ވިކްޓަރީން އެ ޓީމުގެ ކުރީގެ ކޯޗު ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ އަށް 296005.08 (ދެލައްކަ ނުވަދިހަ ހަ ހާސް ފަސް ރުފިޔާ އަށް ލާރި) ދޭން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އަމުރުކޮށްފި އެވެ.
މި ފައިސާގެ ތެރޭގައި ހިމެނެނީ 2013 ވަނަ އަހަރުގެ ޖޫން ޖުލައި އަދި އޮގަސްޓް މަހު، ކޮންމެ މަހަކަށް 2500 އެމެރިކާ ޑޮލަރުގެ މަގުން މުސާރައިގެ ގޮތުގައި ދޭން ޖެހޭ 7500 ޑޮލަރާއި ޓިކެޓް ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދޭން ޖެހޭ 5000 ޑޮލަރެވެ. އަދި ގޮފާގެ ގާނޫނީ ވަކީލަށް ދޭން ޖެހޭ 1000 ސްވިސް ފްރޭންކާއި ފީފާގެ ގާނޫނީ ޓީމަށް ދޭން ޖެހޭ 4000 ސްވިސް ފްރޭންކެވެ.
ވިކްޓަރީން މުސާރަ ނުދޭކަމަށް ބުނެ، ގޮފާ ޖެއްސި މައްސަލަ ފީފާއިން ނިންމީ މިދިޔަ އޮކްޓޫބަރު 13ގަ އެވެ. އެ ޖަމާއަތުގެ ޕްލޭޔާސް އެންޑް ގަވަނަންސް ކޮމިޓީގެ ހެޑް އޮމަރު އޮންގަރޯ ސޮއިކޮށް އެފްއޭއެމަށް ކޮޕީކޮށް، ވިކްޓަރީ އާއި ގޮފާ އަށް އޮކްޓޫބަރު 28ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ގޮފާއަށް ދޭން ޖެހޭ ފައިސާ 30 ދުވަސް ތެރޭގައި ދީ ހަލާސް ކުރުމަށެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންނަމަ ވިކްޓަރީ އަށް 10 ދުވަސް ލިބޭނެ ކަމަށެވެ. ފީފާއިން މިގޮތަށް މައްސަލަ ނިންމައި ފޮނުވި ސިޓީ ގޮފާ ވަނީ އަވަސްއާ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ސިޓީ ހިއްސާ ކުރީ ވިކްޓަރީން މައްސަލަ އިސްތިއުނާފުކޮށްފައިނުވާތީވެ ކަމަށެވެ.
ވިކްޓަރީގެ ބޯޑު މެމްބަރު ޕެރިސް އަހުމަދު ނަސީމްބުނީ މިމައްސަލާގަައި އެކުލަބުން ވާހަކަ ދައްކާނީ ޗެއާމަން އަބުދުލްމުހުސިން ހަމީދު ޖޭފޯ ކަމަށެވެ. އެއީ ކުލަބުގެ ފަރާތުން ގޮފާއާ ވާހަކަދައްކަނީ ޖޭފޯކަމަށްވާތީ ކަމަށެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ޖޭފޯއާ ގުޅުމުން ވިދާޅުވީ ޕެރިސް ކުރެން އަހާފައި ޖަވާބު ދެއްވާނެކަމަށެވެ. ނަމަވެސް ފަހުން ތަކުރާރުކޮށް ގުޅުމުންވެސް ފޯނުނުނަންގަވައެވެ.
