ހަބަރު

ހެކިން ނުވެސް އެނގޭ، މީ ރިޝްވަތު ދޭނެ މީހެއް ނޫން: ޔާމީން

ދެކޮޅަށް ހުށަހަޅާފައިވާ ހެކިންނަކީ ކޮބައިކަން ނުވެސް އެނގޭ ކަމަށާއި އެއީ ކޮން ބައެއްކަން އެނގުނަސް އެމަނިކުފާނަކީ ރިޝްވަތު ދީގެން ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ވަނީ ރައީސް ޔާމީން މައްސަލާގެ މަނީ ލޯންޑްރިން މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވައި އެމީހުންގެ ބަޔާންތައް ބަދަލުކުރުމަށް ރިޝްވަތުގެ ގޮތުގައި ގިނަ ފައިސާތަކެއް ހުށަހަޅާފައިވާކަން އެނގޭ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ނުފޫޒު ފޯރުވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަން އެނގޭނެ ސިއްރު ލިޔުމެއް ވެސް ޕީޖީއިން ހުށަހަޅާފައިވެ އެވެ.

ޕީޖީގެ ފަރާތުން އެކަން ފާހަގަ ކުރުމުން ދިފާއުގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ. ޝަރީއަތުގެ މަޖިލީހުގައި ކޮޅަށް ތެދުވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައަކީ މަނީލޯންޑާކުރުމުގެ މައްސަލައަކަށްވާއިރު ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށެވެ. އެ ސްޓޭޓްމެންޓްތަކަކީ ކޮމްޕިއުޓާ ޖެނަރޭޓެޑް އެއްޗެއްސަށްވާއިރު އެ ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އެ މައްސަލާގައި ދެން އިތުރު ހެކިންނެއް ހުށަހަޅާފައިވާކަން ނޭނގޭ ކަމަށާއި އެއީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނުގެ ވަކީލް އަބްދުﷲ ޝިފާޒު ވެސް ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތް ކަމަށެވެ. އެ މައްސަލައަކީ ލިޔުންތަކެއްގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޕީޖީއިން ދައުވާ އުފުލައި ފޯމްގައި ހެކީގެ ހުރިހާ މައުލޫމާތެއް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އަދި އެ ފޯމާއި ލިޔުންތައް ވެސް މިހާރު ރައީސް ޔާމީންއާ ހަވާލުކޮށްފައިވާއިރު ހެކިންނަކީ ކޮބައިކަން ނޭނގޭ ކަމަށް ވިދާޅުވުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

ވަކީލް އައިޝަތު އިތުރަށް ވިދާޅުވީ މިހާރު ދައުވާ އުފުލިފައިވަނީ އެެއް މިލިއަން ޑޮލަރުގެ މައްސަލާގެ ކަމުގައިވީ ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަހުގީގުން ލިބޭ ބައެއް ހެކިތަކަކީ މި މައްސަލާގައި ވެސް ބޭނުން ކުރެވިދާނެ ހެކިތަކެއް ކަމަށެވެ. އެހެންވެ، އެ ހެކިތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވަދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރި އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. އެ ޗެކް ޖަމާވެފައިވާކަން އެނގުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށާއި ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް ވެސް އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ.

"އެސްއޯއެފްގެ ފައިސާއަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާއެއް ނޫން، ދައުލަތަށް ވަންނަން ޖެހެނީ އެމްއެމްޕީއާރްސީގެ ފައިސާ، އެހެންވެ އެސްއޯއެފްގެ ފައިސާތަކެއް އަޅުގަނޑުގެ އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް މިހާތަނަށް ކަނޑައަޅާފައިނުވީ ނަމަވެސް އޭސީސީގެ އެދުމުގެ މަތިން އެ ފައިސާ ބަހައްޓާފައިވާނެ ކަމަށެވެ. އަދިވެސް އެ ފައިސާ ހުންނާނީ ހަމަ އެ ބޭންކްގެ އެކައުންޓެެއްގަ ކަމަށެވެ. އެކްސްކްރޫ އެކައުންޓެއްގައި ފައިސާ ބެހެއްޓީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އަނބުރާ އެ ފައިސާ ނެގޭނެ ގޮތް ހެދުމަށް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ވަރަށް އާދައިގެ ގޮތަކަށް މިއަދު ހެދުން ތުރުކުރައްވައިގެން ހުންނެވި ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ލޯންޑާކުރުމަށް ކުރުމަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ނުޖެހޭ ކަމެއް ފޮރުވާކަށް، އަދި އެ ފައިސާ އަޅުގަނޑަށް ދައުލަތަށް ނުދެވެންވީ ސަބަބެއް ވެސް ނެތް، އެ ފައިސާ އެ އެކައުންޓަށް ވަތްއިރު ވެސް އެ އެކައުންޓްގައި އެއަށްވުރެ ގިނަ ފައިސާ ހުންނާނެ، އެހެންވެ އެ ނުދެވިގެން އުޅޭކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް ވަރަށް ބޮޑަށް ވަނީ އެސްއޯއެފްގެ ފައިސާއަކީ ކުށަކުން ހޯދާފައިވާ ފައިސާ ނޫންކަން ފާހަގަކުރައްވާފަ އެވެ. ކުށަކުން ހޯދާފައިވާ ފައިސާއެއް ކަމަށް ބުނެ ނުދެވޭއިރު މަނީ ލޯންޑާކުރުމުގެ ދައުވާ އުފުލިގެން ނުވާނެ ކަމަށް އެމަނިކުފާނުގެ ވަކީލެއް ކަމަށްވާ އާދަމް އާސިފް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އެސްއޯއެފްގެ ފައިސާއަކީ ކުށެއްގެ ނަތީޖާއަށް ވެދާނެ ކަމަށް އޭސީސީއިން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. އެ ފައިސާ ބޭނުންކޮށްފައިވަނީ އެކަން އެމަނިކުފާނަށް އަންގާފައިވަނިކޮށް ކަމަށެވެ.

އެކަން ސާބިތުކުރުމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ބަޔާނެއް ހެކީގެ ގޮތުގައި ޕީޖީއިން ހުށަހަޅާފައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން މުއައްވިޒު ވަނީ ރައީސް ޔާމީންއާ ބައްދަލު ކުރައްވައި އަނގަބަހުން އެހެން ވިދާޅުވެފަ އެވެ.

ނަމަވެސް، ރައީސް ޔާމީން ވަނީ އެއީ އެ ބޭފުޅުން މިހާރު ދައްކަވާ ވާހަކައެއް ކަމަށް ވިދާޅުވެ އެކަމާ އިންކާރު ކުރައްވާފަ އެވެ. އެ ބޭފުޅުން ވަޑައިގެންނެވީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ކަމަށާއި އެއްވެސް އެންގުމެއް އަންގާފައިނެތް ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް އޭސީސީ ބުނެފައިނުވާ ކަމަށެވެ. ދައުވާ އުފުލަން ޖެހޭނީ އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް ކަނޑައެޅުމުން ވެސް އެ އަނބުރާ ދިނުމަށް ދެކޮޅު ހަދައިފިކަމުގައިވާނަމަ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެ މައްސަލާގައި ތަހުގީގު ނިންމައި މިހާ ދުވަސް ވަންދެން ދައުވާނުކޮށް ބޭއްވި ސަބަބާމެދު ވެސް ސުވާލު އުފައްދަވާފަ އެވެ. އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ތަހުގީގީ އިދާރާތަކާއި އެތަނުގެ ވެރިންނަށް އެކި ނުފޫޒު ފޯރުވައިގެން އެ މައްސަލަ ހުއްޓުވާފައިވާ ކަމަށެވެ.