ފީފާ

އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ބާއްވާ ކޮންގްރެސް ހުކުރު ދުވަހު

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ވިކްޓަރީން އިސްވެ އެފްއޭއެމްއަށް ހުށަހެޅާފައި ވީނަމަވެސް އެފްއޭއެމުން ކޮންގްރެސް ނުބޭއްވުމުން ވިކްޓަރީން އިސްނަގައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް އަންނަ ހުކުރު ދުވަހަށް ތާވަލު ކޮށްފި އެވެ.

އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައި، އެކަމަށް ވޯޓެއް ނެގުމުގެ ގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހެޅީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެފްއޭއެމުން ކޮންގްރެސް ނުބޭއްވުމުން އޭއެފްސީ އާއި ފީފާގެ އެހީތެރި ކަމާއެކު ކޮންގްރެސް ބޭއްވުމަށް ވިކްޓަރީން ވަނީ ތައްޔާރު ވެފަ އެވެ.

ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ކޮންގްރެސް އޮންނާނީ ހުކުރު ދުވަހު ހަވީރު އެވެ. ހަވީރު 4:00 ގައ ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ދިއުމަށް ކުލަބުތަކަށް ވަނީ، އެޖެންޑާއާ އެކު ދައުވަތު ފޮނުވާފަ އެވެ. އެ ދައުވަތު ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވިކްޓަރީގެ ޗެއާމަން، ޑރ. އިބްރާހިމް ނާޝިދު ސޮއިކޮށް، އެކުލަވާލާފައިވާ އެޖެންޑާ ވަނީ ކުލަބުތަކަށާއި އެފްއޭއެމްއަށްވެސް ފޮނުވާފަ އެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ

1. ވިކްޓަރީގެ ޗެއާމަން ނާޝިދުގެ ފަރާތުން ކޮންގްރެސްގެ ބައިވެރިންނަށް މަރުހަބާ ދެންނެވުން
2. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް ހާޒިރުވި ކުލަބުތަކުގެ ނަން އިއްވުން
3. ކޮންގްރެސްގެ ރިޔާސަތު ކަނޑައެޅުން
4. އެޖެންޑާ ފާސް ކުރުން
5. ކޮންގްރެސްގެ ޔައުމިއްޔާ ޗެކު ކުރުމަށް ދެ މެންބަރުން ކަނޑައެޅުން
6. ވޯޓްގެ ކަންކަން ކުރިއަށް ގެނދިއުމަށް ދެ މެންބަރުން އައްޔަން ކުރުން
7. މެންބަރު ކުލަބުގެ ސަސްޕެންޝަން މައްސަލައާ ބެހޭގޮތުން ވަކި ގޮތެއް ނިންމުން
8. އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ވޯޓެއް ނެގުމަށް ހުށަހަޅަފައިވާ މައްސަލަ
9. ކޮންގްރެސް ނިންމުން

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުލަބުތަކުން ބާއްވާނީ، އެފްއޭއެމްގެ އަސާސީ ގަވާއިދުން މާއްދާއިން ކުލަބުތަކަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެފްއޭއެމްގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ނަންބަރު ދޭއް ގައި ބުނެފައި ވަނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް 14 ދުވަހުގެ ތެރޭގައި ނުބާއްވައިފިނަމަ ނުވަތަ ނުބޭއްވިއްޖެނަމަ، ކުލަބުން އިސްނަގައިގެން ކޮންގްރެސް ބޭއްވުމަށް ފީފާ ނުވަތަ އޭއެފްސީގެ އެހީއަށް އެދެވިދާނެ ކަމަށެވެ.

މިދިޔަ މަހު 28 ދުވަހު، ވިކްޓަރީ ސްޕޯޓްސް ކުލަބުން ވަނީ، އޭއެފްސީ އާއި ފީގެ އެހީތެރިކަމަށް އެދިފަ އެވެ. އޭއެފްސީގެ ސެކްޓްރީ ޖެނަރަލް ޑާތޯ ވިންޑޮސާ ޖޯންއަށް އެޑްރެސްކޮށް ވިކްޓަރީގެ ޗެއާމަން ޑރ. ނާޝިދު ސޮއިކޮށް، ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެފްއޭއެމްގެ އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގައިވާ ގޮތުން، ކޮންގްރެސް އޮބްޒާވް ކުރުމަށް އޭއެފްސީ އާއި ފީފާގެ އެހީތެރިކަމަށް އެދޭ ކަމަށެވެ. ވިކްޓަރީން ކޮންގްރެސް ބޭއްވުމަށް ފުރަތަމަ ތާވަލު ކުރީ ބުދަ ދުވަހަށް ކަން އެ ސިޓީން އެނގެ އެވެ.

