ރިޕޯޓް

ޔާމީންގެ ޝަރީއަތް: "އެ ދުވަސް މިއޮތީ އައިސްފައި"

"ކޮބާ! އަހަރެން ބުނި ދުވަސް މިއޮތީ އައިސްފައި،" ކުރިމިނަލް ކޯޓުގައި ބޮޑު ޝަރީއަތެއް ހިނގާނަމަ އެ ސަރަހައްދަށް އާންމުކޮށް ގޮސް ހުންނަ ބޭބެއަކު އަހްނަނާ ގާތްވެލާފައި މިއަދު ބުންޏެވެ. އޭނާ އެ އިޝާރާތް ކުރީ ބޮޑެތި ބާރުތަކާއެކު ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން ހައްޔަރުކުރަން މިއަދު ކްރިމިނަލް ކޯޓުން ނެރުނު އަމުރަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ ގިނަ ބަޔަކު ހައްޔަރު ކުރަމުން ދިޔައިރު، ކޮންމެ ދުވަހަކުހެންމެ އެބޭބެ ބުނާ ވާހަކަ އަކީ ކޮންމެވެސް ދުވަހަކު ޔާމީން ހައްޔަރު ކުރާނެ ދުވަހެއް އަންނާނެއޭ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑްރިންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް މިއަދު މެންދުރު 1:30 އެހާއިރު ރައީސް ޔާމީން ކޯޓް ރޫމަށް ވަދެވަޑައިގަތީ ވަރަށް އާދައިގެ ގޮތަކަށް ހެދުން ތުރު ކުރައްވައިގެން އެވެ. ރައީސް ޔާމީން، ކޯޓު އޮފިސަރާއެކު ކޯޓު ރޫމަށް ވަދެވަޑައިގެން އެމަނިކުފާނު އިންނަވާ ބެންޗަށް ހިންގަވާފައި ވަޑައިގެން އިރު އެމަނިކުފާނުގެ މޫނުމަތިން ނުތަނަވަސްކަން ވަރަށް ބޮޑަށް ފެނެ އެވެ. އެމަނިކުފާނު ވަދެވަޑައިގެން އެ ދޮރަކީ އެމަނިކުފާނުގެ ސަރުކާރުގައި ޝަރީއަތް ހިންގުނު އިއްޒަތްތެރި އެތައް ބޭފުޅުންނެއް ވަދެވަޑައިގެންނެވި ދޮރެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޝަރީއަތަށް ވަދެވަޑައިގެންނެވީ އެ ދޮރުންނެވެ. އެކަމަކު، މިއަދުގެ މަންޒަރު އެ ދުވަހާ ތަފާތެވެ. އެ ދުވަހު ރައީސް މައުމޫން ޝަރީއަތަށް ވަދެވަޑައިގެންނެވިއިރު އާއިލާއާއި ސަޕޯޓަރުން އޮތީ ކޯޓް ރޫމް ފުރާލައިފަ އެވެ. އެ ބޭފުޅުންގެ ސަޕޯޓަރުން އިހްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ވެސް ތެދުވި އެވެ. ރައީސް ސޯލިހަށް ވެސް ހަމަ އެފަދަ އެވެ.

ރައީސް ޔާމީން ކޯޓް ރޫމަށް ވަދެވަޑައިގެންނެވި އިރު، އެމަނިކުފާނަށް ހިތްވަރު ދޭނެ ބަޔަކު ނެތެވެ. ކުއްލި ގޮތަކަށް ތާވަލުކުރި ރައީސް ޔާމީންގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމަށް ވަދެވުނީ އަހަންނާ އެކު އިތުރު އެއް ނޫސްވެރިއަކަށެވެ. އާއިލާގެ ބޭފުޅެއް ވެސް ސަޕޯޓަރެއް ވެސް ކޯޓު ރޫމަކަށް ނުވަދެ އެވެ. އެ ބެންޗު އޮތީ ހުހަށެވެ.

ނޫސްވެރިންނާ ދިމާލަށް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު އިށީނދެވަޑައިގެންނެވި އެވެ. އެއަށްފަހު ވަކީލުން ގާތު ޝަކުވާތައް ބަންޑުންކޮށްލެއްވި އެވެ. ޝަރީއަތް ނުފެށި ގިނައިރުވުމުގެ ޝަކުވާ އެވެ. އެއަށްފަހު އުނަގަނޑުގައި ރިއްސާ ކަމުގެ ޝަކުވާ ވެސް ކުރެއްވި އެވެ. އެމަނިކުފާނު ކޯޓު ތެރޭގައި ގާތްގަނޑަކަށް އެއް ގަޑިއިރު މަޑު ކުރައްވަން ޖެހުން ބޮޑު ކަމަކަށް ވެވަޑައިގެންނެވި އެވެ. އެ މަންޒަރު ފެނިފައި އަހަރެން ހަނދާނަށް އައީ، ރައީސް މައުމޫން ހަމަ އެ ކޯޓުގައި އެތައް ގަޑިއިރަކު އިންނަވަން ޖެހުނު ދުވަހެވެ.

