މާލެ ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން ގެންދާ، 30 ޕަސެންޓުގެ ޗާޖު ކަނޑާލަން ނިންމައިފި އެވެ.
އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތް ދޭން ރޭގަނޑު 23:30 އިން ހެނދުނު 7:30 އަށް ނަގަމުން ދިޔަ 30 ޕަސެންޓުގެ ސާޗާޖު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތައް އެ މުއްދަތުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނީގެ ހެޑް އޮފް ކްލިއަރެންސް އަހުމަދު އިނާން އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ނިންމީ އެ ކުންފުނިން މި ސާޗާޖު ނަގާތީ ބައެއް އެޖެންޓުން މި ފީ ނަގާ ކަމަށް ބުނެ، އިތުރު ގިނަ ފީތަކެއް ނަގަމުންދާތީ ކަމަށެވެ. އަދި މި ބަދަލުގެ ގެނައުމާއެކު ޝިޕިން އެޖެންޓުން އެކި ނަންނަމުގައި ވިޔަފާރިވެރިންގެ އަތުން ނަގާ ފީތައް ނަގަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފީ [30 ޕަސެންޓުގެ ސާޗާޖު] އާ ވިއްދަތި ފީތައް ނަގަނީ. ބައެއް އެޖެންޓުން ޑެލިވަރީ އޯޑާ [ޝިޕްމަންޓް] އަކަށް އެބަ ނަގާ 63 ޑޮލަރު ވަރު ވެސް. މީގެ އިތުރުން އެހެން ގިނަ ނަން ނަމުގައި ފީތައް ނަގަމުންދޭ. އެހެންވެ، މި އުވާލުމުން މިހާރު އެކަން ހުއްޓެން ވާނެ ކަމަށް ދެކެނީ،" އިނާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސާޗާޖު އުވާލުމާއެކު އެމްޕީއެލްގެ އާމްދަނީ އިން ބައެއް ގެއްލިގެންދާނެ ކަމަށާ، އެހެންވެ އެކަން ފޫބައްދަން ބަދަލު ތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މިހާރުވާނީ ވޯފޭޖް ޗާޖު ހަތް ޕަސެންޓް ބޮޑުކޮށްފަ. މި ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށް އިތުރު ދައްޗެއް ނާންނާނެ. މި ފީ ސީދާ ދައްކަން ޖެހޭނީ އެމްޕީއެލްއަށް. އެހެން ފަރާތެއް މެދުވެރިކޮށް ދައްކަން ޖެހޭ ފީއެއް ނޫން މިއީ،" އިނާން ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރުން ފީތައް ނެގުމުގެ މައްސަލަ ފެންމަތި ވެގެން ދިޔައީ އަވަސް އޮންލައިންގައި "ރާއްޖޭން ބޭރުކޮށްލާ ވިޔަފާރީގެ ބޮޑު" އަދަދުގެ ނަމުގައި އާޓިކަލްއެއް ޖެހުމާ ގުޅިގެންނެވެ. މި އާޓިކަލްއަށް އިންޓަވިއު ދިން، ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ޑެލިވަރީ އޯޑަރު ދޫކުރަން ބޭރުގެ ޝިޕިން އެޖެންޓުން ނަގާ ފީތަކުގެ ސަބަބުން އެ މީހުންގެ އަތުން ބޮޑު އަދަދެއް ހޭދަވެ އެވެ. ލަފާ ކުރެވިފައިވާ ގޮތުގައި މި ފީތަކުގެ ގޮތުގައި ރާއްޖޭން ބޭރު ކުރާ ފައިސާގެ އަދަދު އަހަރެއްގެ މައްޗަށް ބަލާނަމަ 130 މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެ އެވެ.
މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް އައުމާއެކު ބޭރުގެ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ވަނީ ލާޒިމްކޮށްފަ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ދަނީ މި މައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.