ހަބަރު

ބޮޑު ހިޔާނާތާ ގުޅިގެން އެމްއެމްއޭގެ ވެރިންތަކަަކަށް ދައުވާ ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީން ރަށްތައް ދޫކުރުމާ ގުޅޭގޮތުން އޭސީސީން ތަހުގީގުކޮށް އާންމުކުރި ރިޕޯޓާ ގުޅޭގޮތުން އެކި ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުންގެންދާކަމަށްބުނެ، އެކަމުގެ ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން އެކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ހިމެނޭ އެސް.އޯ.އެފް ކުންފުންޏާ ގުޅޭގޮތުން އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ލިބިފައިވާ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރ) ގައި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނަ ކަމަށެވެ.

އެ ރިޕޯޓްގެ ނިންމުމުގައި އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައިނުވަނީ ވަކިފަރާތެއްގެ ނުފޫޒުން ކޮށްފައިވާކަމެއްކަމަށް އެ ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ފާހަގަކުރެވޭތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ނިންމައި، އެ މައްސާލަގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމަށް އެކޮމިޝަނުން ނިންމާފައިވާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.



ދައުވާކުރަން އެދި ފޮނުވީ، މަރުކަޒީ ބޭންކުގެ ކޮން ވެރިންނަކަށް ކަމެއް އޭސީސީން ބުނެފައިނުވި ނަމަވެސް، އޭރުގެ ގަވަރުނަރުގެ އިތުރުން، އެފްއައިޔޫގެ އޭރުގެ ހެޑް އަހުމަދު އާތިފް ޝަކޫރާއި، ސީނިއާ މެނޭޖަރު އަބްދުﷲ އަޝްރަފާއި ސުވާލުކޮށް އެ ބޭފުޅުންގެ ބަޔާންތައް އެ ރިޕޯޓުގައި އޭސީސީން ވަނީ ހިމަނާފަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، އެސްއޯއެފްއަށް ޖަމާކޮށްފައިވާ ފައިސާއަކީ އެ ކުންފުނިން ފޯރުކޮށްދިން ހިދުމަތަކަށް ލިބުނު ފައިސާ ނޫންކަން އެފްއައިޔޫގެ ތަހުގީގަށް އެނގޭއިރު، އެ މައުލޫމާތްތަކަކީ މަނީ ލޯންޑަރިންގް އަށް ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ކަމަށެވެ.

އަދި، އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީ އިން ޖަމާކޮށްފައިވާ ފައިސާކަން އެފްއައިޔޫގެ ތަހުގީގުން ހާމަވެފައިވާއިރު، އެ ފައިސާއަކީ ކޮރަޕްޝަނުން ހޯދި ފައިސާ ކަމުގައި ބެލުމުގެ ފުރުސަތު އޮތްކަން ވަނީ އޭސީސީން ފާހަގަކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކުރުން ލަސްކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭސީސީއަށް ވަނީ އަމާޒުވެފަ އެވެ. އެކަމާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކޮމިޝަނުގެ ތަހުގީގު ރިޕޯޓްތައް އާންމު ކުރުމަކީ އާންމުކޮށް އަމަލު ކުރާ އުސޫލެއް ނޫން ކަަމަށެވެ. އެހެން ނަމަވެސް އެ ތަހުގީގު ނިމުމާއެކު، ކަމާއިގުޅޭ މުއައްސަސާތަކާއި އެެރިޕޯޓް ހިއްސާކޮށްފައިވާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.