ރައީސް މުހައްމަދު ނަޝީދު

އަމިއްލަ ކެންޑިޑޭޓުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ: ނަޝީދު

އަމިއްލަށް ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރައްޔިތުންނަށް ހައްގުގައި އެއްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދް ޒާހިރުގެ ކެމްޕޭން ފައްޓަވައި ދިނުމުގެ ގޮތުން، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އައުލަބިއްޔަތުން ކަންކަން ކުރާ ތަނެއް ކަމަށާއި، މަޖިލިސް އައުލަބިއްޔަތު ނަންގަވާނީ އެމްޑީޕީން ކަމަށެވެ. ޕާޓީއަކަށް ނިސްބަތްނުވާނަމަ އޭގެން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް ކަމަށާއި، މިނިވަން ކެންޑިޑޭޓަކަށް ރައްޔިތުންގެ ހައްގުގައި ކޮށްދެވޭނެ އެއްވެސް ކަމަށް ނޯންނާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ އައުލަބިއްޔަތުން ކަންކަން ކުރައްވާ ތަނެއް ދެން ހަމަ ޕާޓީއަކަށް ނިސްބަތް ނުވެ ބައިވެރިނުވެ މެމްބަރަކު ވަކިން އިންތިހާބުވުމުން އޭގެ ރައްޔިތުންނަށް ފައިދާއެއް މަންފާއެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް މިހާރު ލިބިފައިވަނީ މާ ފުރިހަމަ ފުރުސަތުތަކެއް ކަމަށެވެ. އެ ފުރުސަތުތަކަކީ ދިވެހި ރައްޔިތުން ހޯދާފައިވާ ގިނަ ޕާޓީ އެކުލެވިގެންވާ ސިޔާސީ ނިޒާމު ކަމަށެވެ.