ހަބަރު

އިނގިރޭސި ވިލާތާއި ސިންގަޕޫރުގައިވެސް ވޯޓު ފޮށި ބަހައްޓަނީ

އެޕްރީލް ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިނގިރޭސި ވިލާތާއި ސިންގަޕޫރުގައިވެސް ވޯޓު ފޮށި ބަހައްޓަން ނިންމައިފި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގަ އެވެ. ނަމަވެސް މިފަހަރު އިލެކްޝަން ކޮމިޝަނުން ވަނީ އެ ލިސްޓަށް ބަންގްލަދޭޝްއާ ތައިލެންޑާއި އިނގިރޭސި ވިލާތާއި ސިންގަޕޫރު އިތުރުކޮށްފަ އެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ލަންޑަންގެ ރާއްޖެ އެމްބަސީގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާއިރު، ސިންގަޕޫރުގައިވެސް ވޯޓް ފޮށި ބަހައްޓަން ނިންމާފައިވަނީ ރާއްޖެ އެމްބަސީގައި އެވެ.

މީގެ އިތުރުން އިންޑިއާގައި ފޮށި ބަހައްޓަނީ ޓްރިވެންޑްރަމާއި ނިއު ދިއްލީގައި އެވެ. މެލޭޝިއާގައި ކުއަލަލަމްޕޫރްގައި އެވެ، އަދި ލަންކާގައި ވޯޓް ފޮށި ބަހައްޓަނީ ކޮލަމްބޯގައި އެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ. މިހާރު ވޯޓާސް ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ. ވޯޓާސް ލިސްޓް އާންމުކުރީ ރިޔާސީ އިންތިހާބަށް އެކުލަވާލި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓްރީކޮށްފައިވާނަމަ، ވޯޓުލާ ރަށް ބަދަލުނުވާނަމަ މިފަހަރު އަލުން ރީ ރަޖިސްޓާކުރަން ނުޖެހޭނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. އެ އިންތިހާބަށް ރީރަޖިސްޓާވާން މިހާރު ވަނީ ހުޅުވާލާފަ އެވެ.