އެފްއޭއެމްއާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން އިސްވެ ހުށަހެޅި ގަރާރުގައި ސޮއި ކުރި ކުލަބުގެ ތެރެއިން ހަތަރު ކުލަބަކުން ސޮއި އަބުރާ ގެންދިޔަ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެކަމާ ބެހޭގޮތުން އެފްއޭއެމުން އެ ކުލަބަށް ވަކި ގޮތެއް އަންގާފައި ނުވާ ކަމަށް ވިކްޓަރީން ބުނެފި އެވެ.
ވިކްޓަރީން ހުށަހަޅާފައި ވަނީ އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވައި ދިނުމަށެވެ. ވިކްޓަރީގެ ޗެއާމަން، ޑރ. އިބްރާހީމް ނާޝިދު 'ނާޝް' ވިދާޅުވީ، ވިކްޓަރީން ހުށަހެޅި ސިޓީގައި ސޮއި ކުރި ކުލަބަކުން ނަން ނަގައިފިނަމަ އެކަން ވިކްޓަރީއަށް އަންގަން ޖެހޭނެ ކަމަށެވެ.
"ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހެޅި ސިޓީއަށް ފުޓްބޯލް އެސޯއޭޝަނުން ޖަވާބެއް ނުދޭ، ނަން ނެގިނަމަވެސް އެކަމެއް އަޅުގަނޑުމެންގެ ކުލަބަށް އަންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،"ޑރ. ނާޝް ވިދާޅުވި އެވެ. "އެހެންނަމަވެސް އެކަން އަޅުގަނޑަށްވެސް އަދި އަޅުގަނޑުމެންގެ ޖެނަރަލް ސެކެޓްރީއަށްވެސް އަންގާފައި ނުވޭ."
ކުރިން ވިކްޓަރީގެ ބޯޑު މެންބަރު ކަމާއި، ޖެނަރަލް ސެކެޓްރީކަންވެސް ކުރެއްވި، ޑރ. ނާޝް ވިދާޅުވީ، ގަރާރުގައި ސޮއި ކުރި ކުލަބުތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަން އަނބުރާ ގެންދިޔަކަމަށް އެއްވެސް ކުލަބަކުން މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށެވެ.
"ނޫން އަޅުގަނޑުމެން ވާހަކަ ދެއްކި ކުލަބަކުން މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކަމަކަށް ބުނެފައެއް ނުވޭ، މިދަނީ އެހަން ކުލަބުތަކާ ވެސް ވާހަކަ ދައްކަމުން."
ވިކްޓަރީން ހުށަހެޅި ސިޓީއާ ގުޅިގެން އެފްއޭއެމުން ވަނީ އެ މައްސަލަ ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފީފާއިން އެކަމާ ބެހޭގޮތުން އެފްއޭއެމްއަށް ލިޔުނު ސިޓީގައި ބުނެފައި ވަނީ، އަހަރީ ކޮންގްރެސްއަކީވެސް ކުލަބުތަކުން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު އޮންނަ ކޮންގްރެސްއެއް ކަމަށާއި އެހެންވެ، ވިކްޓަރީން އެދުނު ގޮތަށް ހާއްސަ ކޮންގްރެސް ބާއްވަން ނުޖެހޭ ކަމަށެވެ.
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ވިކްޓަރީން އެދިފައި ވަނީ އާންމު ކޮންގްރެސްގައި ކުލަބުތަކުން ބޭނުންވާ ކަންކަން ހުށަހެޅާ ކަންކަން އެޖެންޑާ ކުރުމުގެ ފުރުސަތު ކުޑަ ކަމުން ކަމަށެވެ.
"އެނައުލް ކޮންގްރެސްގައި އެޖެންޑާ ފާސް ކުރަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް އެދުނީ އަސާސީ ގަވާއިދުން މެޖޯރިޓީ ކުލަބުތަކުން އެދިއްޖެނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވަން ޖެހޭނެ ކަމަށް އޮންނާތީ."
އިއްޔަ އެފްއޭއެމުން ނެރެފައިވާ ބަޔާނުގައި، ބުނެފައި ވަނީ، ވިކްޓަރީން ހުށަހެޅި ސިޓީގައި 19 ކުލަބަކުން ސޮއި ކޮށްފައިވާ ކަމަށް އެ ކުލަބުން މީޑިއާގައި ބުނި ނަމަވެސް ސޮއި ކޮށްފައި ވަނީ 15 ކުލަބަކުން ކަމަށެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ކުލަބެއް ކަމުގައި ވުމުން، ނިއު ރޭޑިއަންޓްގެ ސޮއި ބަލައި ނުގަންނަ ކަމަށް އެފްއޭއެމުން އިއްޔަ ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ފޯކައިދޫ ފުޓްބޯޅަ ކުލަބާއި ރޮކް ސްޓްރީޓަކީ އެފްއޭއެމްގެ މެންބާޝިޕް ލިބިފައިވާ ދެ ކުލަބު ނޫން ކަން އެފްއޭއެމުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް، އެ ދެ ކުލަބަކީވެސް އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ވާދަ ކުރާ ދެ ކުލަބެވެ. މިހާރު ކުރިއަށްދާ، ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައިވެސް ފޯކައިދޫ ފުޓްބޯޅަ ކުލަބުން ވާދަ ކުރެ އެވެ.
ގަރާރުން ސޮއި ގެންދިޔަ ހަތަރު ކުލަބަކީ ކޮބައިކަމެއް އެފްއޭއެމުން ބުނެފައެއް ނުވެ އެވެ.