ހަބަރު

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމަށް އަންނަ މަހުގެ ދެވަނަ ދަވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން، އީސީ އިން ކުރި އިއުލާނެއްގައިވަނީ، މަޖިލިސް އިންތިހާބަށް ރަޖިސްޓަރީވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށްވެސް އީސީއިން ބުންޏެވެ.

އީސީން ބުނީ، އެކަމަށް އެދި ހުށަހަޅަން ޖެހޭނީ "ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ކަމަށާއި އެ ފޯމު އިންތިހާބީ މަރުކަޒު (ބާ ޖަމާލުއްދީން) އިންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއް ވަނަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ބާ ޖަމާލުއްދީނުންނާއި ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގެ އެއްވަނަ ފަންގިފިލާއިން ކަމަށެވެ.

އީސީ އިން ބުނީ، ފޯމު ހުށަހަޅަން އަންނަ މީހާއަކީ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާ ކަމަށާއި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށެވެ. އީމެއިލް ނުވަތަ ފެކުސް މެދުވެރިކޮށް ފޮނުވާ ފޯމު ބަލައެއްނުގަންނާނެ ކަމަށްވެސް އީސީ އިން ބުންޏެވެ.

އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމް ކަމަށްވެސް އީސީ އިން ބުންޏެވެ.

އީސީން ބުނީ، ރަޖިސްޓަރީ ކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:30 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9.30 އިން މެންދުރުފަހު 03:00 އަށް ކަމަށާއި ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް އީސީން ބުންޏެވެ.

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.