ރައްޓެހިންނާއި އާއިލާގެ މީހުނާ ކޮންމެ ދުވަހަކު ދިމާވިޔަސް ދައްކާނެ ވާހަކަ ހުހެއް ނުވާނެ އެވެ. ކޮފީ އާއި ސައިގެ މޭޒެއްގައި ނަމަ ވާހަކަ ވިހާނެ އެވެ. ހުޅުމާލެއަކީ މިހާރު އެންމެންގެ ވެސް ކޮފީ މަންޒިލެވެ؛ މާލޭގެ ފޫހި އިމާރާތްތަކާ ކާރޫބާރު ބޮޑު މަގުތަކާ ދުރުވެ، ކަނޑު ހުރަސްކޮށް އަޅާފައި އޮތް ބްރިޖް މަތިން ޖަހާލަންޖެހެނީ ބުރެކެވެ. އެކަމަށް ބޭނުންވާނީ ހުސްވަގުތު ކޮޅެކެވެ.
ހުޅުމާލެ އަތިރިމަތި ހުސް ކުރާށޭ ބަޔަކު ބުންޏަށް ސުރެން ސުރެން ދަމާލާފައި އޮތް މޭޒުބަރި ނަގައި ހުސްނުވެގެން މިއުޅެނީ ވެސް އެ ސަބަބާ ހުރެ އެވެ. އެތާނގެ ފުޑް ސްޓޯލް ތަކާއި ޖޫސް ވިއްކާ ކުޑަގޮޅި ތަކުން މޭޒުތަކާއި ގާޑިއާތައް މަތީން ރަހަަތައްވެސް އަރުތެރެއަށް ފޯރަ އެވެ. އެތާނގައި ފަށަފަށައިގެން ވާހަކަ އާއި ބަހުސާއި ފޯރަމް ބާއްވައިގެން ތިބެންވީ އެވެ. ކޮމެޓީ ހަދައިގެން ވެސް ތިބެންވީ އެވެ.
މި އިނދެވެނީ ޖޫސްވިއްކާ ކުޑަ ގޮޅިއެއްގަ އެވެ. ބޭނުންވާ ބުއިމުގެ ނަން ބުނެފީމެވެ. ކައުންޓަރުގައި ހުރި ފިރިހެން ކުއްޖާ ތި ބުއިމެއް މިތާކު ނުހުންނާނޭއޭ ބުނުމުން އަހަރެން ދެން ބޭނުންވަނީ އޭގެ އެހެން ފްލޭވާ އެއް ކަމަށް ބުނީމެވެ. އަޅެ، އެއެއްވެސް ހުރި ކަމަކަށް ނުވި އެވެ! މި ލައިގތީ ކަންތަކާ އެވެ. އަހަންނާއި ރަހުމަތްތެރިޔާ މެނޫއަށް އިނގިލި ދިއްކޮށްފައި ބޭނުންވަނީ "މިއޭ ފެޝަން ފުރުޓު މޮހީޓޯއޭ މިއޮތީ ނޫންހޭ" ވެސް ބުނެފީމެވެ.
އެ ކުއްޖާ ހިނިތުންވެލާފައި ބުނީ މާފު ކުރާށޭ އެވެ. އެއަކީ މޮހީޓޯއެއް ނޫނެވެ. އެއީ މޮޖީޓޯ އެވެ! މިއޮތީ ސުވާލު މާކެކެވެ. މި އޮތީ ކުރީންސުރެ ވެސް ހީކުރެވިފައި އޮންނަ ބަހުސެއް ފެށިފަ އެވެ. އަހަރެމެނަށް އެއިން ނުނެއްޓިގެން އުޅެނިކޮށް ޖޫސްވިއްކާ ގޮޅިއަށް ދެން އައި ގުރޫޕް ބޭނުންވީ "މޮޖީޓޯ" އެކެވެ. އެ މީހުން ބޭނުންވާ ބުއިން އެބަލިބެ އެވެ. އަހަރުމެނަށް ތިބެން ޖެހުނީ "ވާނުވާ"ގަ އެވެ.
