ހަބަރު

"ނޮޓް ނެގޯޝިއަބްލް" ޗެކުތަކެއް ޖަމާކޮށްދިން ކަމުގެ ތުހުމަތު

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ޖަމާކުރުމަށް އަމިއްލަ ކުންފުނިތަކުން ފޮނުވި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށްދިން ކަމުގެ ތުހުމަތުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ވެސް ވަނީ އެފަދަ އެމްއެމްޕީއާރްސީގެ ނަމުގައި ބައެއް ކުންފުނިތަކުން ފޮނުވާފައިވާ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއްގެ ފޮޓޯތައް އާންމުވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާހަގަކުރެވިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން ބީއެމްއެލްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ ތަހުގީގު ކުރަމުންދާތީ ތަހުގީގަށް ފާހަގަވާ ކަންކަން މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތަކަކީ އެ ޗެކްގައި އޮންނަ ނަން ފިޔަވައި އެހެން އެކައުންޓަކަށް ޖަމާ ނުކުރެވޭނެ ޗެކްތަކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުގައިވާ ގޮތުން ބީއެމްއެލް އާއި އެހެން ބޭންކެއްގެ "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް އެމްއެމްޕީއާރްސީއަށް އެޑްރެސްކޮށް ފޮނުވާފައިވެ އެވެ. އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިނގައިދިޔަ ދުވަސްވަރުގެ އެ ޗެކްތައް ބޭންކުން ޖަމާކޮށްދީފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން އެ ހިޔާނާތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ގެއްލިފަ އެވެ. ހިޔާނާތާ ގުޅިގެން އަބަދުވެސް ބީއެމްއެލްއިން ބުނަމުން ދަނީ އެކަމުގައި އެ ބޭންކުގެ ދައުރެއް ނެތް ކަމަށެވެ. އަދި "ނޮޓް ނެގޯޝިއަބްލް" ޗެކްތަކުގެ ތުހުމަތު މީގެ ކުރިން ވެސް އަމާޒުވިއިރު ބޭންކުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ބޭންކުން ބުނަނީ އެފަދަ އެއްވެސް ޗެކެއް އެސްއޯއެފްއަށް ޖަމާކޮށްދީފައިނުވާނެ ކަމަށެވެ. މިފަހުން މާލިއްޔަތު ކޮމެޓީގައި ވެސް ބީއެމްއެލްއިން އެކަން ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މީގެކުރިން އެޑިޓް އޮފީހާއި އޭސީސީގެ ތަހުގީގު ރިޕޯޓްތަކުގައި ވެސް އެމްއެމްޕީއާރުސީގެ ނަމުގައި އެންޑޯސް ކޮށްގެން އެސްއޯއެފްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއްގެ ވާހަކަ އޭރު އެ ރިޕޯޓްތަކެއްގައި ނެތެވެ. މިފަހުން އޭސީިސިއިން މަޖިލީހުގައި ވަނީ ބީއެމްއެލްއިން ބައެއް މައުލޫމާތުތައް ހޯދުމަށް މީގެކުރިން ދަތިތަކާ ކުރިމަތިވި ކަމަށް ބުނެފަ އެވެ.