ދުނިޔެ

ފިލިޕީންސްގައި މީސަލްސް ފެތުރި، 130 އަށް ވުރެ ގިނަ މަރު

Feb 19, 2019

މެނީލާ (ފެބްރުއަރީ 19) - ފިލިޕީންސްގައި މީސަލްސް ނުވަތަ ހިމަ ބިހި ފެތުރި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެގައުމުގެ ހެލްތު އޮފިޝަލުން ބުނެފި އެވެ.

އާބާދީ ބޮޑު ވެރިރަށް މެނީލާގައި ވެސް މީސަލްސް ޖެހުނު މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާއި ބަލާއިރު، 1،000 ޕަސަންޓް އިތުރުވެފަ އެވެ.

މީސަލްސް ޖެހިގެން މިހާތަނަށް މަރުވި ޖުމަލް 136 ގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަކީ، އެއްހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުޑަކުދިންކަމަށް ވެސް ހެލްތު އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ. އެ ބަލިމަޑުކަމުގައި، 8،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާއިރު، އަންނަ އޭޕްރީލް މަހާއި ހަމައަށް ބަލި ކޮންޓްރޯލް ނުކުރެވިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ހާއްސަކޮށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ފުޅާކޮށްފައިވާއިރު، ހިމަ ބިހި އިތުރަށް ފެތުރުނަ ނުދިނުމަށް ވެކްސިން ޖެހުމަށް ފިލިޕީންސްގެ ރައީސް ވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.