ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ރައްކާތެރި ކުރުމަށްޓަކައި ހަދާ ގާނޫނު އާ މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ސީނިއަ އޮފިޝަލަކު ވިދާޅުވީ ފަންޑަށް ހަދާ ގާނޫނު ފަރުމާކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި އަންނަ އާ މަޖިލިހަށް ފަންޑުގެ ގާނޫނު ފޮނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސާދަށް އައިސް ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެނގިފައިވާ ގޮތުގައި ސޮވަރިން ފަންޑުގެ ގާނޫނު ޑްރާފްޓްކޮށް އެ އަށް ކޮމެންޓު ކުރުމަށްޓަކައި މަރުކަޒީ ބޭންކަށް ވެސް ވަނީ ފޮނުވާފަ އެވެ.
ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރު އެވެ. އެ ފަންޑަށް މި އަހަރު ޓްރާންސްފާކަން ބަޖެޓްކޮށް ކޮށްފައިވަނީ 705.6 މިލިޔަން ރުފިޔާ އެވެ. މި ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
އެސްޑީއެފް ފަންޑުގައި 2018 ޖުލައިގެ ނިޔަލަށް 47 މިލިއަން ޑޮލަރު ހުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރުގެ މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވައި ވަނީ ވިދާޅުވެފަ އެވެ. އަދި 2022 ވަނަ އަހަރު އަންނަން ވާއިރަށް މި ފަންޑު 500 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.