ފީފާ އާއި އޭއެފްސީން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ތިން މެންބަރުގެ ވަފުދެއް މިއަންނަ އަންގާރަ ދުވަހު މާލެ އަންނާނެ އެވެ. އެ ތިން މެންބަރުން މާލެ އައިސް، އެފްއޭއެމް އާއި ކުލަބުތަކާއި، ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، މިނިސްޓަރު އަލީ ވަހިދުއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ވަފުދުގައި ފީފާ ތަމްސީލު ކުރައްވާނީ، ފީފާގެ މެންބަރު އެސޯސިއޭޝަން ސާވިސްގެ ސީނިއާ މެނޭޖަރު، އެލެކްސެންޑްރޭ ގްރޮސް އެވެ. އޭއެފްސީ ތަމްސީލު ކުރައްވާނީ، އޭއެފްސީގެ ލީގަލް ޑައިރެކްޓާ، އެންޑުރޫ މާސާ އާއި އޭއެފްސީގެ އިންޓަނޭޝަނަލް ރިލޭޝަން އޮފިސާ، ޕުރުޝޯޓަމް ކާޓެލް އެވެ.

މި ވަފުދު ރާއްޖެ އައުމަށް ފަހު، ރާއްޖޭގެ ހާލަތު ދެނެގަތުމަށް ފަހު، ރާއްޖެއިން ފުރާނީ އެކަމާ ގުޅިގެން ވަކި ގޮތެއް ހަމަޖެހުމުންނެވެ. ބެލެވޭ ގޮތުގައި، އެ ވަފުދު ފުރާނީ ކޮންގްރެސްއިން ފާސްވާ ގޮތެއް ހަމަޖެހުމަށް ފަހު އެވެ.

މިދިޔަ މަހު 15 ދުވަހު، އެފްއޭއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ އަހަރީ ކޮންގްރެސް މި މަހު 25 ގައި އޮތުމުން، އެ ކޮންގްރެސްގައިވެސް ކުލަބުތަކުން ބޭނުންވާ ކަންކަން އެޖެންޑާ ކުރުމުގެ ފުރުސަތު އޮންނާތީ ވިކްޓަރީ އެދުނު ގޮތަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވެން ނެތް ކަމަށެވެ. އެފްއޭއެމުން އެހެން ބުނީ ފީފާގެ ސިޓީއަކާ ހަވާލާ ދިނުމަށް ފަހު އެވެ.

އޭގެ ފަހުން، އެފްއޭއެމުން ބުނެފައި ވަނީ، ގަރާރުގައި ސޮއި ކުރި 15 ކުލަބުގެ ތެރެއިން ތިން ކުލަބެއް ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި، އެފްއޭއެމްގެ މެންބާޝިޕް ލިބިފައި ނުވާ ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ އިތުރުން ކުލަބު ރޮކް ސްޓްރީޓެވެ. ގަރާރުގައި ސޮއި ކުރި ކުލަބުތަކުގެ ސައްހަ އަދަދު 12 އަށް ތިރިވުމުން، އެފްއޭއެމުން ބުނީ ގަރާރުގައި ސޮއި ކުރި ހަތަރު ކުލަބަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއީ ކޮން ހަތަރު ކުލަބެއް ކަމެއް އެފްއޭއެމުން ބުނެފައި ނުވެއެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނެފައި ވަނީ، ހަތަރު ކުލަބަކުން ނަން ނެގި ކަމަކަށް ވިކްޓަރީއަށް އެފްއޭއެމުން އަންގާފައި ނުވާ ކަމަށެވެ.

"ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހެޅި ސިޓީއަށް ފުޓްބޯލް އެސޯއޭޝަނުން ޖަވާބެއް ނުދޭ، ނަން ނެގިނަމަ އެކަން އަޅުގަނޑުމެންގެ ކުލަބަށް އަންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،"ޑރ. ނާޝް ވިދާޅުވެފައި ވެއެވެ. "އެހެންނަމަވެސް އެކަން އަޅުގަނޑަށްވެސް އަދި އަޅުގަނޑުމެންގެ ޖެނަރަލް ސެކެޓްރީއަށްވެސް އަންގާފައި ނުވޭ."

