ބޮލީވުޑް

"ދިލްވާލޭ" ގައި ކާޖޮލް ގޭންގްސްޓާރަކަށް

Jul 4, 2015

ޑައިރެކްޓަރު ރޯހިތް ޝެޓީގެ "ދިލްވާލޭ"ގެ ޝޫޓިން ބުލްގާރީގައި ކުރިއަށް ދަނިކޮށް ސުޕަސްޓާ ޝާހްރުކް ޚާން ގޭންގްސްޓާ އެއްގޮތަށް ހެދުން އަޅައިގެން ހުރި ފޮޓޯތަކެއް ވަނީ ލީކްވެފަ އެވެ. 

މިފޮޓޯތަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއިއެކު، ގިނަ ބަޔަކު ޝާހްރުކް މިފިލްމުގައި ކުޅެނީ ގޭންގްސްޓާ އެއްގެ ރޯލުކަމަށް ބުނަމުން އަންނަނިކޮށް ފިލްމުގައި ހަރާކާތްތެރިވާ ފަރާތަކުން ވަނީ މިއީ އަދި ޓްވިސްޓެއް ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން، މިފިލްމުގައި ކާޖޮލްގެ ބައްޕަގެ ރޯލުން ފެނިގެންދާ ކަބީރު ބެދީ އަކީ ގޭންގްސްޓާ އެކެވެ. އަދި  ބައްޕަގެ ފަހަތުންް ކާޖޮލްވެސް ގޭންގްސްޓާ އަކަށް ވެ އެވެ.

މިގޮތަށް ވެއްޖެނަމަ، ފިލްމެއްގައި ކާޖޮލް ގޭންގްސްޓާއެއްގެ ރޯލުން ފެނިގެންދާނެ މިއީ ފުރަތަމަ ފިލްމެވެ.

ޝާހްރުކް މިފިލްމުގައި ކާޖޮލްގެ ލޯބިވެރިޔާގެ ފިލްމުން ފެނިގެންދާއިރު، މިއީ މިދެތަރިން ފަސް އަހަރުގެ ބްރޭކް އަކަށްފަހު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

މިފިލްމަކީވެސް ރޯހިތް ޝެޓީ ޑައިރެކްޓްކުރާ ފިލްމަކަށްވެފައި، ދެހާސްތޭރަ ވަނަ އަހަރު ނިކުތް ފިލްމު "ޗެންނާއި އެކްސްޕްރެސް" ގައި ވެސް ޝާހްރުކް އާއިއެކު ލީޑްރޯލުން ފެނިގެންދިޔަ ބަތަލާ ދިޕިކާ ޕަދުކޯންގެ ބައްޕަ އަކީ ވެސް "ޑޯން" އެކެވެ.

މިހެންވެއްޖެނަމަ، މިދެފިލްމުގެ ޕްލޮޓް ދާދިއެއްގޮތްވާނެ ކަމަށް ގިނަ ފަރާތްތަކަކުން މިހާރު އަންނަނީ ބުނަމުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ހިމެނޭ މިފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ބުލްގާރީގައި މީގެ ދުވަސްތަކެއް ކުރިން ނިމިފައިވާއިރު، ބާކީހުރި މަންޒަރުތަކުގެ ޝޫޓިން މިމަހުގެ 10ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް އެއްމަސްދުވަހަށް މުޅި ޓީމް ޔޫރަޕަށް ދާނެކަމަށް ޝާހްރުކް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ބުނެފަ އެވެ.

ޑިސެމްބަރު 18ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މިފިލްމުގައި ޝާހްރުކް އާއި ކާޖޮލްގެ އިތުރުން ވަރުން ދަވަން އާއި ކީރްތީ ސަނަން ވެސް މުހިންމު ރޯލުން ފެނިގެންދާނެ އެވެ.

ވަރުން މިފިލްމުގައި ފެނިގެންދާނީ ޝާހްރުކްގެ ކޮއްކޮގެ ރޯލުންނެވެ.