ވިޔަފާރި

އިތުރު ފީތައް ނަގާތީ އެމްޕީއެލްގެ ފީތަކުގެ ލިސްޓު އާންމުކޮށްފި

ކަނޑު މަގުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުގެ މުދާ އުފުލައިދޭ ފަރާތްތަކުން ތަފާތު ނަންނަމުގައި ފީތައް ނަގާދާތީ، މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި (އެމްޕީއެލް) އިން ނަގާނެ ފީތަކުގެ ލިސްޓު އާއްމުކޮށްފި އެވެ.

އެމްޕީއެލް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ރާއްޖެއަށް ކަނޑު މަގުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ފްރައިޓް ފޯވަޑާސް އަދި ބްރޯކަރުން އެމްޕީއެލްއަށް ދައްކަން ޖެހޭ ފީތަކެއްގެ ގޮތުގައި ދޭހަވާ ގޮތަށް ތަފާތު ނަންނަމުގައި ފީތައް ނަގަމުންދާކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ އެގޮތުން އޭސީޕީއާރް ފީ އާއި ޕޯޓް ކޮންޖެސްސަން ޗާޖު އަދި ޖީސީއެޗްޓީގެ އިތުރުން އިކްއިޕްމަންޓް އިންބެލެންސް ޗާޖު ފަދަ ނަންނަމުގައި ފީތައް ނަގަމުންދާ ކަމަށެވެ.

މުދާ ގެނެސްދޭ ކުންފުނިތަކުން ވިޔަފާރިވެރިންގެ އަތުން ފީތައް ނަގަން ފެށީ، މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ސްލޯވެ، ބޯޓު ކްލިއަ ކުރުން ލަސްވަމުންދާތީ އެވެ. ނަމަވެސް އެމްޕީއެލްގެ އާ މެނޭޖުމަންޓުން ވަނީ އެ މައްސަލަ ހައްލު ކުރަން ފިޔަވަޅު ތަކެއް އަޅަން ފަށާފަ އެވެ.