ޝަރީއަތް ފަށައި، ރައީސް ޔާމީން ބަންދުކުރުމަށް ދައުލަތުގެ ވަކީލުން ޝަރީއަތުގައި އެދިވަޑައިގަތް ހިސާބުން އެމަނިކުފާނުގެ މޫނުމަތިން ވަރަށް ބޮޑަށް މާޔޫސްކަން ވެރިވެގެން ދިޔަ އެވެ. އިރުއިރުކޮޅާ ފެންފުޅި ނަންގަވައި އެމަނިކުފާނުގެ ހަރަކާތްތައް އަވަސް ވެގެން ދިޔަ އެވެ. ކޮޅަށް ތެދުވެވަޑައިގެން އެއް ވާހަކަފުޅެއް ތަކުރާރުކޮށް ވިދާޅުވާން ފެއްޓެވުނެވެ. އަމިއްލަ ދިފާއުގައި ވާހަކަފުޅު ދެއްކެވިއިރު ވަކީލުންނަށް އިރުޝާދުތައް ވެސް ދެއްވަމުން ގެންދެވި އެވެ.

ރައީސް ޔާމީން ތެދުވަޑައިގަތް އިސް ގާޒީ އަހުމަދު ހައިލަމްގެ އަރިހުގައި އާދޭހާ އެކު ކުރައްވާ ޝަކުވާއަކީ، އުނަގަނޑުގައި ރިއްސާ ކަމާއި، ބަންދުކުރުމުގެ ކުރިން އެ ސިއްހީ ހާލަތަށް ރިއާޔަތްކޮށްދެއްވުމަށެވެ. އެކަމަކު، އެ އެދިވަޑައިގަތުމަށް ގާޒީ އަޅާލައްވާހެނެއް ހިއެއް ނުވެ އެވެ. އެ ދުވަހު ރައީސް މައުމޫން ވެސް އެ ޝަކުވާތައް ހަމަ އެ މަގާމުގައި ހުންނަވައި ކުރެއްވި އެވެ. އެ ދުވަހު ރައީސް މައުމޫންގެ އެ އާދޭސްތައް ވެސް އަޑުއަހާނެ ފަރާތެއް ނުވި އެވެ. ރައީސް ޔާމީންއަށް ވެސް މިއަދު ޖެހިވަޑައިގެންނެވީ އެ ހާލެވެ.

ރައީސް ޔާމީންގެ މޫނުމަތިން ނުތަނަވަސްކަން ބޮޑުވަމުން ދަނިކޮށް ގާޒީ ވަނީ އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކުރައްވާފަ އެވެ. އެ އަމުރާއެކު މިއަދުގެ ޝަރީއަތް ގާޒީ ނިންމަވާލެއްވި އެވެ. ރައީސް ޔާމީން ކޮޅަށް ތެދުވަޑައިގެން ވަކީލުންނާ ވާހަކަފުޅު ދެއްކެވި އެވެ. އޭރު ވެސް އެމަނިކުފާނުގެ މޫނުމަތިން މާޔޫސްކަން ވަރަށް ބޮޑަށް ފެނުނެވެ.

އެ ހަބަރު ކޯޓުން ބޭރުވުމާއެކު، އެ ސަރަހައްދުގައި ތިބި އެއް ބަޔަކު އުފާކުރި އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަޕޯޓަރުން ވެސް އެއްވި އެވެ. އެކަމަކު، އަޑު ގަދަވީ މާރުކޭޓް ސަރަހައްދުގައި "އެ ދުވަސް މިއޮތީ އައިސްފައި" ކަމަށް ބުނާ އަޑެވެ.

މިދިޔަ އަހަރުގެ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެތައް ސިޔާސީ ބަޔަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ފުލުފުލުގައި ބަންދު ޖެހި އެވެ. އެ ބަންދުގެ އަމުރުތައް ވެސް ނެރުއްވީ ހަމަ ގާޒީ ހައިލަމެވެ. އޭރު ރައީސް ޔާމީން ވިދާޅުވި އެވެ. "އެ ބޭފުޅުން ކުށެއް ނުކުރައްވާނަމަ ތިބޭނީ ގޭގަ ނޫންތޯ،" އެވެ.

ރައީސް ޔާމީން މިއަދު ޖަލަށް ވަޑައިގަންނަވަން ލޯންޗުކޮޅަށް އަރާވައިޑައިގަންނަވަމުން ސަޕޯޓަރުންނާއި ފޮޓޯގްރާފަރުންނަށް ހަނާ އަޅާލެއްވި އެވެ. އެ ފޮޓޯ ނެތް ސިޔާސީ ވެރިއެއް މި އުޑުދަށުގައި މިހާރަކު ނެތެވެ. އެ ހުރިހާ ފޮޓޯއެއް ނެގުނީ ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގަ އެވެ. އެ އެންމެން ވެސް މިއަދު ބުނީ "އެ ދުވަސް މިއޮތީ އައިސްފައި" ކަމެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު މިއަދު ވިދާޅުވި އެވެ. "ގާނޫނަކީ ވަކި މީހަކަށް އޮތް އެއްޗެއް ނޫނެވެ،" މިއަދު އެ ފެނުނީ ގާނޫނުގެ އެ ދިގުއަތް ރައީސް ޔާމީންއާ ވެސް އަރާ ހަމަކުރިތަނެވެ.