ވިކްޓަރީން އޭއެފްސީގެ ސަމާލު ކަމަށް މައްސަލަ ގެނެސްފައި ވަނީ އޭގެ ފަހުންނެވެ. ފީފާ އާއި އޭއެފްސީގެ ވަފުދު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެފްއޭއެމްއަށް އަންގާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެންމެ ފުރަތަމަ މި ވަފުދު އައުމަށް ހަމަޖެހުނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ވިކްޓަރީ ހުށަހަޅި ސަބަބުތައް

1 - އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް އެކްސްކޯއިން މެންބަރުން ވަކި ކުރުމާއި އާ މެންބަރުން އައްޔަން ކުރުން
2 - އެގްޒެކެޓިވް ކޮމިޓީތަކުގެ ބައްދަލުވުންތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުން
3 - އަސާސީ ގަވާއިދުގައި އުފައްދަންޖެހޭ ކަމަށް ބުނެފައިވާ ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދާފައި ނުވުން
4 - ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރފުވެރި މުބާރާތްތައް ނުބޭއްވުން
5 - މި އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުން
6 - އެގްޒެކެޓިވް ކޮމިޓީ އާއި މެންބަރު ކުލަބުތަކުގެ މާބޮޑު މަޝްވަރާއެއް ހޯދުމެއް ނެތި، ފުޓްބޯޅައާ ގުޅުންހުރި ނިންމުންތައް ނިންމާފައި ވުން
7- އެފްއޭއެމްގެ ގައި ސިޔާސީ އޮފީހެއް ހެދުމުގެ ހުއްދަދީ، ސިޔާސީ ހަރަކާތްތައް އެފްއޭއެމް ގައި ހިންގުން

ބުދަ ދުވަހު ފުރަތަމަ ޑިވިޝަންގެ ފަސް ކުލަބާއެކު އެފްއޭއެމްގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ބުނެފައި ވަނީ، އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރަން ކުލަބުތަކުން ބޭނުން ނުވާ ކަމަށާއި ލީޑާޝިޕް ބަދަލު ކުރަން އުޅޭނީ އެހެން ބައެއް ކަމަށެވެ.

ބައްސާމް އެދުވަހު ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާ ވާހަކަ ބައެއް ފަރާތްތަކުން ދެއްކިޔަސް ކުލަބުތަކުން އެކަމާ ނޫޅޭ ކަމަށެވެ. އެދުވަހުގެ ޕްރެސް ކޮންފަރެންސްގައި ބައްސާމްގެ އަރިހުގައި ތިއްބެވި ފަސް ކުލަބުގެ ތެރެއިން ތިން ކުލަބަކީ، ވިކްޓަރީން ހުށަހެޅި ގަރާރުގައި ސޮއި ކޮށްފައިވާ ތިން ކުލަބެވެ. އެއީ މާޒިޔާ، ޔުނައިޓަޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓެވެ. ދެން ބައިވެރިވީ އީގަލްސް އާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ދަ ގްރޭންޑޭ އެވެ.

"އެހެންވީމަ ކުލަބުތަކަކުން މިކަމާއެއް [އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން] ނޫޅޭ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، ވަކި ބަޔަކު ބޭނުންވެގެން އުޅޭ ކަމެއް ކަންނޭންގެ،" ޕްރެސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވެފައި ވެއެވެ. "އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފުޓްބޯޅަ އާއިލާގެ މެޖޯރިޓީ މިއޮތީ އެކުގައި، ފުޓްބޯޅައިގެ މިހާރު އޮތް ލީޑާޝިޕާއެކީ މަސައްކަތް ކުރަން ތައްޔާރަށޭ."

ބައްސާމް އެދުވަހު ގޮވާލާފައި ވަނީ، އެފްއޭއެމްގެ ލީޑާޝިޕް ވަކި ކުރަން ނޫޅެ. އަންނަ އަހަރު ބާއްވާ އިންތިހާބަށް ތައްޔާރު ވުމަށެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބުން ބުނެފައި ވަނީ، އެފްއޭއެމް އާއި ފުޓްބޯޅައަށް ގެއްލުން ވަމުންދާ ގޮތަށް މިހާރުގެ ލީޑާޝިޕުން އަމަލު ކުރަމުންދާ ކަމަށާއި ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށެވެ.