ދުނިޔެ

ފިލިޕީންސްގައި ފެރީއެއް ބަންޑުން ޖަހާލައި 36 މީހުން މަރުވެއްޖެ

Jul 3, 2015

ފިލިޕީންސްގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ލޭތޭ އިން ފުރައިގެން ދަތުރުކުރި ފެރީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން ގާތްގަނޑަކަށް 36 މީހުން އިއްޔެ މަރުވެއްޖެ އެވެ.

ފިލިޕީންސްގެ މެދުތެރޭގައި އޮންނަ ސީބޫ ޕްރޮވިންސްގެ ކެމޯޓެސް ނަމަކަށް ކިޔާ ރަށަށް ދިއުމަށް ލޭތޭގެ އޮރްމޮކް އަވަށުގެ ބަނދަރުން ނައްޓާލި ތަނުން މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ބަންޑުން ޖަހާލި ކިމް ނިރުވާނާގެ ނަމުން ނަން ދީފައިވާ ފެރީގައި 173 މީހުން ތިއްބެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.

ފިލިޕީންސް ރެޑް ކްރޮސްގެ ވެރިޔާ ރިޗާޑް ގޯޑަން ވިދާޅުވި ގޮތުގައި 50-70އާ ދެމެދުގެ އަދަދެއްގެ މީހުން ވަނީ މިހާތަނަށް ސަލާމަތްކުރެވިފަ އެވެ. އަދި ބަނދަރުމަތީގައި ތިބޭއިރު ބަންޑުން ޖަހާލާފައިވާ ބޯޓު ފެން މަތިން ފެންނަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަލާމަތްކުރި މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުވައިދެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

އޮރްމޮކްގެ ކާރިސާތަކާ ބެހޭ އިދާރާގެ އޮފިޝަލެއް ކަމަށްވާ ސިރިއާކޯ ތޮލިބާއޯ ވިދާޅުވި ގޮތުގައި ފީނާ މީހުން މިހާރު ގެންދަނީ ބަންޑުން ޖަހާލާފައިވާ ބޯޓުގެ އެތެރޭގެ ބައިތައް ބަލަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފެއް ނުވެ އެވެ.

އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަަށް ފިލިޕީންސް ރައްޔިތުން އެންމެ ގިނައިން ބޭނުންކުރަނީ ފެރީގެ ހިދުމަތެވެ. އެކަމަކު ފެރީތަކުގެ ފެންވަރު ދަށްވުމުގެ މައްސަލަ ބޮޑެވެ. އަދި އެކަމުގެ ސަބަބުން މި ފަދަ ހިތާމަވެރި ހާދިސާތައް އާއްމުކޮށް ހިނގައި ގިނަ އަދަދެއްގެ މީހުން މަރުވެ އެވެ.