަމާރި ނުވަތަ ކަބަޑުގައި އަންނައުނު ބަރިޔަކަށް ބެހެއްޓުމުގެ ބަދަލުގައި އަލަމާރީގެ ހުރި ހުރިހާ އެއްޗެއް އެއްފަހަރަ ފެންނަ ގޮތަށް ކޮންމެ ހެދުމެއް ވެސް ފަށްޖަހާފައި ކޮޅަށް ބެހެއްޓޭކަހަލަ ގޮތަކަށް ފަތްޖެހުން މުހިއްމެވެ.
މިގޮތަށް ހެދުން ވަކި ވަކިން ބަހައްޓަން ތަފާތު ވަށިތަކެއް އަލަމާރީގައި ބެހެއްޓިދާނެ އެވެ. އަންނައުނު މަދުކުރާއިރު މެރީ ކޮންޑޯ ލަފާ ދެނީ ހުރިހާ އަންނައުނެއް އެއްތަނަކަށް ގެނެސް ކޮންމެ އެއްްޗެއްވަކިން ބަލާ މަދުކޮށް ހަމައެކަނި އުފާވެރިކަން ގެންނަ ތަކެއްޗަަށް މި އުސޫލުން ފަތްޖެހުމަށެވެ.
ތަރުތީބު ނުގެއްލޭ ގޮތަށް ފޮތް ގެންގުޅުން
ފޮތަކީ ވަރަށް ގިނަ ފަހަރަށް ވަރަށް ގިނަ މީހުން އެއްކުރާ އެއްޗެއްކެވެ. ފަހުން ކިޔަން އަދި ކިޔައި ނިމިގައި އެތައް ފޮތެއް ނުވަތަ ދުވަހަކު ނުކިޔާނެ ފޮތްތައް ފޮތް ހަރުގައި ޖަހާލަ އެވެ. އަދި ފޮތް ހަރުގެ ތަރުތީބު ގެއްލިފައިވާނަމަ މުޅި ގޭތެރެވެސް ތަރުތީބުނެތް ކަމުގެ އިހުސާސްގެނެސް ދެއެވެ. މަރީކޮންޑޯގެ ފޮތް މަދުކުރުމަށް ބުނުމުން އޭނާއަށް ފޮތްކިޔުމަށާއި އެއް ކުރުމަށް ލޯބިކުރާ މީހުންގެ ބޮޑު ފާޑުކިއުުމެއް އަމާޒުވި އެވެ. ނަމަވެސް އޭނާ ބުނަނީ ގިނަ ފޮތްތަކެއް އެއް ކުރުމުގެ ބަދަލުގައި އެމީހަކު ކޮންމެހެން ބޭނުންވާނެ ފޮތްތަކެއް ގެންގުޅުމަށެވެ. އަދި ފޮތެއް ދޫކޮށްލުމަށް ހިތަށް ނުތަނަވަސްކަން ގެންނަ ކޮންމެ ފޮތެއް ބޭއްވުމަށެވެ. ކޮންމެހެން ގޭގައި ބޭއްުވުމަށް ބޭނުންނުވާ ފޮތްތަށް އެހެން ބަޔަކަށް ޑޮނޭޓްކޮށް ނުވަތަ ވިއްކާވެސް ލެވިދާނެ އެވެ.
ކަރުދާސް ގިނަ ނުކުރުން
ފިހާރަތަކުން ދޭ ރަސީދާއި ބިލާއި އެކި ކަހަލަ ކަރުދާސް ގޭތެރޭގައި ގިނަވެފައި އޮންނަނަމެ އެ ވެސް މަދުކުރަންވީ އެވެ. ކަރުދާސް ބައިބައި ބަޔަށް ބަހާލާވަކި ކުރަންވީ އެވެ. ކޮންމެހެން ބަހައްޓަންވީ ލިޔެކިޔުންތަކާއި ވަގުތީ ގޮތުން ބަހައްޓަންޖެހޭ އެއްޗެހި އަބަދުވެސް އެއްތަނެއްގައި ތަރުތީބުކޮށް ބަހައްޓަން ވަކި ތަނެއް ހަމަޖައްސަންވީ އެވެ. އަދި އެއްތަނެއްގައި ތަރުތީބުކޮށް ބަހައްޓާށެވެ.
ހިފާގެންގުޅޭ ސަމާނާއި ހަނދާނަށް އެއްކުރާ އެއްޗެހި މަދުކުރުން
ހިފާގެންގުޅޭ ސަމާނުވެސް ހަލާކުވުމުން އެއްލާލަން އުދަނގޫވާފަހަރު އާދެއެވެ. ގޭތެރޭ ކޮންމެވެސް ކަބަޑެއް ނުވަތަ ތަންކޮޅެއްގައި މި ތަކެތި ގިނަވެފައި ހުރެއެވެ. ހަނދާނަކަށް ބަހައްޓާ ސާމަނަށްވެސް ވަނީ ހަމަ މިހެންނެވެ. މެރީ ކޮންޑޯ ބުނާގޮތުން ހަނދާނަށް ބަހައްޓާތަކެއްތި އެންމެ ރަނގަޅީ ހުރިހާ ތަނެއް ސާފުކުރުމަށް އަދި ތަރުތީބު ކުރުމަށްފަހު އެ ތަކެތި ބަހައްޓާލާނެ ވަކިތަންކޮޅެއް ހަމަޖައްސާ އެތަނެއްގައި ބެހެއްޓުމެވެ. މިކަން ކުރަން އެންމެ ފަހު ކަމަކަށް ބުނަނީ ސާފު ކުރަން ފަށާއިރު ފޮޓޯއަލްބަމް ފަދަ އެއްޗެއް ފެނިއްޖެނަމަ އޭގައި ހުރި ފޮޓޯތަކަށް ގެއްލި އެތަށް ވަގުތެއް ގެއްލިދާނެތީކަމުގައިވާތީއެވެ.
ތާހިރު ދިރިއުޅުމެއް ވޭތު ކުރުމަށް މަދުކުރުމާއި ތަރުތީބު ކުރާނަމަ ލިބޭ އެއްފައިދާއަކީ ލިބޭ އުފާވެރިކަމެވެ. ގޭގެ މާހައުލަކީ އެމީހަކަށް އުފާވެރިކަމާއި ރައްކާތެރިކަން ލިބޭވަރު އިތުރުކޮށްދެއެވެ. ގޭގައި ހަމަޖެހިލާ ރީލޭކްސްކޮށްލެވެއެވެ. އެއްޗެހި މަދުކުރުމުގެ ވިސްނުން ގެންގުޅޭނަމަ ފެންނަ ކޮންމެ އެއްޗެއް ގަނުމެގެ އާދައާއި ވެސް ދުރުވެއެވެ. ސާފުކުރުމާއި ތަރުތީބުކުރުމަށް ހޭދަވާ ވަގުތު ސަލާމަތްވެ އަދި އެމީހަކު ބޭނުންވާ ހިތްގަޔާވާ ކަންކަން ކުރުމަށް ގިނަ ވަގުތު ލިބެއެވެ.