ހަބަރު

ހައިވޭގައި އިއްޔެ ރޭ އެކްސިޑެންޓްވީ އަޒުމޫން

Feb 18, 2019
41

ސިނަމާލެ ބްރިޖާ ގުޅޭ ހައިވޭގައި މަތީން ދުއްވަނިކޮށް އިއްޔެ ރޭ މެންދަމު އެެކްސިޑެންޓްވެފައި ވަނީ ޔޫތު މިނިސްޓަރުގެ ޕީއެސް އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒުމޫނާއި އޭނާގެ ހިއްސާއެއް އޮންނަ ކާރެކެވެ. އެކްސިޑެންޓްވި އިރު އެ ކާރު ދުއްވަން އިންނެވީ ވެސް އަޒުމޫނެވެ.

އެކްސިޑެންޓްގައި ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެ ވަޑައިގެންނެވި އަޒުމޫންއާ މިއަދު "އަވަސް" އިން ގުޅުމުން އޭނާ ވަނީ އެ އެކްސިޑެންޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ އިއްޔެ ރޭ މެންދަމުން 3:00 ޖެހި އިރު ހުޅުމާލެއިން ކާރުގައި މާލެ ވަޑައިގެންނެވި މަގުމަތިން އެ އެކްސިޑެންޓް ހިނގީ ހައިވޭ މަތިން ކުއްލިއަކަށް ހުރަސް ކުރަން ދިޔަ ބުޅަލެއް ކާރުގައި ޖެހުމުން ކާރު މަޑު ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ކަހާލައިގެން ކަމަށެވެ.

މަޒްޑާ ބްރޭންޑްގެ އާރްއެކްސް އެއިޓްގެ އެ ކާރު ކޮންޓްރޯލް ގެއްލުމާއެކު ހައިވޭގެ އަރިމަތީ ފެންސް ފަޅާލައި އެދިމާ ތޮށިގަނޑުގައި ޖެހުނީ ހައިވޭގެ ހޮޅިދަނޑިއެއްގައި ވެސް ޖެހުމަށް ފަހު އެވެ.

"ބުޅާ ހުރަސް ކުރަން ގޮސް ކުއްލިއަކަށް ކާރުގައި ޖެހުމާއެކު ކޮންޓްރޯލް ގެއްލުނީ، އެކްސިޑެންޓްގައި ކާރުގެ ބޮޑު ބައި އޮތީ ހަލާކުވެފައި. އަޅުގަނޑުމެން ސަލާމާތްވީ އެއާ ބޭގް ފަޅައިގެން ގޮސް އެއިން ލިބުނު ރައްކާތެރި ކަމުން،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ދާއިރާ އަދި ކުޅިވަރު ދާއިރާއިން މީގެ ކުރިން، އެތައް ހަބަރެއް ލިޔުއްވާފައިވާ ނުސްވެރިޔާ ވިދާޅުވީ ބްރިޖް މަތިން އޭނާ ދުއްވާފައި ވަނީ ބާރަށް ނޫން ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އޭނާ ކާރު ދުއްވީ 70 ކިލޯ މީޓަރަށް ވުރެވެސް ބާރަށެވެ. -- ބްރިޖާއި ހައިވޭގައި އެންމެ ބާރަށް ދުއްވެނީ 50 ކިލޯ މީޓަރަށެވެ.

އިއްޔެ ރޭގެ އެކްސިޑެންޓްގައި އަޒްމޫނަށާއި އޭނާއާއެކު ކާރުގައި ދެން އިން މީހާއަށް ކުދިކުދި އަނިޔާ ލިބި ފަރުވާ ދޭން ޖެހުނު ނަމަވެސް އަޒުމޫނާއި އޭނާގެ ރަހުމަތްތެރިޔާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އެހެން ނަމަވެސް މި އެކްސިޑެންޓާ ގުޅިގެން ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ.

ބްރިޖާއި ހައިވޭ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބު

ސިނަމާލެ ބްރިޖު ހުޅުވިތާ ހަމަސް ވީއިރު މިހާތަނަށް 167 އެކްސިޑެންޓެއް ހިނގާފައިވެ އެވެ. މިދިއަ ސެޕްޓެމްބަރު މަހުގެ ބްރިޖް އާންމުކޮށް ހުޅުވި ހިސާބުން ފެށިގެން މިހާތަނަށް އެ އަދަދަށް އެކްސިޑެންޓް ހިނގާފައިވާއިރު ހަ މަސްދުވަހުގެ ހިސާބުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އެކްސިޑެންޓެއް ހިނގި އެވެ. އެ މުއްދަތުގައި މިހާތަނަށް ބުރިޖުމަތީގައި 37 އެކްސިޑެންޓް ހިނގާފައިވާއިރު ހައިވޭގައި ވަނީ 61 އެކްސިޑެންޓު ހިންގާފަ އެވެ. މި އެކްސިޑެންޓުތަކުގައި 15 މީހަކަށް ސީރިއަސް އަނިޔާ ވެފައިވެ އެވެ. ގިނަ އެކްސިޑެންޓްތައް ހިނގީ އޯވަޓޭކް ކުރުމުގެ ސަބަބުންނެވެ.