މޮޖީޓޯ/މޮހީޓޯ ފޯރަމް މި ފެށުނީ އެވެ. ޖޫސްވިއްކާ ގޮޅީގެ މެނޫގައި ޖަހާފައި އޮތީ މޮޖީޓޯ އެވެ. އިނގިރޭސިން ލިޔެފައި އޮތް އިރު ފެންނަނީވެސް މޮޖީޓޯ އެވެ. އިނގިރޭސި އެ އަކުރު ތަކެވެ. އެކަމަކު އެނގިފައި އޮތް ގޮތުން އެއަށް ކިޔަނީ މޮހީޓޯ އެވެ. އެ ނަމުގައި ހިމެނޭ "ޖޭ" އަކުރު އެއީ ފާޅު ނުކޮށް "އެޗް" އަކުރަކަށް ބަލައިގެން ކިޔާ އަކުރެކެވެ.
އަހަރެމެނަށް އޮޅުނީ ކަމަށް ހީކޮށް ގޫގުލް ކުރުމުން ކުރަނީ "މޮޖީޓޯ" އަށް "މޮހީޓޯ" ކިޔަނީ ކީއްވެ ހެއްޔޭ އެވެ؟ މޮޖީޓޯގެ އަސްލު ރަނގަޅު ގޮތަކީ ކޮބައިހެއްޔޭ އެވެ؟ މިފަދަ ސުވާލު ތަކަކުން ސްކްރީނު ފުރާލި އެވެ.
މޮހީޓޯ އަކީ ކިއުބާގެ އުފެއްދުމެކެވެ. ކިއުބާ މީހުންގެ ހާއްސަ މި ބުއިމަކީ އެ ގައުމުގެ އެންމެ ޒަމާންވީ ބުއިންތަކުގެ ތެރެއިން ބުއިމެކެވެ. މި ނަން އުފެދިފައި ވަނީ ސްޕެނިޝްގެ ނަމަކުން ކަމަށް ބުނެ އެވެ. އަދި ސްޕެނިޝް ނަންތަކުގައި "އެޗް" އަކުރު ހިމަނާ "ޖޭ" އަކުރު ފާޅު ނުކޮށް ކިއާ އެތައް ނަމެއް އޮންނަ ކަމަށް ވެ އެވެ. އަދި މޮހީޓޯ އަކީ މި ނަންތަކުން ނަމެކެވެ.
އެކި ގައުމުތަކުން ދައުރު ވަމުން އައިސް މި ޖޫސް ރާއްޖޭގެ ފުޑް ސްޓޯލްތަކާއި ޖޫސް ވިއްކާ ތަންތަނުގައި ބޭނުން ކުރެ އެވެ. މިއީ ސޯޑާ ފެނާއި ލުނބޯހުތް ކޮޅަކާއި ކުދީނާ ފަތް އެއްކޮށް، ބައެއް ފަހަރު "މޮހީޓޯ ފްލޭވާ" ވެސް އެއްކޮށްފައިދޭ ފިނި ބުއިމެކެވެ.
ޖޫސްވިއްކާ ގޮޅިތަކާ ރައްޓެހި ޒުވާނުންނަށް އާއްމު މި ބުއިން މިހާރު ދިވެހި ކޮށްލާފައި ވިއްކާ ތަންވެސް ފެނެ އެވެ. ކަށިކެޔޮ މޮހީޓޯ އާއި ކުއްޅަވަށް މޮހީޓޯ ވެސް އުފައްދާ ދިވެހި ރަހަތަކެއް އޭގައި ލައްވާފައި ހުރެ އެވެ.
މޮހީޓޯގެ މި ތަފާތު ތަޖުރިބާ ވަރަށް ފޮންޏެވެ. އެކަމަކު އެއީ ހަމަ އޮންނަ ކުޑަ ކުޑަ ބަހުސެކެވެ.