ހައްގު ގޮތުގައި ކުރަންޖެހޭ ކަމެއްކޮށް ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދަ މޭރުމަކުން ޓުވީޓު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ތަހުގީގަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. މިނިސްޓަރު އިމްރާނަކީ ޔާމީން ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމާ ޖަލަށް ލުމަށް ހުކުމްކުރި ބޭފުޅެކެވެ.
އިމްރާންގެ އެ ޓުވީޓުގައި ވަނީ ހައްގު ގޮތުގައި ފިޔަވަޅު އެޅުމަކީ އަނިޔާވެރިވުންކަމަށް ވަނީ ކޮންފަދައަކުންތޯ ބުނެ ސުވާލު އުފައްދާފަ އެވެ.
ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެމްްއެމްޕީއާރްސީ ގެ ހިޔާނާތުގެ ތެރެއިން ހޯދި ބައެއް ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ލޯންޑާކުރި މައްސަލާގައި އެވެ. މިއަދުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ.
މިމައްސަލައިގެ ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރީ އެމަނިކުފާނަށް އެނގިގެން ނޫން ކަމަށެވެ. އެ ޗެކް ޖަމާވެފައިވާކަން އެނގުމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދެއްވި ކަމަށާއި ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް ވެސް އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ މިހާރު ދައުވާ އުފުލާފައިވަނީ އެެއް މިލިއަން ޑޮލަރުގެ މައްސަލާގެ ކަމުގައިވީ ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަހުގީގުން ލިބޭ ބައެއް ހެކިތަކަކީ މި މައްސަލާގައި ވެސް ބޭނުން ކުރެވިދާނެ ހެކިތަކެއް ކަމަށެވެ. އެހެންވެ، އެ ހެކިތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވަދާނެ ކަމަށް ދައުލަތުން ބުންޏެވެ.