ހަބަރު

ރައީސް ޔާމީނާމެދު ސަރުކާރުން އަނިޔާވެރިވެއްޖެ: ޕީޕީއެމް / ޕީއެންސީ

Feb 19, 2019
5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ މެދު މި ސަރުކާރުން އަނިޔާވެރިވެފައިވާ ކަމަށް ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފި އެވެ.

ރައީސް ޔާމީންގެ ފިކުރަށް ތާއީދު ކުރާ، އެ ދެ ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރަސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންއަކީ ބަންދުގައި ބެހެއްޓެން ޖެހޭ ބޭފުޅެއް ނޫން ކަމަށާއި އެއީ އެމަނިކުފާނު ހެކި ފޮރުވަން ނޫޅުއްވާނެ ކަން ރައްޔިތުންނަށް މިހާރު ވެސް ހާމަވެފައިވާ ކަމަށެވެ. އެގޮތުން އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު މިހުރިހާ ދުވަހު ވެސް އެކައުންޓުގައި ހުންނެވި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަތް ނަމަ ހެކި ފޮރުވެން އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެކަން ނުކުރެއްވާ ސާބިތުކަމާއެކު ހުންނެވީ އެއްވެސް ކުށެއް ނުކުރައްވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީންއަށް ޔަގީންކަން އޮތް އެމަނިކުފާނުގެ އެކައުންޓުގައި ހައްގު ނޫން ގޮތުގައި ޖަމާވެފައިވާ ފައިސާއެއް ނުހުންނާނެކަން، އަދި އެމަނިކުފާނަށް ޝަރިއަތުގެ މަޖިލީހުގައި އެކަން ދިފާއު ކުރެއްވޭނެކަން. އެހެންވެ ހެޖި ފޮރުވަފާނޭ ވިދާޅުވެ ބަންދު ކުރި ކުރުމަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރަކީ އަނިޔާވެރިކަމާ ދެކޮޅަށް އައި ސަރުކާރެއްކަމަށް ބުނަމުން ދިޔަ ކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު އެ ބޭފުޅުން ކުރައްވާ ކަމާ މެދު ސުވާލު އުފައްދާލަން ޖެހޭ ކަމަށެވެ. ރައީސް ރައީސް ޔާމީން ޖަލުގައި އެންމެ ގަޑިއިރެއް، އެންމެ ސިކުންތެއް ވެސް އިންނަވަން ޖެހިވަޑައިގަންނަވާތީ ދެރަވާ ކަމަށާއި އުސޫލުތަކުގެ ބޭރުން ހިފާ ހައްޔަރު ކުރެވިގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ޖަލުގައި ގިނަ ދުވަހު ނުބެހެއްޓޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ މިއަދު ވެސް ހައްޔަރުކޮށްފާނެ ކަމަށް ތައްޔާރު ވެގެން ކަމަށެވެ. ނަމަވެސް ހައްޔަރު ކުރިޔަސް ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ނުހުއްޓޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އިދިކޮޅު ހަރަކާތްތައް އިތުރަށް ފޯރިގަދަ ވާނެ ކަމަށާއި ގައުމަށް ހިޔާނާތްތެރިވާ ފަރާތްތަކުން ބަލި ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕު ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ރައީސް ޔާމީން ކުށެއް ނުކުރައްވާކަން ސާބިތު ވަނީ އެމަނިކުފާނު އެއްވެސް ތަނަކަށް ފިއްލެވުމެއް ނެތި ހިތްވަރާއެކު ހުރިހާ ކަމަކާ ކުރިމަތިލައްވާތީ ކަމަށެވެ. ކުރިން ބައެއް ސިޔާސީ ފަރާތްތަކަށް ވާ ގޮތަށް ހޭނެތުމާއި ހޮސްޕިޓަލަށް ދުވުމާއި މައިބަދައިގެ ރިއްސުމެއް ރައީސް ޔާމީންގެ ފަރާތުން ނުފެންނަ ކަމަށާއި ޖަލުގައި ބެހެއްޓުމުން ގޮތްތަކެއް ވާތަން ވެސް ނުފެންނަ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރައްޔިތުންގެ އެންމެ މުހިންމު އެއް އަސާސަކީ އަދުލު އިންސާފު. އެއީ ލިޔެވިފައި އޮންނަ ގާނޫނު އަސާސީގެ ދަށުން ހެދިފައި ހުންނަ ގާނޫނު ތަކާއި ގަވައިދުތަކަށް ފުރިހަމައަށް އިހުތިރާމު ކުރުމަކީ ރައްޔިތަކު ގައުމަށްޓަކައި ދައްކާނެ އެންމެ ފުރިހަމަ ލޯބި. އެއީ ރައީސްއަކަށް ރައިސް ކަން ކުރެއްވި ބޭފުޅަކަށް އާންމު ފަރުދަކަށް އެ ހުރުމަތްތެރިވެގެން ވާ އާންމު އުސޫލުތަކަށް ތަބާވެ މިސާލު ދެއްކުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ރައިސް ޔާމީންގެ ފަރާތުން އަޅުގަނޑުމެންނަށް ފެންނަނީ މިދެންނެވި މިސާލު،" ނިހާން ވިދާޅުވި އެވެ.