މަޝްހޫރު ސުއޭޒް ކެނަލްއަކީ ދުނިޔޭގެ ވިޔަފާރީގެ މައި އެއް މަގެވެ. މީގެ ދެ ދުވަސް ކުރިން ބިޔަ ބޮޑު، ކޮންޓެއިނާ ޝިޕް އެވަގިވަން މި މަގު ހުރަސް ކުރަނިކޮށް ވަނީ ހުރަސްވެފަ، ތާށިވެފަ އެވެ. ބޮޑު މިނުގައި 400 މީޓަރު އަދި 59 މީޓަރު ފުޅާ މި ޖަޔަންޓު ކޮންޓެއިނާ ޝިޕް ހުރަސްވުމާއެކު ދުނިޔޭގެ ހަތަރު ބިތައް ކަނޑުގެ މަގުން މުދާ އުފުލުން މިހާރު މިވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ރަތް ކަނޑާއި މެޑިޓެރޭނިއަމް ކަނޑު ހުރަސް ކުރަން މިސްރުގެ ތެރެއިން ހަދާފައިވާ މަޝްހޫރު ސުވޭޒް ކެނަލް ބަންދުވުމުގެ ސަބަބުން ކޮންޓެއިނާ ބޯޓު ތަކަށް ދަތުރު ނުކުރެވި މިހާރު ތިބީ ކިޔޫގަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ހަތަރު ބިތައް ގެންނަން ދަތުރު ކުރި އެތަށް މިލިއަން ޓަނެއްގެ މުދާ ވަނީ ސުވޭޒް ކެނަލްގެ އަނގަމަތީގަ އެވެ. މި މުދަލުގެ ތެރޭގައި ރާއްޖެ ގެންނަ ދަތުރު ކުރި މުދާ ވެސް ހިމެނެ އެވެ. މީގެ ސަބަބުން ރާއްޖެ އަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ މި ބްލޮކްގެ ސަބަބުން ރާއްޖެ ގެންނަ މުދާ ލަސް ވެދާނެ ހެއްޔެވެ؟
ސުއޭޒް ކެނަލް އިން ގިނައިން ހުރަސް ކުރަނީ ޔޫރަޕުން ދުނިޔޭގެ އެކި ހިސާބުތަކަށް ގެންދާނެ މުދަލެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެކަނި ޔޫރަޕުގެ އެކި ގައުމު ތަކުން އޭޝިއާ އާއި ފެބްރިކާ ބައްރުގެ ގައުމުތަކަށް 1.2 ބިލިއަން ޓަނުގެ ކޮންޓެއިނާ މި މަގުން ގެންގޮސްފައިވެ އެވެ. މީގެތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ ގައުމުތައް ކަމަށްވާ ޗައިނާ އާއި ޔޫއޭއީ ފަދަ ގައުމުތަކުގެ މުދާ ގިނަ އެވެ. އެހެންވެ ،މިހާރު ސުވޭޒް ކެނަލްގައި ތާށިވެފައިވާ ބޯޓުގެ ސަބަބުން ރާއްޖެ އަށް ގެންނަ މުދަލަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މި ދާއިރާގެ މާހިރުން ގަބޫލު ކުރެ އެވެ.
ކިޔޫގައި ތިބި ބޯޓު ފަހަރުގައި ރާއްޖޭގެ މުދާ
ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރާ ސެންޗޫރިއަން ކުންފުނީގެ ޗެއާމަން އަހުމަދު މައުމޫން (ކެޕްޓަން މާނު) އަވަސް އަށް ވިދާޅުވި ގޮތުގައި ސުއޭޒް ކެނަލްގައި މިހާރު ދިމާވެފައިވާ މައްސަލައިގެ ސަބަބުން ރާއްޖެ އަންނަ މުދާ ލަސްވުމުގެ ފުރުސަތު އެބައޮތެވެ.
"އަޅުގަނޑުމެންނަށް މިހާރު ލަފާ ކުރެވެނީ ޔޫރަޕުން ގެންނަ މުދާ ލަސް ވެދާނެ ކަމަށް. އެކަމަށް ބަލައިގެން މިތިބީ. ހާއްސަކޮށް މީޓް އާއި ޑްރައި ފްރުޓްސް ފަދަ އެއްޗިހި. އެކަމަކު މިކަން އިތުރަށް ގޯސްވާނީ މި ބޯޓު ކެނަލް އިން ނެގޭ މުއްދަތަކަށް ބަލާފަ،" މާނު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މިހާރު ލަފާ ކުރެވެނީ ޔޫރަޕުން ގެންނަ މުދާ ލަސް ވެދާނެ ކަމަށް. އެކަމަށް ބަލައިގެން މިތިބީކެޕްޓަން މައުމޫން | ސެކްޗޫރިއަންސް
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 200،000 ޓަނުގެ ބޮޑު ކޮންޓެއިނާ ޝިޕް ކެނަލް އިން ދުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތިން ދުވަސްވަރު ނަގާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރާ ކަމަށެވެ.
