ލައިފްސްޓައިލް

ޗުއްޓީ ދަތުރުގެ ފޮޓޯ ނެގީ ގޭތެރޭ ސާމާނުން!

މަތިންދާބޯޓެއްގައި ގައުމަކަށް ދާނަމަ ބޯޓުގެ ގޮނޑީގައި އިނދެގެން ކުޑަދޮރުން ފެންނަ ހިތްގައިމު މަންޒަރުގެ ފޮޓޯ ނެގުން އެއީ ދަތުރުގެ ފެށުން އަންގައިދޭ އަދި ގިނަބަޔަކު ކުރާ ކަމެކެވެ. މަތިންދާބޯޓަކަށް އަރާއިރު ބޯޓުގެ ވިންޑޯ ސީޓު ހޯދަނީ ވެސް އެހެންވެ އެވެ. ފޮޓޯ ނަގަނީ އެ މަންޒަރު ދެވަނަ ފަހަރަށް ފެނުން އެއީ ފަސޭހަ ކަމަކަށް ނުވެފައި އެ މަންޒަރު ހަނދާނާއި ތާރީހަށްޓަކައި ފޮރުވާށެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި އެންމެނާ ހިއްސާ ކުރާށެވެ.

މަތިންދާބޯޓުގައި ދަތުރު ނުކުރެވޭ މީހުންވެސް މީހުން ހައްދާލަން މިހާރު އުޅެނީ އާ ގޮތެއް ހޯދައިގެންނެވެ. ޗައިނާގެ ބަޔަކު މި ފޮޓޯތައް ސޯޝަލް މީޑިއާއަށް ބަނޑުން ކޮށްލުމުން ވަގުތުން އެ ފޮޓޯތައް ވައިގައި ހިފި އެވެ.

މި ފޭކް ޗުއްޓީ ދަތުރު ފޮޓޯ ނެގުމަށް ގިނައިން ބޭނުން ކޮށްފައި ހުންނަނީ ޑިޓާޖެންޓް ފުޅީގެ އަތްގަނޑެވެ. އަދި އެ ފުޅީގެ އަތްގަނޑު ކައިރި ކޮށްލާފައި ހުންނަނީ ދާން ބޭނުންވާ މަންޒިލުގެ ފޮޓޯ އަކަށެވެ. ދެން އެހެން ފޯނަކުން އަތްގަނޑާ ކައިރިކޮށް މަންޒަރު ރީތިކޮށް އަރާގޮތަށް ފޮޓޯ ނެގުމުން މާ ބޮޑު ތަފާތެއް ނުފެނެ އެވެ.

ހާއްސަ ދަތުރެއް ކުރާ ކަމަށް ހެދިގެން މަތިންދާބޯޓުގެ ކުޑަދޮރުން ރީތި މަންޒަރުތައް ދައްކާއިރު މި މަންޒަރު އުފެއްދި އަސްލު ގޮތް ފެންނަނީ ޖެހިގެން ހުންނަ ފޮޓޯގަ އެވެ. ބައެއް ފޮޓޯތައް ނަގާފައިވާ ގޮތުން މިއީ ކުޅެފައިވާ ފޮޓޯ އެއްހެން ހީވެސް ނުވެ އެވެ.

ބޮޑެތި ފަރުބަދަ ތަކުގެ ރީތި މަންޒަރުތަކާއި އިމާރާތްތަކުގެ މަންޒަރުތައް ވެސް މިހެން ދައްކަ އެވެ. ފޮޓޯ ތަކާއި ވީޑިއޯ މެދުވެރިކޮށް ފޭކު ޗުއްޓީ ދަތުރެއްގެ މަތިންދާބޯޓު ފޮޓޯ ނަގާނެ ގޮތް އެންމެންނަށް ދައްކާލައިފި އެވެ.
އަދި މި ފޮޓޯތައް ސޯޝަލް މީޑީއާގައި އެނބުރިގެން ދިޔަ އިރު މި ފޮޓޯ ވެގެން ދިޔައީ ދަތުރު ދާން ބޭނުންވެފައި ތިބި، އަދިވެސް ނުދެވިގެން އުޅޭ މީހުންނަށް ކޮށްލި މަލާމާތަކަށެވެ. ފޮޓޯތައް ހިއްސާ ކުރަމުން ގިނަ މީހުން ބުނަނީ "އަހަރުމެންނަށް ދަތުރު ދެވޭނީ މިހެން" ކަމަށެވެ. މިވެސް ދެން ގޮތެކެވެ.