ގޮފާ ރާއްޖޭގެ މީޑިޔާ އަށް ސިޓީ ވެސް ފޮނުވި
ވިކްޓަރީ އަށް 2013 ވަނަ ކޯޗުކޮށްދިން ގޮފާ އަށް އެކުލަބުން ބަރާބަރަށް މުސާރަ ދީފައިނުވުމުން އޭނާ ރާއްޖޭގައި އުޅުނީ ވަރަށް ހާލުގަ އެވެ. ބައެއް ފަހަރު ރަހުމަތްތެރިންނާއި ކުޅުންތެރިން ވެސް އޭނާ އަށް ކާންދީފައި ހުރި ކަމަށް ކޯޗު ސޮއިކޮށް އެ ދުވަސްވަރު މީޑިޔާ އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ނިއު އާއި ހުރައަށް ދިވެހި ލީގު ކާމިޔާބުކޮށްދީ 2013 ވަނަ އަހަރު ވިކްޓަރީ ރެލިގޭޝަނުން ސަލާމަތްކޮށްދިން ކޯޗު ސޮއިކޮށް އެ ދުވަސްވަރު ފޮނުވި ސިޓީގައި ބުނެފައިވަނީ ވިކްޓަރީގެ މެނޭޖްމަންޓުން ހަދަނީ ހުސްދޮގު ކަމަށާއި އޭނާ އަށް އަބަދުވެސް ލިބޭ ޖަވާބަކީ "މަދަމާ ހަމަޖެހޭނެ،" ކަމަށެވެ. ނަމަވެސް އެބުނާ މާދަމާ އައިސްފައިނުވާ ކަމަށާއި އޭނާ އަށް ގައުމަށް ދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
"އަހަރެންގެ ޕާސްޕޯޓް ކުލަބުން އަތުލާފައިވަނީ. އަހަރެން ބުނެފިން ޕާސްޕޯޓްދޭށޭ. އެކަމަކު ނުދިން. އެމީހުން ބުނަނީ ޕާސްޕޯޓްވީ އިމިގްރޭޝަނުގައޭ. އެކަމަކު އަހަރެންގެ ވިސާ ވެސް މިހާރު ހަމަވެދާނެ. ދެން ކިހިނެތް އަހަރެން ހަދާނީ. އަހަރެން މިނިސްޓްރީ އަށް ވެސް އަދި އެފްއޭއެމުގައި ވެސް މި މައްސަލަ ޖައްސައިފިން. އެކަމަކު ހައްލެއްނުލިބޭ. ވިކްޓަރީން ބްލޭމް ކުރަނީ އެހެން ބައެއް. އެމީހުން ބުނަނީ އެފްއޭއެމުން ފައިސާ ނުދޭތީއޭ މުސާރަ ނުދެނީ،" ޕާސްޕޯޓް ނެތި އެނބުރި ގައުމަށް ފުރަން އެއާޕޯޓަށް ދިޔަ ކޯޗު ފޮނުވި ސިޓީގައި ބުނެފައި އޮތެވެ.
އެ ސިޓީގައި އިތުރަށް އޭނާ ބުނެފައިވަނީ މުސާރަ ނުދޭ މައްސަލަ އޭނާ މީޑިޔާ ހިއްސާ ކުރުމާ ހަމައަށް ވިކްޓަރީން އޭނާ ބަހައްޓާފައިފައިހުރީ ވަރަށް ރަނގަޅު އެޕާޓްމަންޓެއްގައި (މާބްލް ހޮޓަލުގައި) ކަމަށާއި ނަމަވެސް ފަހުން ބަހައްޓާފައި ހުރީ ގެސްޓް ހައުސްއެއްގައި ކަމަށެވެ.
"އެކަމަކު އަހަރެން ބިރުގަނޭ މިތަނަށް ފައިސާނުދީގެން އަހަރެން ބޭރުކޮށްފާނެތީވެ. ޕޮލިސް އަތުވެއްޖެނަމަ އަހަރެން އަތަކު ޕާސްޕޯޓެއް ވެސް ނޯންނާނެ. ކިހިނެތް އަހަރެން ހަދާނީ؟ އަހަންނަކީ ދެ ފަހަރު ދިވެހި ލީގު ހޯދާފައިވާ ކޯޗެއް. ރާއްޖެ އަންނަ ބިދޭސީންނާމެދު ކަންތައް ކުރަންޖެހެނީ މިހެންތަ؟ އަހަރެން ބޭނުމެއްނުވޭ ފީފާ އަށް މި މައްސަލަ ފޮނުވައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ނަން ހަޑިކޮށްލާކަށް، އެކަމަކު މިނޫން ގޮތެއް ވެސް ނެތް،" ކޯޗު ބުނެފައިވެ އެވެ.
ގޮފާ އަށް ވިކްޓަރީން މުސާރަނުދީގެން ފީފާއިން އެކުލަބަށް ފައިސާ ދައްކަން އެންގިއިރު މީގެ ކުރިން ރާއްޖޭގެ ބޮޑެތި ބައެއް ކުލަބުތަކުން ވެސް ކުޅުންތެރިންނަށް މުސާރަނުދީގެން ފީފާއިން ވަނީ އިންޒާރުދިނުމުގެ އިތުރަށް އަދަބު ވެސް ދީފަ އެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ ޔޮޓްޓުއާސްގެ ޗެއާމަން އަބުދުﷲ ޖާބިރު ވެލެންސިއާ ހިންގެވިއިރު އެކުލަބަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ފީފާއިން ވެލެންސިއާ އަށް އަދަބުދިނުމެވެ. ފީފާ އަށް ވެލެންސިއާ ދަރާފައި އޮއްވައި އެ ދަރަނި 2014 ވަނަ އަހަރު ހަލާސްކުރީ އެފްއޭއެމުގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާލް އަދީލް ޖަލީލް ވެލެންސިއާ ހިންގެވިއިރު އޭނާ އެވެ.