"އެކަމަކު މިއީ ވަރަށް ބޮޑު އަދި އެހާ ބުރަ މަސައްކަތެއް. މީގައި އޮތް ހިތްހަމަ ޖެހުމަކީ ކުރީގެ އޯލްޑް ކެނަލް މިހާރު ހުޅުވުން. އެކަމަކު މީގެ ސަބަބުން މުދާ އައުން ލަސް ވެގެން ދާނެ،" މާނު ވިދާޅުވި އެވެ.
އެތައް މިލިއަން ޓަނެއްގެ މުދާ ތާށިވެފައި
ސުއޭޒް ކެނަލްގައި ބޯޓުތައް ވާށިވުން ވަނީ ދުނިޔެ ކޮށިއެރުން ފަދަ ކަމަކަށެވެ. ސުއޭޒް ކެނަލް ބަންދުވިތާ ގަޑިއެއްހާއިރު ތެރޭގައި 42 ބޯޓެއް ކެނަލްގެ ތެރޭގައި ވާށިވިއެ އެވެ. އެހެންވެ އެތައް ސަތޭކަ ބޯޓެއް މި ޗެނަލްގައި ތާށިވި ކަމަށް ބެލެވެ އެވެ. މިކަމުގެ ސަބަބުން ބިޔަ ކޮންޓެއިނާ ޝިޕްތަކުން މި މަގު ހުރަސްކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ދިއުން ވަނީ ހުއްޓިފަ އެވެ.
ރާއްޖެއަކީ ޔޫރަޕުގެ ގިނަ އަދަދެއްގެ ޕްރޮޑަކްޓް ބޭނުން ކުރާ ގައުމެކެވެ. ހާއްސޮށް ރާއްޖޭގެ 150 ރިސޯޓަށް ކޮންމެ އަހަރަކު އެތަށް މިލިއަން ޑޮލަރެއްގެ ކާނާ މިމަގު ހުރަސްކޮށް ގެނެ އެވެ. އަދި ރާއްޖޭގެ ލޯކަލް ކޮންސަމްޝަންގައި ވެސް ޔޫރަޕިއަން ޕްރޮޑަކްޓްސް މުހިންމު ރޯލެއް މިހާރު އަދާކުރެ އެވެ. އެހެންވެ ތަޖުރިބާކާރުންގެ ނަޒަރުގައި ބައެއް ތަކެތި ލަސްވުމުގެ ފުރުސަތު އެބައޮތެވެ.
ޔޫރަޕުގެ ގިނަ އަދަދެއްގެ މުދާ ގެންނަ ހެޕީމާކެޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަލީ އިހުސާން ވިދާޅުވީ އެ ކުންފުނިން ވެސް ޔޫރަޕުން ގިނަ އަދަދެއްގެ މުދާ ގެންނަ ކަމަށާ، ނަމަވެސް އެ ކުންފުނީގެ މުދާ ލަސްވާނެކަން ބުނަން އެނގޭނީ ދެ ދުވަހެއް ފަހުން ކަމަށެވެ.
"މިކޮޅުން ގެންނަން ޑެއިރީ ގިނަ ޕްރޮޑަކްޓްސް ތަކަކީ ޔޫރަޕިއަން އެއްޗިހި. އެހެންވެ މި ބަލަނީ ކިހިނެއް ތޯ ވަނީ. މުދަލުގެ ލަސްކަމަށް އަންނަ ބަދަލު އަޅުގަނޑުމެން ކަސްޓަމަރުންނަށް އަންގަމުން ގެންދާނަން،" އިހުސާން ވިދާޅުވި އެވެ.
ދުނިޔެ ވިޔަފާރީގެ ދަތުރުފަތުރުގެ 12 ޕަސެންޓް ހުރަސް ކުރާ މަގު ބަންދުވުމާއެކު ދުނިޔޭގެ ބޮޑެތި އިގްތިސޯދުތައް މިހާރު އޮތީ ހާސްކަމެއްގެ ތެރޭގަ އެވެ. އެހެންވެ، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުން މަސައްކަތް ކުރަމުން ދަނީ ސުއޭޒް ކެނަލްގައި ހުރަސްވެފައިވާ ފިލިޕީންސްގެ ކޮންޓެއިނާ ޝިޕް ތާށިން ނެއްޓޭތޯ އެވެ. ދުނިޔޭގެ ވިޔަފާރި އަށް ލިބޭނެ ގެއްލުމުގެ ކުޑަ ބޮޑުމިން އެނގޭނީ މިމަގު ހުޅުވަން ނަގާ މުއްދަތެއްގެ މައްޗަަށެވެ. ހަމަ ގައިމު ވެސް މި ޗެނަލް ހުރަސް ނުކުރެވި ތިބި ބޯޓުތަކުގައި ރާއްޖޭގެ މުދާ އެބަހުއްޓެވެ. މީގެ ސަބަބުން ރާއްޖެއަށް ގެންނަ މުދާ ލަސްވެގެންދާނެ އެވެ.