ހަބަރު

އެސްއޯއެފް އިން ލިބުނު ފައިސާގެ ތަފްސީލް މޫސަ ސާފުކޮށްދެއްވައިފި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން އެސްއޯއެފް ކުންފުނިން ލިބިފައިވާ ފައިސާގެ ތަފްސީލް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސާފުކޮށްދެއްވައިފި އެވެ.

އިއްޔެ އޭސީސީއަށް ފޮނުއްވި ސިޓީއެއްގައި، ހުޅުހެންވެއިރު ދާއިރާގެ މެމްބަރު ވިދާޅުވީ، 1989 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވިޔަފާރިކުރަމުން އައި ނަމަވެސް، އެސްއޯއެފް އާއި އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ކޮށްފައިނުވާނެކަމަށެވެ.

ނަމަވެސް، އެސްއޯއެފްގެ އެކައުންޓަކުން 100،000 ޑޮލަރު ޖަމާކޮށްފައިވާކަން އެ ރިޕޯޓުން ހާމަވުމާއެކު، އެ މުއާމަލާތް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބެއްލެވިކަމަށް މޫސާ ވިދާޅުވި އެވެ.

އެގޮތުން މޫސާ ވިދާޅުވި ގޮތުގައި، އެ ފައިސާއަކީ ސަންގު ޓީވީގައި އިސްކޮށް މަސައްކަތް ކުރައްވާ އިބްރާހިމް ވަހީދު "އަސްވާޑު" އެ ސްޓޭޝަނަށް ވަރަށް އަވަހަށް ބޭނުންވާ އިކުއިޕްމަންޓުތަކެއް ސިންގަޕޫރުން ގެންނަން ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ މުއާމަލާތެއް ކަމަށެވެ.

އެ އިކުއިޕްމަންޓުތައް ގަތުމަށް އަސްވާޑާއެކު ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވަނީ ސިންގަޕޫރުގައި އެކައުންޓެއް ނެތުމުން، އެ ގައުމުން ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިކަމަށް މޫސާގެ ސިޓީގައިވެ އެވެ.

"އަދި އެމީހުން އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން، އެމީހުންނަށް ސިންގަޕޫރުން އެ އަދަދަށް ފައިސާ ދޭނެކަމަށް ބުނުމުން، އަސްވާޑު ވަނީ 8 މާޗް 2015 ގައި އަޅުގަނޑުގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާކޮށްދީފަ،" މޫސާ ސާފުކޮށްދެއްވި އެވެ.

ނަމަވެސް، އެ ފައިސާ ޖަމާކޮށްފައިވަނީ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކަމުގައިވުމުން، އެ ފައިސާ ސީދާ ފޮނުވީ ކޮން އެކައުންޓަކުން ކަމެއް ބައްލަވާފައިވާނުވާކަމަށް މޫސަ ވިދާޅުވެފައިވެ އެވެ.

މޫސާ އިތުރަށް ވިދާޅުވި ގޮތުގައި، ހަމަ އެ ދުވަހު އެޗްއެސްބީސީގެ އެކައުންޓުން ހަތަރު ޗެކެއް މެދުވެރިކޮށް އެ ފައިސާ ވަނީ އަސްވާޑާއި ހަވާލުކޮށްފަ އެވެ.

ރަހުމަތްތެރި "ކުދިންތަކަކަށް" އެހީތެރިވި މުއާމަލާތެއްގައި، ހިޔާނާތުގެ އެފަދަ ރިޕޯޓެއްގައި ނަން ހިމެނިއިރު، އެކަމާއި އެއްވެސް ސުވާލެއް ނުކުރާކަމަށް ވިދާޅުވެ މޫސާ ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"... މިފަދަ ބޮޑު ރިޕޯޓެއް އާންމުކުރައްވާއިރު، ކަމުގެ ހަގީގަތް އޮޅޭގޮތަށް އަޅުގަނޑުގެ ނަން އެ ރިޕޯޓުގައި ޖައްސަވައި ހާމަ ކުރި ކުރުމަކީ ގާނޫނު އަސާސީގައި އަޅުގަނޑަށް ލިބިފައިވާ އެތައް ހައްގުތަކެއް ގެއްލި އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާއި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަކެވެ."

އެސީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ 57 ތަނެއް ކުއްޔަށް ދީގެން، އެކްއިޒިޝަން ކޮސްޓްގެ ގޮތުގައި ޖުމްލަ 77.5 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމްއެމްޕީއާރްސީއަށް ލިބިފައި ވަނީ 12.5 މިލިއަން އެމެރިކާ ޑޮލަރެެވެ. އަދި ބާކީ ހުރި 64.8 މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ، އެސްއޯއެފްގެ އެކައުންޓަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަސްލަހަތު އޮންނަ، މިލޭނިއަމް ކެޕިޓަލް މެނޭޖަމަންޓްގެ އެކައުންޓް އަށެވެ.

މޫސަގެ އިތުރުން، މަޖިލީހުގެ އިތުރު ދެ މެމްބަރަކަށް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް އެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އަމިއްލަ އެކައުންޓަށް 424،255 ޑޮލަރު ޖަމާކޮށްފައިވާއިރު، ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެން މަނިކު ދޮންމަނިކުގެ އެކައުންޓަށް 250،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.